ޕީއެންސީ ކުރިން ބޭއްވި ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މެމްބަރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ގަރާރެއްގެ ސިފައިގައި މަޖިލިހަށް ވައްދަން ޕީއެންސީގެ މެމްބަރުން ދެކޮޅު ހަދައިފި

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެގޮތަށް އެދިވަޑައިގަތުމުން ބައެއް މެމްބަރުން ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލާނީ ޖޭއެސްސީން ކަމަށް

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރަން ޕީޕީއެމް/ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ކިބައިން މިއަދު އެދިއްޖެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، ގިނަ މެމްބަރުން އެކަމަށް ދެކޮޅު ހެއްދެވި އެވެ.

ވީ ކިހިނެއް؟ - ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި އޮތް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުުގައި ބައިވެރިވެވަޑައިގަތީ ކޮމިޓީތަކުގައި ހިމެނޭ ޕީއެންސީގެ މުގައްރިރުންނާއި ނައިބު މުގައްރިރުންނާ އެކު މިއަދު 1:15ގަ އެވެ.

ތަފްސީލް - މި ބައްދަލުވުމުގައި ޕީޖީ ލީޑަރު އިބްރާހިމް ފަލާހް އެދިވަޑައިގަތީ، އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ގަރާރެއް ހުށަހެޅުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ މައްސަލަ ބަލާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކަމަށް ގިނަ ބޭފުޅުން ވިދާޅުވެ، އެކަމާ ދެކޮޅު ހެއްދެވުމުން ގޮތެއް ނުނިމި ބައްދަލުވުން ނިންމާލީ އެވެ.

'ދައުރު'އާ ވާހަކަދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި:

  • ސަރުކާރުން ބޭނުންވަނީ ސުޕްރީމް ކޯޓުގައި މިހާރު އޮތް މަޖިލީހުގެ ގޮނޑި ގެއްލޭ މައްސަލައިގެ ކުރިން ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ގަރާރުތަކެއް ހުށަހަޅަން

  • އެ ގަރާރުތައް ފާސްކޮށްގެން ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީއަށް އަންގަން

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ. ފަނޑިޔާރުންގެ މައްސަލަ ބަލަން ވާނީ ޖޭއެސްސީންނެވެ.

މެމްބަރުންގެ ހިޔާލު ތަފާތުވުމުން މިއަދުގެ ބައްދަލުވުމުގައި ދެން ވާހަކަ ދެއްކީ އެކަމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމުމަށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެވަގުތު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް އޮތުމުން އެ މަޝްވަރާ ރައީސް މުއިއްޒުއާ އެކު ކުރެވިފައި ނުވާކަމަށް ވެ އެވެ.

އެނގުން މުހިންމު - ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލައި ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވައި، މަޖިލިހުގެ ތަޅުމުގައި ވޯޓު ނަގައިގެންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ގަރާރެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން މެމްބަރުންގެ ކިބައިން އެދިފައި މިވަނީ އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށައަޅައި، އެ މައްސަލަ ކުރިއަށް ދަނިކޮށެވެ.

އެއީ ކޯޓުގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ބަންޑާރަނައިބުގެ ފަރާތުން ވަކާލަތުކުރެއްވި ނަމަވެސް ފަނޑިޔާރުން ނިންމީ މައްސަލަ ބެލޭނެ ކަމަށެވެ. ކެންދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރު ކުރެއްވި އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ހުށައެޅުއްވި މައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

އިދިކޮޅު އެމްޑީޕީން ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު ތިއްބެވި ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން އުޅޭ ކަމަށެވެ. އެހެންވެ އަލީ ހުސައިން ވަނީ މައްސަލާގައި ގޮތެއް ނުނިމެނީސް ފަނޑިޔާރުންގެ މައްސަލަތައް ބެލުން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް (1)

ކޮސް

23 ފެބްރުއަރީ 2025
ޑުރާމާ ޖައްސަން ނޫންކަމަށް ހަދަން އުޅޭނެކަމެއްނެތް. މިހާރު ރާއްޖެ ސަލާމަތްކުރުމަށް ކިރިޔާވެސް ބާރެއް ލިބެންއޮތީ ސުޕުރީމްކޯޓުވީމަ އެކަން އެގޮތަށް އޮތުމަކީ ވެރިމީހާ ރުހިވަޑައިގަންނަވާ ކަމެއްނޫންކަން އެންމެނަށްވެސް އެނގޭ!!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް