ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު އަޒާން (ވ) މަޖިލީހުގެ އިންތިހާބު ތެރޭ އައްޑޫގައި ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ (ފައިލް ފޮޓޯ/ޕީއެންސީ)

ޕީއެންސީ

ޕީއެންސީ މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ފާސްކުރަން އުޅޭ ބިލު ބަލައިގަތުމުގެ ވޯޓު ނެގި ޖަލްސާއަށް އަޒާން ހާޒިރުވެވަޑައެއް ނުގަންނަވާ. އޭނާ ވަނީ ޕާލަމެންޓްރީ ގްރޫޕުގައި ބިލާ ދެކޮޅަށް ވާހަކަދައްކަވާފައި.
25 ފެބްރުއަރީ 2025
2

ރައީސް މުހައްމަދު މުއިއްޒާއި ޕީއެންސީގެ ލީޑާޝިޕާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ބޭރުކޮށްލައިފި އެވެ.

ވީކިހިނެއް؟ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް އެ ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމުގެ ވޯޓުގައި އަޒާން ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

ޕީއެންސީގެ ލީޑާޝިޕުން މެންބަރުންނަށް ބިލަށް ވޯޓު ދޭން އަންގާފައިވަނިކޮށް އެ ވިޕްލައިނާ ހިލާފަށް އަމަލުކުރި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މެންބަރުންނަށް މެސެޖެއް ފޮނުއްވި އެވެ.

ތަފްސީލް - އެ މެސެޖު ފޮނުވި ފަހުން މިއަދު އިރުއޮއްސުނުހާއިރު އަޒާން ގްރޫޕުން ބޭރުކޮށްލާފައިވާކަން، ބައެއް މެންބަރުން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ. އަޒާން ގްރޫޕުން ބޭރުކުރި ނަމަވެސް ޕާޓީން ވަކިކުރުމާ މެދު ގޮތެއް ނިންމި ކަމެއް ސާފެއް ނޫނެވެ.

ފަލާހު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިގޮތުގައި ވޯޓުގައި ބައިވެރިނުވި 11 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު އުޅުއްވީ ރަސްމީ ދަތުރެއްގަ އެވެ. ވޯޓުގައި ބައިވެރިނުވަނީ ދެ މެންބަރެއް ކަމަށާއި އެ ދެ މެންބަރުން ބައިވެރިނުވި ސަބަބު ސާފުކުރަމުންދާ ކަމަށް ފަލާހު ލިޔުއްވާފައިވެ އެވެ.

ބުނީ ކީކޭ؟ - "މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވޯޓު ނެގި ވަގުތު ޕީއެންސީގެ ދެ މެންބަރަކު ވޯޓުގައި ބައިވެރި ނުވެފައި ވަނީ ކީއްވެގެންތޯއާއި އެހެން ދިމާވި ސަބަބު ޕާލިމެންޓްރީ ގްރޫޕުގެ ލީޑާޝިޕުން ދަނީ ބަލަމުން،" ފަލާހުގެ ޕޯސްޓްގައިވެ އެވެ.

ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ގްރޫޕަށް ރައީސް މުއިއްޒު ފޮނުއްވި މެސެޖެއްގައި ވެސް ވިދާޅުވެފައިވަނީ ޕާޓީގެ ތުރީލައިން ވިޕަކާ ހިލާފުވުމަކީ އެއްވެސް މެންބަރަކު އެއްވެސް އިރެއްގައި ކުރައްވަން ވާނެ ކަމެއް ނޫން ކަމަށެވެ.

ފާހަގަކޮށްލެވޭ - މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލު ޖުޑީޝަރީ ކޮމިޓީގައި ދިރާސާކުރުމަށް ފަހު ކޮމިޓީން ބިލު ފާސްކުރިއިރު ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވެސް ވޯޓެއް ނުދެއްވަ އެވެ.

އެނގުން މުހިއްމު - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ، ޕާޓީން ވަކިިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

މި ބިލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ގިނަ މެންބަރުން ވާހަކަ ދެއްކީ ބިލާ ދެކޮޅަށެވެ. އެނގިފައިވާ ގޮތުގައި އެއިން އެއް މެންބަރަކީ އަޒާނެވެ. ނަމަވެސް ގިނަ މެންބަރުން ފަހުން އެއްބަސްވީ ސަރުކާރުން ނިންމާ ގޮތަކަށް ކުރިއަށް ދިއުމަށެވެ. ބިލަށް ތާއީދުކުރުމަށް ޕީއެންްސީގެ ލީޑާޝިޕުން އެންގީ ރޭގެ ވަގުތެއްގަ އެވެ.

ކޮމެންޓް (2)

ނައިމް

26 ފެބްރުއަރީ 2025
ގާނޫނު ހެދުން އޯ.ކޭ. މަޖިލިސްމެމްބަރުންގެ މައްޗަށް ޕާރޓީއަކުން ގޮތްނިންމުމާއި ޕާރޓީއަކުން ސުޕްރީމްކޯޓް ދޮވެލުން ރަނގަޅުތޯ؟
0 0

ނނނނ

25 ފެބްރުއަރީ 2025
ވެރިކަން ގެންނަން އެންމެ ދޮގު ހަދާދިން މީހާ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް