ގަޟާއީ އާ އަހަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން - (ފޮޓޯ/ ރައީސް އޮފީސް)
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލު މަޖިލީހުން ބަލައިގެންފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރާ ގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދު ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގެ ބަހުސް ފެށީ މިއަދުގެ މަޖިލިސް ޖަލްސާގަ އެވެ.
އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ނިންމައި މިއަދު ބިލު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން، ބިލު ބަލައިގަތުމަށް ފާސްވީ 64 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ބިލުގެ ތަފްސީލު ކިޔާލަން
ތަފްސީލު - ބިލާ ދެކޮޅަށް ވޯޓު ދެއްވި 12 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 11 މެންބަރަކާއި އަމިއްލަ ގޮތުން އައްޑޫ މީދޫ ތަމްސީލު ކުރައްވާ އަބްދުއްރަހްމާނެވެ.
ޖުމްލަ 12 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީ ޕީޖީ މެންބަރުންގެ ތެރެއިން މި ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.
ޖުމްލަ 75 މެންބަރުންގެ މައްޗަށް އެކުލެވޭ ޕީއެންސީގެ ޕީޖީ މެންބަރުންގެ ތެރެއިން 10 މެންބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އެއީ:
-
1-
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
-
2-
އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު
-
3-
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު
-
4-
ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު
-
5-
ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު
-
6-
ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
-
7-
ތިިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
-
8-
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު
-
9-
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
-
10-
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް
އެ މެންބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވި ސަބަބެއް އަދި ސާފެއް ނޫނެވެ.
މި ބިލާ ގުޅޭ ގޮތުން އިއްޔެ ޕީއެންސީގެ ޕީޖީން ބޭއްވި ބައްދަލުވުމުގައި ގިނަ މެންބަރުން މި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ނިންމާފައި އޮތީ ސަރުކާރުން އަންގާ ގޮތަކަށް އަމަލު ކުރަން މެންބަރުން އެއްބަސްވާނެ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި މި ބިލަށް ތާއިދު ކުރުމަށް ޕީއެންސީގެ ލީޑާޝިޕުން ނިންމާފައިވާކަން މެންބަރުންނަށް އަންގާފައިވެ އެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ލީޑަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް (ކާނަލް ނާޒިމް) އަދި އެމްޑީއޭގެ ނައިބު ލީޑަރު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި ނަމަވެސް މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
މި ބިލު ބަލައިގަތުމަށް ފާސްވުމާ އެކު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ބިލުގެ ބަހުސްގެ ހަބަރުތައް:
ބިލުގެ ހުލާސާ
ބިލު ހުށަހަޅާފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިބި ހަތް ފަނޑިޔާރުންގެ ބަދަލުގައި ފަސް ފަނޑިޔާރުން ކަމަށް ހެދުމަށެވެ. މީގެ ނަތީޖާއަކީ، މިހާރު އެ ކޯޓުގައި ތިބި ދެ ފަނޑިޔާރުން މަގާމުން ވަކިވާނެ އެވެ. އެގޮތުން:
-
ބިލު ގާނޫނަށް ވުމާ އެކު، ގިނަވެގެން ފަސް ދުވަސް ތެރޭ ވަކި ކުރާ ދެ ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވަން ޖެހޭ
-
މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަސް ތެރޭ އެ މީހުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ
-
އެ ޓައިމްލައިންގައި މިކަންކޮށް ނިންމުމަށްޓަކައި މަޖިލީހުގެ ގަވައިދާއި އެހެން ގާނޫނުތަކުގައި ބައެއް ކަންކަމުގައި ބަލަން ޖެހޭ މުއްދަތުތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ނުވަތަ އިސްތިސްނާއެއް ގެނައުމުގެ ބާރު މަޖިލީހަށާއި ޖޭއެސްސީސީއަށް ދީފައިވޭ
ފާހަގަކޮށްލެވޭ ކަމެއް - މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މިދިޔަ އާދިއްތަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީއަށް އެ މަނިކުފާނު އައްޔަންކުރައްވާފައިވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކޮށް، އެ މަގާމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު އަދި އެކައުންޓިން ދާއިރާއިން ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ޔަޒުމީދު މުހައްމަދު އައްޔަންކުރައްވާފަ އެވެ.
ކޮމެންޓް (2)
ހަސަންފުޅު
ސިކުނޑި