އެޓާނީ ޖެނަރަލް އަހުމަދު އުޝާމް؛ ސުޕްރީމް ކޯޓު ބެންޗު ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަހުމަދު އުޝާމް

ސުޕްރީމް ކޯޓު ބެންޗު ބަދަލުކުރާކަށް ސަރުކާރަކުން ނޫޅޭ: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް 'ދައުރު'އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކޮށް ނޫނީ ބޮޑުކޮށްގެން ވެސް ބަދަލުތަކެއް ގެންނަން މަސައްކަތް ނުކުރައްވާ ކަމަށް
11 ޑިސެމްބަރު 2024
4

ގާނޫނަކަށް ބަދަލު ގެނެސްގެން ވެސް އަދި އެ ނޫން ގޮތަކަށް ވެސް ސަރުކާރަކުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް މަސައްކަތް ނުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އިދިކޮޅު އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުން ރައްޔިތުންގެ މަޖިލީސް ސަރުކާރުގެ ބާރުގެ ތެރެއަށް ގޮސްފައިވާ ކަމަށާއި ދެން ސަރުކާރުގެ އަމާޒަކަށް ވާނީ ސުޕްރީމް ކޯޓް ކޮންޓްރޯލް ކުރުން ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ފެނިގެންދާނެ، މި ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ، ހަގީގަތުގައި މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އުޝާމް މިއަދު 'ދައުރު' އަށް ވިދާޅުވީ އެއީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނު ފަހުން މި ހިނގި ހަ މަހެއްހާ ދުވަހު ސަރުކާރުން އެކަން ނުކުރާ ކަން ވެސް އުޝާމް ފާހަގަ ކުރެއްވި އެވެ.

"ޖުޑީޝަރީ މިނިވަންކޮށް ހިންގުމުގެ ފުރުސަތު އޮންނާނެ. ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު އެއްވެސް މަތީ ކޯޓެއްގެ ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައެއް ނޯންނާނެ. ސަރުކާރު އޮތީ ސަރުކާރުންވީ ވައުދުގެ މަތީ، ޖުޑީޝަރީ މިނިވަންކޮށް ހިންގަން ފުރުސަތު ދީގެން،" އުޝާމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ނޫނީ ބޮޑު ކުރުމަށް ގާނޫނަށް އެއްވެސް ބަދަލެއް ގެނައުމުގެ މަސައްކަތެއް ހިނގަމުންދޭތޯ ސުވާލުކުރުމުން އުޝާމް ވިދާޅުވީ އެއީ ވެސް ސަރުކާރުގެ ވިސްނުން އޮތް ކަމެއް ނޫން ކަމަށެވެ. އެފަދަ ބަދަލެއް ގެންނަން ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ވެސް ނެތް ކަން އުޝާމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް ބެލެވެނީ އެ ބޭފުޅުން [އެމްޑީޕީގެ ލިޑާޝިޕުން] ވިދާޅުވަނީ އެ ސަރުކާރުގައި ކަން ކުރި ގޮތުގެ ވާހަކަ [ހެން]. އޭރު ސަރުކާރަށް އެއް އަހަރުވީ އިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންތަކަކަށް ފިޔަވަޅު އަޅަން ފެށި. އަޅަމުން ގޮސް މުޅި ބެންޗު ބަދަލުކުރެއްވި،" އުޝާމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާނެ ކަމަށް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރުމަށް އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަން ފާހަގަ ކުރެއްވުމަށް ފަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ ކޯޓަށް ބަލައިގަތް ނަމަވެސް ޝަރީއަތް އަދި ނުފަށަ އެވެ. ކޯޓު އޮތީ ޗުއްޓީގަ އެވެ.

އެނގުން މުހިންމު - ޕީއެންސީ ލީޑްކުރައްވާ ބޭފުޅުން ކުރިން ހިންގެވި ޕީޕީއެމްގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރި އެވެ. އޭރު ގާނޫނަށް ގެނައި ބަދަލަކުން ބެންޗު ކުޑަކުރުމަށް ފަހު ނާގާބިލް ކަމަށް ބުނެ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އަދި މިހާރު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާން މަޖިލީހުން ވަކިކުރި އެވެ.

އޭގެ ފަހުގައި އޭރު ހުކުމްކޮށްފައިވާ އިދިކޮޅު ލީޑަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން 1 ފެބްރުއަރީ 2018ގައި ކުރި އަމުރު ތަންފީޒުނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކުރުމަށް ފަހު އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް މަގާމު ގެއްލުވާލި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގި ކަމެވެ. އޭރު އެމްޑީޕީގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އާއި ރައްޔިތުންގެ މަޖިލީހުގައި އޮތުމުން ކުރިން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަކިކޮށް މުޅި ބެންޗު ބަދަލުކުރި އެވެ. މިހާރު ތިއްބެވީ އޭރު އައްޔަންކުރި ފަނޑިޔާރުންނެވެ.

ކޮމެންޓް (4)

ޙ ހުސައިން

11 ޑިސެމްބަރު 2024
ޔޫ ޓަރން އެލަރޓް. މާކް މައި ވާޑް.
2 1

ތައުފީގް

11 ޑިސެމްބަރު 2024
މި އާޓިކަލް ލިއުނު ކުއްޖާއަށް ނޭގެނީކަންނޭގެ ސޯލިހު ސްްޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރިކަން
1 3

ތެފައާސާ.

11 ޑިސެމްބަރު 2024
ގަބޫލުކުރަން ކިތަންމެ ބޭނުންވިއަސް މި ސަރުކާރުން މި ބީދައިން އަޑުހަރުކޮށް ދައްކާ ހަމަ ކޮންމެ ވާހަކައެއް އޭގެ އަނެއްކޮޅަށް ނިމޭތީވެ މި ވާހަކަވެސް ގަބޫލުކުރަން ކުޑަކޮށް ދަތިވާހަކަ ނަންގަނެލަމެވެ. ދެއްވި ފުރުސަތަށް ޝުކުރިއްޔާ!!
1 1

ދޮގުވެރިޔާ

11 ޑިސެމްބަރު 2024
ތިޔަހެން މި ސަރުކާރުން ބުނެފިތަ. ޔަގީން ބަދަލުކުރާނެ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް