ޕީއެންސީ ޕީޖީގެ ނުސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ފަނޑިޔާރުން ވަކިކުރާ ބިލުގެ ވޯޓުގައި ބައިވެރި ނުވި މެންބަރުނަށް ފީއެންސީން ފިޔަވަޅު އަޅަނީ
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރާ ގޮތަށް ހުށަހެޅި ބިލު ބަލައިގަތުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަތް ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ފަލާހު މިގޮތަށް ވިދާޅުވީ މެންބަރުންނަށް ފޮނުއްވި މެސެޖެއްގަ އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަލައިގެންފަ އެވެ.
ޕީއެންސީގެ ލީޑާޝިޕުން ވަނީ މި ބިލަށް ތާއީދު ކުރުމަށް މެންބަރުން އަންގައި، ތްރީލައިންވިޕެއް ނެރެފަ އެވެ.
ތަފްސީލު - އެ 10 މެންބަރުން ވޯޓުގައި ބައިވެރިނުވި މައްސަލާގައި ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އެންމެ ފުރަތަމަ ނުރުން ފާޅުކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
"ޕާޓީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން އެއްވެސް ފަހަރަކު،" މަޖިލީހުގައި އެ ބިލު ބަލައިގަތުމަށް ވޯޓު ނެގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ރައީސް މުއިއްޒު އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ލިޔުއްވާފައިވެ އެވެ.
ރައީސް އެ މެސެޖު ފޮނުއްވިތާ އޭގެ ތިން މިނެޓު ފަހުން، ޕީޖީ ލީޑަރު ފަލާހު އެ ގްރޫޕަށް މެސެޖު ކުރެއްވި އެވެ.
"ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ގަސްތުގައި ވިޕްލައިންއާ ހިލާފުވާ ބޭފުޅުންނާ މެދު ގަވައިދުގައި އޮންނަ ފިޔަވަޅު އަޅާނަން،" ފަލާހު ލިޔުއްވި އެވެ.
ވިޕާ ހިލާފުވުމުން ގަވައިދުގައިވާ ފިޔަވަޅު އަޅާނެ ކަމަށް ފަލާހު ވިދާޅުވި ނަމަވެސް، އެ ގަވައިދަކީ އާންމުކޮށްފައިވާ ގަވައިދަކަށް ނުވާތީ، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.
މި ވޯޓުގައި ބައިވެރި ނުވާ ޕީއެންސީގެ 10 މެންބަރުންނަކީ:
-
1-
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
-
2-
އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު
-
3-
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު
-
4-
ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު
-
5-
ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު
-
6-
ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
-
7-
ތިިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
-
8-
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު
-
9-
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
-
10-
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް
މި ބިލާ ގުޅޭ ގޮތުން އިއްޔެ ޕީއެންސީގެ ޕީޖީން ބޭއްވި ބައްދަލުވުމުގައި ގިނަ މެންބަރުން މި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ނިންމާފައި އޮތީ ސަރުކާރުން އަންގާ ގޮތަކަށް އަމަލު ކުރަން މެންބަރުން އެއްބަސްވާނެ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި މި ބިލަށް ތާއިދު ކުރުމަށް ޕީއެންސީގެ ލީޑާޝިޕުން ނިންމާފައިވާކަން މެންބަރުންނަށް އަންގި އެވެ.
ކޮމެންޓް (1)
މާޒީ މާޒީ