ރައީސް މުއިއްޒު (ވ)، އުއްތަމަ ފަނޑިޔާރު މުއުތަސިމް (ކ) އާ ސަލާން ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ޖުޑިޝަރީ

'ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން މި ނިންމީ'، ނިމިއްޖެތަ؟

ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް ލިބިއްޖެ ނަމަ ޖުޑިޝަރީ ކޮންޓްރޯލް ކުރުމުގެ ފުރުސަތު އޮންނާނެ. ޖޭއެސްސީއަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް އަބަދުވެސް އޮންނަނީ ފަހަތު ފަޔަށް ބުރަވެފައި
25 ފެބްރުއަރީ 2025

"ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން، އެކަން މި ނިންމީ."

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް މުހައްމަދު މުއިއްޒު، ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު، ވިދާޅުވި ވާހަކަފުޅެވެ.

މި ވަރުގެ ޔަގީންކަމެއް އެމަނިކުފާނު ދެއްވަން ޖެހުނީ ކީއްވެގެން ކަން އަހަރެމެން އެންމެންނަށް ވެސް އެނގެ އެވެ. މާޒީގެ ތަޖުރިބާ ހިތިވީމަ އެވެ. ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވި ކަމަށް ގަބޫލުކުރަން ޖެހޭ އެތައް ކަމެއް ހިނގީމަ އެވެ. ޖުޑިޝަރީ މިިނިވަންކުރުން، ރިޔާސީ ވައުދަކަށް ކޮންމެ ފަހަރަކު ވެސް އެބަ ވެ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް ލިބިއްޖެ ނަމަ ޖުޑިޝަރީ ކޮންޓްރޯލް ކުރުމުގެ ފުރުސަތު އޮންނާނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް އެކަން އެ މަގުން ހިނގި އެވެ. މި ދަނީ ހިނގަމުންނެވެ.

ސަރުކާރާއި މަޖިލިސް އެއް ޕާޓީއަކަށް ލިބުމުން ފަނޑިޔާރުގެއާ ހަމައަށް އަތް ފޯރަން ޖާގަ ލިބެނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށެވެ. ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން، މަޖިލީހާއި ސަރުކާރު އެއް ޕާޓީއަކަށް ލިބިއްޖެ ނަމަ، އެ ކޮމިޝަނުގެ މެޖޯރިޓީ ވެސް އެބަ ލިބެ އެވެ.

އެ ކޮމިޝަނަކީ ފަނޑިޔާރުންގެ ކަންކަން ބެލުމަށް އޮންނަ މިނިވަން މުއައްސަސާ އެވެ. ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމުގެ ބާރު އޮވެ އެވެ. ފަނޑިޔާރަކު ވަކިކުރުމަށް އޮންނަ އިޖުރާއަތަކީ ވެސް އެ ކޮމިޝަނުން އެ ގޮތަށް ނިންމައިގެން، މަޖިލީހަށް ފޮނުވުމަށް ފަހު މަޖިލީހުން ފާސްކުރުމެވެ.

ޖޭއެސްސީ މެދުވެރިކޮށް އެމްޑީޕީގެ ސަރުކާރުގައި ޖުޑީޝަރީއަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރައްވައި، އެންމެ ހަރު އަޑުން ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ވެސް މިހާރުގެ ރައީސް މުއިއްޒެވެ.

"ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮންނަ ގޮތުން ޖޭއެސްސީގެ ކޮންޓްރޯލް އަދިވެސް އޮތީ މިހާރު އޮތް މަޖިލީހުގެ ބޭފުޅުންނަށް، ޖޭއެސްސީގެ ރައީސަކީ ވެސް އެމްޑީޕީގެ ބޭފުޅެއް. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ބޭފުޅެއް ޖޭއެސްސީގައި އިންނަވާ. އެމްޑީޕީގެ ފުލް ބާރު އެބަ އޮތް،" ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީއަށް އައްޔަން ކުރެއްވި ރައީސްގެ މެންބަރު، ޔަޒްމީދު މުހައްމަދުއާ މަގާމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ - (ފޮޓޯ/ރައީސް އޮފީސް)

ޖޭއެސްސީ އޮތީ އެ ގޮތުގައި؛ ބާރު ޕީއެންސީއަށް

ޖޭއެސްސީ އެކުލެވުން ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ހުށަހެޅުއްވީ ވެސް ސިޔާސީ މީހުންނާއި، ފަނޑިޔާރުން ހިމެނޭހެން ދައުލަތުގެ އެއްވެސް މަގާމެއްގެ ހައުސިއްޔަތުން އެ ކޮމިޝަނުގެ މެންބަރުކަން ނުލިބޭ ގޮތަށް އޮތުމަށެވެ.

"އެއްވެސް މަގާމެއްގެ ސަބަބުން ލިބޭ ޕޮޒިޝަނަކަށް ޖޭއެސްސީގެ މެންބަރުކަން ވެގެން ނުވާނެ، ތިއްބަވަން ޖެހޭނީ ޖުޑިޝަލް ދާއިރާގެ ބޭފުޅުން، ރިޓަޔަޑް ޖަޖުން މިސާލަކަށް. މިހާރު އޮތް ބިލަށް ބަދަލެއް ގެނެސްގެން ދެވެން އޮވެއްޖެއްޔާ އެއީ އަޅުގަނޑު ވެސް އެދޭ ގޮތް،" އިންތިހާބީ ރައީސްގެ ގޮތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބުމުގެ ކުރީގައި ރައީސް ވިދާޅުވެފައި އެ ވަނީ އޭރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާ އެކު ވެސް ކުރިއަށް ގެންގޮސް ޖޭއެސްސީ ބަދަލުކުރުމަށް އުޅުމަކީ އެމަނިކުފާނު ވެސް އެންމެ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.

ނަމަވެސް ސަރުކާރަށް ދޮޅު އަހަރު ވާން ދާއިރު ޖޭއެސްސީ އެ އޮތީ އޮތް ގޮތަށެވެ.  ޖޭއެސްސީގެ އެކުލެވުން ބަޔާންކޮށްފައި އޮންނަނީ ގާނޫނުއަސާސީގަ އެވެ. އެއް ދުވަސް ތެރޭގައި ގާނޫނުއަސާސީއަށް އެކި ބަދަލުތައް ގެނައި އިރު ވެސް ޖޭއެސްސީގެ އެކުލެވުމަށް ބަދަލެއް ނުގެނެ އެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ތިބި ނަމަވެސް އެންމެ ފުރަތަމަ ދެ ރިޔާސީ ދައުރުގައި ކޮމިޝަނުގެ ރައީސްކަން ކުރެއްވީ ފަނޑިޔާރުންނެވެ. ފުރަތަމަ ފަހަރަށް ކޮމިޝަނުގެ ރިޔާސަތު ސިޔާސީ ބޭފުޅަކަށް ދެއްވީ މިދިޔަ ވެރިކަމުގެ ތެރޭގަ އެވެ. ކޮމިޝަންގެ ރައީސަކަށް އޭރުގެ މެންބަރު ހިސާން ހުސައިން ހަމަޖެއްސުމުން އެންމެ ބޮޑަށް ފާޑުވިދާޅުވީ މި ސަރުކާރުގެ އިސް ބޭފުޅުންނެވެ.

އެކަމަކު މި ސަރުކާރުގައި ވެސް އެ ކަމަށް ބަދަލެއް ނާދެ އެވެ. މަޖިލިސް އިންތިހާބަށް ފަހުގައި ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވުމަށް ފަހު ދެން އެ މަގާމަށް ގެންނެވީ މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އެވެ. އަނެއްކާވެސް ކޮމިޝަނުގެ ރިޔާސަތު ހިމެނޭހެން، ރައީސް ވިދާޅުވެފައިވާ ފަދައިން، ފުލް ޕަވަރު މި ފަހަރު މި އޮތީ ޕީއެންސީއަށެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް އާއި މާފުށި ދާއިރާގެ މެންބަރު ރިޒާ ޖޭއެސްްސީގެ މެންބަރު ކަމުގެ ހުވާ ކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)

ގާނޫނުއަސާސީ އެކުލަވާލެއްވި ހާއްސަ މަޖިލީހުގައި ވެސް އިންނެވި، ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ދެއްކެވި ވާހަކައެކެވެ؛ މައްސަލައަކީ ޖޭއެސްސީގައި ސިޔާސީ ބަޔަކު ތިބުމެއް ނޫނެވެ. މައްސަލައަކީ ނުފޫޒު ފޯރުވޭ ވަރަށް ސިޔާސީ މީހުން ކޮމިޝަނުގައި ގިނަވުމެވެ. އަދި ހާއްސަކޮށް ރިޔާސަތު ސިޔާސީ މީހަކަށް ދިނުމަކީ ވަރަށް ބޮޑު ގޯހެކެވެ.

"ގިނަ ގައުމުތަކުގައި އެ މުއައްސަސާގެ ޗެއާއަކީ ވެސް އުއްތަމަ ފަނޑިޔާރު. ރާއްޖޭގެ މިހާރު އޮތް އެކުލެވުމުގައި ގޯހަކީ މަޖިލީހުގެ ބާރު ގަދަވުން. މިހާރު އަނެއްކާ ޗެއާކަން ވެސް ދިނީ މަޖިލީހުން އެ ތަނަށް ހަމަޖެއްސި އެ މަޖިލީހުގެ މެންބަރު. އެއީ ގޯހެއް،" މުއިއްޒު ވިދާޅުވި އެވެ.

މި ދިޔަ މަޖިލީހުގައި ޖޭއެސްސީ ބަދަލުކުރަން އެންމެ ބޮޑަށް ވަކާލާތުކުރެއްވި މެންބަރަކީ، އޭރު ޕީޕީއެމް އެކަމަކު މިހާރު ޕީއެންސީގެ މެމްބަރު މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގެވެ. ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން މިދިއަ ދައުރުގައި ތޯރިގު ތިން ފަހަރެއްގެ މަތިން ބިލެއް ހުށަހެޅުއްވި އެވެ. ފަހުން އެ ސަރުކާރުން ހުށަހެޅި ބިލުގައި ސިޔާސީ މީހުން ތިބީތީ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"މި ބިލުގައި މަޖިލީހުގެ މެންބަރު އެބައިން، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކު އެބައިން. އަނެއްކާވެސް މި މަޖިލީހުގެ ބާރު މާ ބޮޑަށް އެބަ ގަދަވޭ. ސިޔާސީ ބަޔަކު ނިންމާ އެއްޗަކަށް މި ޖޭއެސްސީ ވެގެން މި ދަނީ،" ތޯރިގު އޭރު ވިދާޅުވި އެވެ.

ތޯރިގު ހިމެނޭހެން މި ވަގުތު ޕީއެންސީގެ އިސް ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމަށް ބަދަލެއް ނާދެ އެވެ. ހަމައެކަނި ބަދަލުވީ ހާލަތެވެ. ބާރުގައި ތިބި ބަޔެކެވެ. އޭރުގައި އެމްޑީޕީ އެވެ. މިހާރު ތޯރިގުމެންގެ ޕީއެންސީ އެވެ. 

ޖުޑީޝަރީއަށް އިތުބާރު ލިބޭނީ ޖޭއެސްސީ މިނިވަންކޮށްގެން ކަމަށް ވަކާލާތުކުރެއްވި އަނެއް ބޭފުޅަކީ މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރަކަށް ހުންނެވި އުޝާމް އޭރު ދެއްވި އިންޓަވިއުތަކުގައި ވާހަކަ ދައްކަވާފައިވަނީ އެ މޭރުމުންނެވެ.

"ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭހާ ހިނދަކު ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއް ބަޔަކު ހަމަ ސުވާލު އުފައްދާނެ. ސަރުކާރަށް ތާއީދުނުކުރާ މީހުންގެ އިތުބާރެއް ޖޭއެސްސީއަކަށް ނޯންނާނެ. އެ އިތުބާރެއް ޖުޑީޝަރީއަކަށް ނުދާނެ،" ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ޖޭއެސްސީގައި މިހާރު އިންނަވާ އުޝާމް ކުރިން ވިދާޅުވެފައިވެ އެވެ.

ބެންޗު ކުޑަކުރުން؛ ކުރިން ވެސް ފެނުނު އުކުޅެއް

ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން 'މި ހިނދުން މި ހިނދަށް' ހުއްޓުނީ ކަމަށް އެ ދުވަހު ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިދިޔަ މަހެއްހާ ދުވަހު ކަން ހިނގަމުންދިޔަ މަންޒަރުތައް ހުރީ އެ ގޮތަކަށް ނޫނެވެ.

ސަރުކާރުން ހުށަހަޅައިގެން، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކެއް ބާތިލްކުރަން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައެއް ކުރިއަށް ގެންދަން ކޯޓުން ނިންމާފައި ވަނިކޮށް ޕީއެންސީގެ ސީނިއާ މެންބަރުން މިދިޔަ އާދީއްތަ ދުވަހު އެއްވި އެވެ.

ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބުން އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑާޝިޕް މެންބަރުން ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ގޮވާލަން ގަރާރުތަކެއް މަޖިލީހަށް ހުށަހެޅުމަށެވެ. ނަމަވެސް އެ ގޮތަށް ކުރިއަށް ދާން އޭރު ތިއްބެވި ގިނަ މެންބަރުންނަށް އެއްބަސް ނުވެވުނީ އެވެ.

"[ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް] ފަލާހު ސަރުކާރުން ބޭނުންވަނީ ސުޕްރީމް ކޯޓުގައި މިހާރު އޮތް މަޖިލީހުގެ ގޮނޑި ގެއްލޭ މައްސަލައިގެ ކުރިން ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ގަރާރުތަކެއް ހުށަހަޅަން. އެ ގަރާރުތައް ފާސްކޮށްގެން ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީއަށް އަންގަން،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

ދެން ފެނުނީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ބިލެއް ހުށަހެޅުއްވި ތަނެވެ. ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ފަށާނެ އެވެ. އޭގެ ކުރިއަށް އިއްޔެ ޕާލިމެންޓްރީ ގްރޫޕް ބައްދަލުވި އެވެ. ލީޑާޝިޕް މެންބަރުން ރައީސްގެ ފަރާތްޕުޅުން ލޮބީ ވެސް ކުރެއްވި އެވެ.

"ފަލާހު ވަރަށް ބޮޑަށް މަސައްކަތްކުރެއްވި މެންބަރުންނަށް ވިސްނައިދޭން އެ ބިލު ފާސްކުރުމަށް. ލޮބީކުރީ ސަރުކާރަށް އެންމެ ރަނގަޅު ގޮތޭ ކިޔާފައި ވިސްނައިދޭން. އެކަމަކު ގިނަ މެންބަރުންތަކެއް ވާހަކަ ދެއްކެވީ އެ ކަމާ ދެކޮޅަށް،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

ޕީއެންސީގެ އެ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވީ ވެސް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް، އެ ފަނޑިޔާރުން ވަކިކުރެވޭ ގޮތަަށް މި ބިލު ހުށަހެޅުމެވެ.

ޕީއެންސީގެ މެންބަރުން ފާހަގަކުރައްވާ ގޮތުގައި ބިލު ފާސްކުރުމުން އެއިން ބާރު ލިބެނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ވެސް މި ކަން ކައިރިން ބަލާނެ އެވެ. މިއިން ސަރުކާރަށް ލިބޭނީ ގެއްލުން ކަމަށް ގިނަ މެންބަރުންނަށް ގަބޫލުކުރެވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު ވެރިކަންކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ވެސް ބަދަލުކުރި އެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި، ފަނޑިޔާރު މުއުތަސިމް އަދުނާނުގެ މަގާމު ގެއްލުވައިލީ ގާނޫނަށް އެ ބަދަލު ގެނެސްގެންނެވެ. އެ ބޭފުޅުންގެ ފަރާތްޕުޅުން އެއްވެސް މައްސަލައެއް ނުފެނި އެވެ.

މި ދަނޑިވަޅުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ ހަމަ އޭގެ ކޮޕީއެކެވެ. ފަނޑިޔާރުން ވަކިކުރުމާއި އައްޔަންކުރަން މުއްދަތުތައް ވެސް ބަޔާންކޮށްފައި އެބަ އޮތެވެ. އޭރުގައި ވަކި ކަމަކާ ދިމާކޮށްފައި އެ ކަން ނުކުރިޔަސް މިފަހަރު މިއީ އެންމެނަށް ވެސް ފެންނާނެ ފަދައިން، ސުޕްރީމް ކޯޓުގައި ވަކި މައްސަލައެއް އޮތް ދަނޑިވަޅުގައި ހުށަހެޅި ބިލެކެވެ.

އެހެންވުމުން މިއީ ސުޕްރީމް ކޯޓަށް ބާރު ފޯރުވަން، ނުފޫޒު ފޯރުވަން ގެންގުޅޭ އުކުޅެކޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ބާރު ލިބޭނެ ގޮތަކަށް ސަރުކާރުންނާއި މަޖިލީހުން ކަން ކުރުމަށް ވުރެ ރަނގަޅު ވާނީ ވެސް ސުޕްރީމް ކޯޓަށް މި މައްސަލަ ބަލަން ފުރުސަތު ދިނުން ކަމަށް ގަބޫލުކުރެވެ އެވެ.

ޖުޑީޝަރީއަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނައުން އަބަދުވެސް ފެންނަނީ ފަހަތު ފަޔަށް ބުރަވެފައި އޮންނަ ތަނެވެ. ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވެނީ ޖޭއެސްސީން ކަން މިހާރު ހުރިހާ ސިޔާސީ ޕާޓީއަކުން ބުނެފި އެވެ. ވެރިކަންކުރުމުގެ ފުރުސަތު ލިބޭ މައި ދެ ޕާޓީން ވެސް އެ ކަމަށް އެއްބަހެވެ. އެކަމަކު އެ ބަދަލު އަންނަ ތަނެއް ނުފެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް