ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ - (ފޮޓޯ/ މަޖިލީސް)

ސަރުކާރު ދަމަހައްޓަން ހަދާ ގޯހުގެ ގެއްލުން މެންބަރުންނަށް ވެސް ކުރާނެ؛ އަބަދުވެސް ގެއްލުންވި: ގަފޫރު

މެންބަރު އަބްދުއްގަފޫރު މޫސާ ވިދާޅުވީ ސަރުކާރު ދަހައްޓަން ކޮންމެ ފަހަރަކު ވެސް އެ ސަރުކާރު ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް؛ ނަމަވެސް އެއިން ހެޔޮ ނަތީޖާއެއް މެންބަރުންނަށް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި
25 ފެބްރުއަރީ 2025
1

އޭރެއްގެ ސަރުކާރު ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޯސް ހެދުމުން އެ މެންބަރުންނަށް މީގެ ކުރިން ގެއްލުން ވެސް ދެއްކި ކަމަށާއި އެކަން ތަކުރާރުނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުއްގަފޫރު މޫސާ މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ބެންޗު ކުޑަކުރަން ހުށައެޅި ބިލަށް މަޖިލީހަށް މިއަދު ވަނީ ބަހުސް ފަށައިފަ އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލުގެ ބަހުސްގައި ޕީއެންސީގެ މެންބަރުން ގެންދެވީ ބިލަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ގިނަ މެންބަރުންތަކެއް ބިލާ ދެކޮޅު ހައްދަވާފައި ވަނިކޮށް ޕީއެންސީގެ ލީޑާޝިޕުން ރޭ ވަނީ މެންބަރުން ބިލަށް ތާއީދުކުރަން އަންގައިފަ އެވެ.

ބުނީ ކީކޭ؟ - ބިލުގެ ބަހުސްގައި، މެންބަރު ގަފޫރު ވިދާޅުވީ ސަރުކާރު ދަމަހައްޓަން ކޮންމެ ފަހަރަކު ވެސް އެ ސަރުކާރުގެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. ނަމަވެސް ގައުމަށް ގެއްލުންވާނެ ފަދަ ނިންމުންތައް ސަރުކާރު ދަމަހައްޓަންވެގެން ކުރުމުން މެންބަރުންނަށް ވެސް ވާ މޮޅެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ މެންބަރަކު ވެސް މަސައްކަތް ވެސް ކޮށްފިން، ސަރުކާރުތައް ދަމަހައްޓަން. އެކަމަކު ސަރުކާރު ދަމަހައްޓަން ކުރާ [ގޯސް] މަސައްކަތުން ހެޔޮ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ވެސް ވަކިނުވޭ. ތިޔަ ބޭފުޅުންނަށް ނުވާ ގެއްލުމެއް އަޅުގަނޑުމެންނަކަށް ނުވާނެ، އަޅުގަނޑުމެންނަށް ވާ ގެއްލުމެއް ތިޔަ ބޭފުޅުންނަށް ވެސް ވާނެ،" ގަފޫރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު އޮތް ކަމަށް ގަފޫރު ވިދާޅުވިި އެވެ. މިހާރު އޮތް ސުޕްރީމް ކޯޓުން މިހާތަނަށް ނިންމި ނިންމުންތަކަށް ބެލުމުން ވެސް ނުފޫޒަށް ނުޖެހި، އިންސާފުން ހުކުމްކުރި ކަން ފެންނަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ. ސުޕްރީމް ކޯޓަށް މި ގޮތަށް 'ކުޅުމުން' އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ތަކުރާރުކޮށް ގަފޫރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓު ބަދަލުކޮށްގެން އެއަށް ކުޅެން އުޅުނު ސަރުކާރުތައް ދެމިއޮތްތޯ. އެ ސުވާލުގެ ޖަވާބު އަޅުގަނޑު ނުބުންޏަސް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ސާފުކޮށް އެނގޭނެ ހަމަ.

އަބްދުއްގަފޫރު މޫސާ / ހަނިމާދޫ ދާއިރާގެ މެންބަރު


"ސުޕްރީމް ކޯޓުން ގޯހެއް ހަދާފައި ނެތްހާ ހިނދެއްގައި ސުޕްރީމް ކޯޓަށް މި މަޖިލީހުގެ ސިޔާސީ އަތް ބާނައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށް މިއަދު ގައުމަށް ކީއްތޯ ކުރަން މި އުޅެނީ؟،" ސުވާލުތަކެއް ކުރައްވަމުން ގަފޫރު ވިދާޅުވި އެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލި ފަހުން އައި ހަތަރު ރައްޔިތުންގެ މަޖިލީހުގައި ވެސް އިންނެވި އެމްޑީޕީގެ ހަމައެކަނި މެންބަރު ގަފޫރު ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ފެނުނީ ގައުމަށް ވުރެ ރައީސް ބޮޑުވެގެން އުޅޭ މަންޒަރު ކަމަށެވެ. މިއަދު އެ ކަން މާ ބޮޑަށް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ މެންބަރުން ނުޖެހޭ ސަރުކާރުން ބުނާ ހުރިހާ ކަމެއް ކުރާކަށް. މި މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ އިހުސާސްތައް އެނގިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކަން ކުރަން މެންބަރުން ހޮވީ،" ގަފޫރު ވިދާޅުވި އެވެ.

"މި ގައުމު، މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ވާ މީހާއަށް ވުރެ ބޮޑުވާން ޖެހޭ. އެކަމަކު ހުރިހާ ސަރުކާރުތަކެއްގައި މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ގައުމަށް ވުރެ ބޮޑުވާ ތަން."




ކޮމެންޓް (1)

މިސާލު

25 ފެބްރުއަރީ 2025
ޝާއިއު ކުރުމުގެ ކުރިން ރަނގަޅަށް ކިޔާލަން ފެނޭ. އޭރުން ޖެހޭ ކޫސަނި ކުށްތައް މަދުވާނެކަން ޔަގީން. މިސާލު. ދަހައްޓަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް