ފަނޑިޔާރު ހުސްނުއްސުއޫދު، ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި ވާހަކަ ދައްކަވަނީ - (ސްކްރީންޝޮޓް)

ސުއޫދު ސުވާލު އުފެއްދީ މަޖިލީހުގެ އިމްތިޔާޒާ މެދު؛ މަޖިލީހުގެ އިމްތިޔާޒުގެ ހައްގުގައި ކުރަން ޖެހުނު ކަމެއް ކުރާނަން: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ފުރަތަމަ ވެސް އިޝާރާތްކުރެއްވީ ސުޕްރީމް ކޯޓުން ޝަރީއަތް ހިންގައި އޭނާއަށް ކުރި ހުކުމަށް. މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދަކީ އޭރު ނާޒިމްގެ ދިފާއީ ވަކީލު
25 ފެބްރުއަރީ 2025
3

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު އުފެއްދެވީ މަޖިލީހުގެ އިމްތިޔާޒުތަކާ މެދު ކަމަށާއި މަޖިލީހުގެ އިމްތިޔާޒުތަކުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކުރުމަށް ފަސްނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ބެންޗު ކުޑަކުރަން ހުށައެޅި ބިލަށް މަޖިލީހަށް މިއަދު ވަނީ ބަހުސް ފަށައިފަ އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގެ ބަހުސްގައި، ދިއްގަރު ދާއިރާ ތަމްސީލްކުރައްވާ ނާޒިމް ވާހަކަ ދެއްކެވީ ވެސް މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައިގެ ޝަރީއަތާ ގުޅޭ ގޮތުންނެވެ.

ތަފްސީލް - ނާޒިމްގެ ވާހަކަ ފަައްޓަވަމުން ފުރަތަމަ ވެސް އިޝާރާތްކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭނާ 25 އަހަރަށް ޖަލަށް ލުމަށް އޭރުގެ ސުޕްރީމް ކޯޓުން ހުކުމްކުރި މައްސަލައަށެވެ. އޭރު ނާޒިމްގެ ވަކީލެއް ގޮތުގައި މަސައްކަތް ކުރެއްވީ ސުއޫދުކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ނާޒިމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އެ ކޯޓުން ޝަރީއަތް ހިންގައިގެންނެވެ. ޝަރީއަތް ހިންގާނީ ދަށު ކޯޓުން ކަމާއި އެއީ އިސްތިއުނާފުގެ ކޯޓަކުން ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ނާޒިމް މިއަދު ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ލިބިދޭ ބާރެއް ނޫން ކަމަށެވެ.

"މިހާރު ސުޕްރީމް ކޯޓުގައި އިންނެވި ފަނޑިޔާރަށް [ސުއޫދަށް] ސުޕްރީމް ކޯޓުން ކަންތައް ކޮށްގެން ނުވާނެ ގޮތް ވަރަށް ގާތުން، އަޅުގަނޑުގެ ވަކީލަކަށް އިންނެވި ދުވަހު ފެނިވަޑައިގަންނަވާނެ. އެ ދުވަހު އަޅުގަނޑުގެ ވަކީލަކީ ހުސްނުއްސުއޫދު،" ނާޒިމް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ނާޒިމް ދެން އިޝާރާތްކުރެއްވީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރަށެވެ. އެއީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން، ބޭނުންވެއްޖެ ކޮންމެ ކަމެއްގައި ގާނޫނު ހެދުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމެވެ.

އެއީ މަޖިލީހަށް ލިބިދޭ އިމްތިޔާޒެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ އިމްތިޔާޒާ މެދު ސުވާލު އުފެއްދިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ބެންޗުން އެ ކަމާ ގުޅޭ ގޮތުން ސުވާލު އުފެއްދުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަޖިލީހުގެ އިމްތިޔާޒުތަކާ ގުޅޭ ގޮތުން ވެސް މިހާރު އޮތް ސުޕްރީމް ކޯޓުން ސުވާލު އުފެއްދި މަންޒަރު ފެނުނު. ސުވާލަކީ މިހާރު ގާނޫނުއަސާސީގައި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް އޮއްވައި އިސްލާމް ދީން ނޫން ކަމަށް ނިންމައިފިއްޔާ ދެން މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ހެއްޔެވެ؟،" ސުއޫދުގެ ސުވާލަކަށް އިޝާރާތްކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ބެންޗާ މެދު ވިސްނާލަން ޖެހޭ. އިސްލާމް ދީނާ ހިލާފު ކަމެއް މަޖިލީހަށް ބަލައިނުގަނެވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައި އޮއްވައި އެ ހާލަތުގައި ވެސް އެ ސުވާލު އުފެއްދީ. މި މަޖިލީހުގެ އިމްތިޔާޒުތަކުގެ ހައްގުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ފަސްނުޖެހޭނެ އަޅުގަނޑުމެންނެއް."

ނާޒިމް އެހެން ވިދާޅުވި ނަމަވެސް ފަނޑިޔާރު ސުއޫދު އެ ދުވަހު އެ ސުވާލުކުރެއްވީ މުޅިން އެހެެން ކަހަލަ މިސާލެއް ދައްކަވަމުންނެވެ. ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ނުވަތަ ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް، ބަންޑާރަ ނައިބުގެ ފަރާތުން ވަކާލާތުކުރި އެވެ. އެހާ ހިސާބުން ފަނޑިޔާރު ސުއޫދު މިސާލަކަށް ނެންގެވީ މުޅިން ހިޔާލީ މައްސަލައެކެވެ. އެ ހިޔާލީ މިސާލު ނެންގެވީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަދަލުނުކުރެވޭނެ ކަމަކަށް ރައްޔިތުންގެ މަޖިލިހުން ބަދަލެއް ގެނެސްފި ނަމަ ދެން އެކަން ބަލާނީ ދައުލަތުގެ ކޮން ތަނަކުންތޯ އެވެ.

ގާނޫނުއަސާސީއާ ގުޅޭ ގޮތުން ނަމަވެސް ދުސްތޫރީ މައްސަލައެއް ނުކުމެއްޖެ ނަމަ އެކަން ބެލުމުގެ ބާރު ގާނޫނުއަސާސީން މިހާރު ލިބިދީފައި އޮތީ ސުޕްރީމް ކޯޓަށެވެ. އެކަމަކު ދައުލަތުން އެ ދުވަހު ބުނި ގޮތުން ނަމަ އެ ބާރެއް ސުޕްރީމް ކޯޓަށް ވެސް ނުލިބެ އެވެ. އެހެންކަމުން ސުއޫދު އާއި ފަނޑިޔާރު އައިޝާ ޝުޖޫން ވެސް ހިޔާލީ މިސާލުތަކަކުން ދައުލަތުގެ ވަކީލާ ސުވާލުކުރެއްވި އެވެ.

މިއަދުގެ ބަހުސްގައި ނާޒިމް ސުޕްރީމް ކޯޓަށް ފާޑުވިދާޅުވީ އެ މިސާލުތަކަށް އިޝާރަތްކުރައްވަ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ސިޔާސީ މަސްރަހުގެ އޮއިވަރުގައި މިހާރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ޖެހިފަ އެވެ.

"މި ފެންނަނީ ސިޔާސީ އޮއިވަރުގައި ޖެހެން ނުޖެހޭ ބަޔަކު އެ އޮއިވަރުގައި ޖެހޭ ތަން. ސިޔާސީ ވެރިން ޖަހާ ބެރަކަށް ނަށަން ތައްޔާރުވާން ތިބޭ ތަން. މިއީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އެންމެ މުނާސަބަތު ވަގުތު ނޫން ކަމަށް ބައެއް ބޭފުޅުން ދެކުނަސް، މި ބިލު ބަލައިގަނެ ދިރާސާކުރަން ތާއީދުކުރަން،" ނާޒިމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އިއްޔެ މެންދުރުފަހު މި ބިލާ ގުޅޭ ގޮތުން މަޝްވަރާކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އެއްވި އެވެ. އެ ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް ރޭގެ ވަގުތެއްގައި އެ ބިލަށް ތާއީދުކުރަން މެންބަރުންނަށް ޕީއެންސީގެ ލީޑާޝިޕުން އެންގި އެވެ.

ކޮމެންޓް (3)

ތެފައާސާ.

25 ފެބްރުއަރީ 2025
އިސްލާމްދީން ނޫން އެހެން ދީނަކަށް ގައުމެއްގައި ފުރުސަތު ދިނުމަކީ އިސްލާމްދީނުގެ ކޮން އަސްލަކާއި ޚިލާފުކަމެއްބާ؟ ނާޒިމްމެން އަނގަ އޮތީތީ އެއްޗެކޭ ކިޔަނީ، ސައިޒުކޮށްފައި ތިބޭލެއް ބޮޑުކަމުން ތިކަހަލަ ކޮންމެވެސް އެއްޗެއް ކިޔާލައިގެން ހަމަޖައްސާލައިގެން ތިބެލަން މިހާރު ޖެހޭނީ.
4 1

ތިއުތީ

25 ފެބްރުއަރީ 2025
ބަލަގަ. ސުޕްރީމް ކޯޓުގެ އިމްތިޔާޒަކާ ނޫންތަ ތިބެހެނީ؟ ނާޒިމަށް ހުކުމްކުރި ބެންޗު ބަދަލުކުރީމާ އެކަމާ ވެސް ނާޒިމު މިއަދު ތި އަންނަނީ ރުޅި. ކޮބާ ގޮތެއް ހަމައެއް؟
3 0

ބަލާވެރިކަމެއް

25 ފެބްރުއަރީ 2025
ދެން ކަލޭ ތިތަނަށް މުހުތާޒު މުހުސިން ލީމަ ހުންނާނީ ސިޔާސީ ނުވެ އާން
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް