ޕީއެންސީގެ ޕީޖީގެ ނައިބު ލީޑަރު އިބްރާހިމް ޝުޖާއު (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ފަނޑިޔާރުން ވަކިކުރާ ބިލަށް ޕީއެންސީ ޕީޖީގެ ފުރިހަމަ ތާއިދު އެބައޮތް: ޝުޖާއު

ޝުޖާއު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ 'ސިޔާސީ ކަންކަމަށް' ގޮތް ނިންމުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާ ކަމަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ޕީއެންސީ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް އެ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލިސް މެންބަރުން ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން އޭނާ ކަނޑާލުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް އޮތީ މައްސަލައެއް ހުށަހަޅާފަ އެވެ. އެގޮތުން:

  • އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުރިހަމަ ބެންޗުން ނިންމާފައިވަނިކޮށް، އޭގެ ތެރެއިން ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، ފަސް ފަނޑިޔާރުން ތިބޭ ގޮތަށް ހެދުމަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ވަނީ ފަށާފައި

  • ޕިއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސަތާރު މުހައްމަދު 'އަމިއްލަ ގޮތުން' ހުށަހެޅި އެ ބިލާ މެދު އެ ޕާޓީގެ ޕީޖީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައި؛ ނަމަވެސް މި ބިލުގެ ބަހުސްގައި ޝުޖާއު ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ޕީޖީގެ ހުރިހާ މެންބަރުންގެ ތާއީދު އެ ބިލަށް އެބައޮތް

މި ބިލަށް ތާއީދު ކުރަން އަޅުގަނޑު ނިންމީ ވަރަށް ކެރިހުރެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ރާއްޖޭގެ ކޯޓުތަކަށް ލިބިގެން ނުވޭ.

އިބްރާހިމް ޝުޖާއު / ޕީއެންސީ ޕީޖީގެ ނައިބު ލީޑަރު

ބުނީ ކީކޭ؟ - "އަބްދުއްސައްތާރު ހުށަހަޅުއްވާފައިވާ މި ބިލަށް އަޅުގަނޑު ވަރަށް ފުރިހަމައަށް ތާއީދު ކުރާ ވާހަކަ ދަންނަވަން. އަދި އަޅުގަނޑުމެންގެ ޕާޓީގެ މުޅި ޕާލިމަންޓްރީ ގްރޫޕުން މި އިސްލާހަށް ތާއީދު ކުރާ ވާހަކަ މި ފުރުސަތުގައި ދަންނަވާލަން،" ބިލަށް ބަހުސް ކުރައްވަން ފައްޓަވަމުން ޝުޖާއު ވިދާޅުވި އެވެ.

ތަފްސީލު - ވާހަކަ އިތުރަށް ކުރިއަށް ގެންދަވަމުން ޝުޖާއު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން އެވެ. އެއާ އެކު، އޭނާ ވިދާޅުވީ:

  • ގާނޫނުއަސާސީ ތަސްދީގުވުމާ އެކު އެންމެ ފުރަތަމަ އޮތް އިންތިގާލީ ސުޕްރީމް ކޯޓުގައި ތިބެން ޖެހެނީ ފަސް ފަނޑިޔާރުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވޭ

  • އެގޮތަށް ލިޔެފައި ވަނީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޑްރާފްޓިން ކޮމިޓީގެ ވިސްނުމަކީ ދާއިމީ ސުޕްރީމް ކޯޓުގައި ވެސް ތިބެން އެންމެ ރަނގަޅީ ފަސް ފަނޑިޔާރުން ކަމަށް ވެދާނެ

  • ނަމަވެސް، 2010 ވަނަ އަހަރު އޭރު އެމްޑީޕީގެ ސަރުކާރުގައި ގާނޫނު އިސްލާހުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމަށް ކަނޑައެޅި

  • ޕީޕީއެމް ސަރުކާރުގައި، 20214 ވަނަ އަހަރު، އޭރު އޮތް 18 ވަނަ މަޖިލީހުން އަނެއްކާވެސް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަަދު ހަތަކުން ފަހަކަށް މަދުކުރި

"އޭރު ވެސް އަޅުގަނޑުމެން [ޕީޕީއެމް މެންބަރުން] ގަބޫލު ކުރާ ގޮތުގައި ޑްރާފްޓިން ކޮމިޓީން އިންތިގާލީ މަރުހަލާގައި [ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް] އޮންނަން ޖެހޭނެ އަދަދެއް ކަމަށް ކަނޑައެޅި އަދަދަކީ އެންމެ މުނާސަބު އަދަދު ކަމަށް. އެހެންވެ، އިހު އޮތް ގޮތަށް ބަދަލު ކުރީ،" 18 ވަނަ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ މެންބަރުކަން ކުރެއްވި ޝުޖާއު ވިދާޅުވި އެވެ.

މަޖިލިސް ޖަލްސާގައި ޝުޖާއު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެގޮތަށް ބަދަލުކޮށްފައި އޮއްވާ އަނެއްކާވެސް 2019ގައި އޭރު އޮތް 19 ވަނަ މަޖިލީހުން ސުޕްރީމް ކޯޓުގެ އަދަދު ފަހަކުން ހަތަކަށް ބަދަލު ކުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތަށް "ސުޕްރީމް ކޯޓުގެ ބެންޗާ ކުޅުމަކީ އާ ކަމެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ [ޕީއެންސީގެ] އިއްޒަތްތެރި މެންބަރަކު މި ބިލު ހުށަހެޅީމަ އަޅުގަނޑުމެންނަށް ތާއީދު ކުރަން ވެސް މި ޖެހުނީ. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހެއް އޮތުން ކަމަށް އެންމެ ރަނގަޅީ،" ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި، މި ބިލު ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމަށެވެ. ހާއްސަކޮށް، ސުޕްރީމް ކޯޓުގައި މިހާރު އޮތް މެންބަރުންގެ ގޮނޑީގެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ:

  • ފަނޑިޔާރުންނަށް އަނިޔާވެރިވާ ވާހަކަ އާއި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ވާހަކަ އެމްޑީޕީން ދެއްކުމަކީ ލަދުވެތި ކަމެއް

  • އޭރުގެ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިޔާނާތުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ހުކުމް ނެރެން ތައްޔާރުވެފައި އޮއްވައި އެ މައްސަލަ ބެއްލެވި އޭރު އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ސްލޫކީ މައްސަލައެއް ބަލަން ފެށި؛ މިހާރު އެ މައްސަލަ ވެސްވީ 'ޖަމަލު ފޮނޑިއަކަށް'

"މި ބިލަށް ތާއީދު ކުރަން އަޅުގަނޑު ނިންމީ ވަރަށް ކެރިހުރެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ރާއްޖޭގެ ކޯޓުތަކަށް ލިބިގެން ނުވޭ،" ޝުޖާއު ވިދާޅުވި އެވެ.

އޭގެ އިތުރުން، އޭނާ ވިދާޅުވީ ރާއްޖޭގައި މިއޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ.

ސަރުކާރުން "ރައްޔިތުންނަށް ހިދުމަތް ކުރަމުންދާތީވެ"، އިދިކޮޅުން އުޅެނީ އެކަން ހުއްޓުވުމަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެއް ގޮތް ނެތް ނަމަ، އަނެއް ގޮތުން ވެސް އެކަން ކުރުމަށް މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވައިގެން ވެސް އެކަން ކުރެވޭތޯ ގޮތެއް ހޯދަން އުޅެނީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ގާނޫނު ހެދުމާއި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ މުތުލަގަށް މި އިއްޒަތްތެރި މަޖިލީހަށް ލިބިދީފައިވާ ބާރެއް. މި ބާރުގެ ތެރެއަށް އެހެން ބާރަކަށް ނުވަދެވޭނެ. ރާއްޖޭގެ ޝަރުއީ ދާއިރާއަށް ވެސް ނުވަދެވޭނެ އަދި ވެރިކަން ހިންގުމުގެ ބާރަށް ވެސް މި ބާރުގެ ތެރެއަށް ނުވަދެވޭނެކަން އަޅުގަނޑުމެން ހުރިހާ އިއްޒަތްތެރި މެންބަރުން އަދި މި އިއްޒަތްތެރި މަޖިލީހުން ޖެހޭ ކަށަވަރު ކުރަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް