ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން އިހްތިޖާޖު ކުރަނީ

ގާނޫނުއަސާސީގެ ބަދަލުތައް ބާތިލުކުރަން ހުށަހެޅި މައްސަލައަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް ތަދައްހުލްވެއްޖެ

އެ ދެ ޕާޓީން ބުނީ އެއީ ގާނޫނުއަސާސީގެ ބާރުކެނޑިގެންދާ ގޮތަށް އަދި ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި ގާނޫނު ފާސްކުރުމުގައި މަޖިލީހުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށް
24 ނޮވެމްބަރު 2024
1

ޕާޓީން ވަކިވުމުން ނުވަތަ ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް މި ފަހުން ގެނައި ބަދަލުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަށް އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ތަދައްހުލް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

ތަފްސީލް - އެ މައްސަލައިގައި ތަދައްހުލްވާން ނިންމިކަން އިއުލާނުކޮށް އެ ދެ ޕާޓީން ވެސް ވަނީ ވަކިވަކިން ބަޔާން ނެރެފަ އެވެ.

މައި އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ:

  • ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ ބާރުކެނޑިގެންދާ ގޮތަށް އަދި ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި ގާނޫނު ފާސްކުރުމުގައި މަޖިލީހުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ގެނެސްފައިވާ އިސްލާހެއް

  • އެ އިސްލާހު ގެނެސްފައިވަނީ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާނެ މަންދޫބަކު ހިޔާރުކުރުމަށް ރައްޔިތުންނަށް ލިބިފައި އޮތް ހައްގު އެކީ ނިގުޅައިގެންދާ ގޮތަށް

"... [އެ އިސްލާހުން] ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ނިންމެވުމަށް މަރުހަބާ ކިޔައި އެ މައްސަލައިގެ ތެރެއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ތަދައްހުލް ވުމަށް ނިންމާފައިވާކަން އެންހެނާ ދިވެހި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ:

  • އެންޓި-ޑިފެކްޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލުމަކީ އުސޫލީ ގޮތުން އެ ޕާޓީން ތާއީދުކުރާ ކަމެއް

  • ނަމަވެސް އަވަސް އަރުވާލައިގެން ގެނައި އިސްލާހުތަކަކީ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލައި ގާނޫނުއަސާސީގެ ކިތަންމެ ތަސައްވުރަކާ ދެކޮޅަށް އޮތް އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑާ ހިލާފު ކަމެއް

  • މި އިސްލާހުގެ ސަބަބުން ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ނިމުމަކަށް އައުމާ އެކު، ރައީސްގެ މުށުތެރެއަށް މަޖިލިސް ގެންދާނެ

  • ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމު އުވި އަދި ދައުލަތުގެ ހުރިހާ ބާރުތަކެއް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އައުމާއި ރައްޔިތުންގެ ކިބައިގައި އެ ބާރުތައް ދެމިއޮންނަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ބަޔާންކުރުމާ ހިލާފުވެފައިވާ ކަމެއް

  • މަޖިލީހުގެ މެމްބަރުން މަޖިލީހުގައި ދައްކާ ވާހަކަތަކާއި ވޯޓު ދޭ ގޮތާއި މިފަދަ އެއްވެސް ކަމަކުން އެއިން މެމްބަރެއްގެ މައްޗަށް އެއްވެސް ތަހުގީގެއް، ދައުވާއެއް އަދި ޝަރީއަތެއް ވެސް ނުހިންގޭނެހެން ސީދާ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިމްތިޔާޒުތައް ނިގުޅައިގަނެ، އިންތިހާބީ މަގާމުތަކުގެ ދެމިއޮތުމާއި ނެތުން ސިޔާސީ ޕާޓީއަކުން އައްޔަންކުރާ ފިޔަވަޅު އަޅާ ކޮމިޓީއެއްގެ ބާރުގެ ދަށަށް ގެންނާނެ

  • މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަދުވެގެން ބޭނުންވާ އަދަދަށް ވުރެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދުގެ ތެރެއިން އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެމްބަރުންގެ އަދަދު އިތުރުވެފައިވާ މިހާރުގެ ހާލަތް ފަދަ ހާލަތެއްގައި، އެއްވެސް ސަބަބަކާ ހުރެ އެ ޕާޓީއެއްގެ ލީޑަޝިޕަށް ނުވަތަ ފިޔަވަޅު އަޅާ ކޮމިޓީއަށް ފެނި، އެ މެމްބަރުން ނުވަތަ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ އަދަދު ހަމަނުވާނެ މިންވަރަށް މެމްބަރުން ވަކިކޮށްފި ހާލަތުގައި މުޅި ނިޒާމު ހުއްޓުމަކަށް އައިސް، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓި، ވަކި ސިޔާސީ ޕާޓީއެއްގެ އަތްމައްޗަށް ދައުލަތުގެ އެންމެހާ ބާރުތައް ނެގުމުގެ ފުރުސަތު ހޯދާނެ

"މައިގަނޑު މި ތިން ސަބަބާ އަދި މީގެ އިތުރުން މިހާރު އިންތިހާބުކުރެވި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް މެމްބަރުން އިންތިހާބުކުރެވުނުއިރު ސިޔާސީ ޕާޓީއަކަށް ފެނިއްޖެ ހާލަތުގައި އެ މެމްބަރުގެ ގޮނޑި ގެއްލުވާލުމަކީ ހުޅުވިފައި އޮތް ފުރުސަތަކަށް ނުވުމާ އަދި މި އިސްލާހުގައި ވެސް ހިނގަމުންދާ ދައުރުގެ މަޖިލިސް މެމްބަރުންނާ ގުޅޭ ސާފު ބަޔާންކުރުމެއް ނެތި އާންމު މާނަކުރުމަށް ޖާގަ ހުޅުވާލެވިފައިވުމާ އަދި މިނޫން ވެސް ގާނޫނުއަސާސީ އާއި ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލު ގެނުވާ އަދި ފުށުއަރާ ކިތަންމެ ކަމެއް ފާހަގަކުރެވޭ...،" ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.

ފަސްމަންޒަރު - ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް މިދިޔަ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެގޮތުން، ހެނދުނު ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ފަހު، މެންދުރުފަހު މުޅި މަޖިލީހުގެ ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި ފާސްކުރި އެވެ. އެ ދުވަހު ހަވީރު ވަކި ޖަލްސާއެއް ފަށައި ތަޅުމުން ބިލު ފާސްކުރުމަށް ފަހު، އިރުއޮއްސެންވާއިރަށް ރައީސް މުހައްމަދު މުއިއްޒު ބިލު ތަސްދީގު ކުރެއްވި އެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީއަށް ގެނައި އެންމެ ބޮޑު ބަދަލަކީ މެންބަރުކަން ގެއްލޭ ހަތަރު ހާލަތެއް ބަޔާންކުރުމެވެ. އެއީ:

  • 1-

    ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވައި އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގަތުން

  • 2-

    މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެވަޑައިގަތުން

  • 3-

    މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޭފުޅާ ޕާޓީން ވަކިކުރުން

  • 4-

    އަމިއްލަ ގޮތުން ވާދަކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެވަޑައިގަތުން

ދެން ގެނައި އިސްލާހުތަކަކީ:

  • މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އަސްކަރީ ބޭނުމަށް ބޭރުގެ ބަޔަކަށް ރާއްޖޭގެ ތަނެއް ދީގެން ނުވާނެ

  • ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިކޮނޮމިކް ސްޕެޝަލް ޒޯނުގެ ސަރަހައްދު ހިމަނައި އެއަށް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ 3/4 މެޖޯރިޓީން ފާސްކޮށްގެން

  • ގައުމީ ތަރައްގީގެ ޕްލޭން އެކަށައެޅުން، ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި ހިމެނުން

ކޮމެންޓް (1)

އާނު

25 ނޮވެމްބަރު 2024
އެމް ޑީ ޕީ ކުރީގައި ތިބެގެން ވެރިކަން ކުރެވޭ އުމުރު ބަޔާން ކުރާ މާއްދާ ބަދަލެއް ނުކުރޭތަ؟ ޕާރޓީ ބަދަލު ނުކުރާނެ ކަމަށް ކަލާންގެ ގަންދީ ހުވާ ނުކުރޭތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް