ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު ޑރ. އަނާރާ ނައީމް (ކ) ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/މަޖިލިސް)

ޖުޑީޝަރީ ކޮމިޓީ

ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ފާސްކުރަން ކޮމިޓީގައި އަނާރާ ވޯޓެއް ނުދެއްވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހަޅާފައިވާ ބިލުގައި ފަނޑިޔާރުން ވަކިކުރަން އޮތް މުއްދަތުތައް މާ ކުރު ކަމަށް ކޮމިޓީގެ ނައިބު މުގައްރިރު އަނާރާ ނައީމް ވިދާޅުވި؛ ނަމަވެސް އެއީ ބިލަށް ހުށަހަޅުއްވާ އިސްލާހެއް ނޫން ކަމަށް ވިދާޅުވުމުން އެއަށް ވޯޓަކަށް ނާހާ
25 ފެބްރުއަރީ 2025

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް ފަސް ފަނޑިޔާރުންނަށް ކޯޓުގެ ބެންޗު ކުޑަކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ޖުޑިޝަރީ ކޮމިޓީން ފާސްކުރަން އެ ކޮމިޓީގެ ނައިބު މުގައްރިރު ޑރ. އަނާރާ ނައީމް ވޯޓެއް ނުދެއްވަ އެވެ. 

ވީކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ބިލު ދިރާސާކުރި ކޮމިޓީގައި ބިލުގެ ބައެއް މާއްދާތަކާ މެދު އަނާރާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ތަފްސީލް - ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހަޅުއްވާފައިވާ ބިލުގައި ދެ ފަނޑިޔާރުން ވަކިކުރުމަށް ބަޔާންކޮށްފައިވާ މުއްދަތު މާ ކުރު ކަމަށް އަނާރާ ކޮމިޓީގައި ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިޔާލެއް އޮތުމުން، ކަންބޮޑުވުމެއް އޮތުމުން. އެއީ ބިލުގައި ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީއަށް އޮތް މުއްދަތާއި މަޖިލީހަށް އޮތް މުއްދަތު މާ ކުރު ކަމަށް ގަބޫލު ކުރެވޭތީ،" ހުރާ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އަނާރާ ވިދާޅުވި އެވެ.

ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު، އެއީ ބިލަށް ހުށަހަޅުއްވާ އިސްލާހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެއަކަށް ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވޯޓަކަށް ނާއްސަވަ އެވެ.

ކޮމިޓީން ހަތް މެންބަރެއްގެ ވޯޓުން ބިލު ފާސްކުރީ ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެހެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެނގުން މުހިންމު - އަނާރާ ކޮމިޓީގައި ބިލަށް ތާއީދުނުކުރެއްވި އިރު، އިއްޔެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި ވެސް ގިނަ މެންބަރުން ވާހަކަ ދެއްކެވީ ބިލާ ދެކޮޅަށެވެ. ނަމަވެސް ސަރުކާރުން ވަކި ގޮތެއް ނިންމައިފި ނަމަ ބިލަށް ވޯޓު ދެއްވާ ގޮތަށް މެންބަރުންނަށް އެއްބަސްވެވުނެވެ. އޭގެ ފަހުން ޕީއެންސީގެ ލީޑާޝިޕުން ވަނީ ރޭގެ ވަގުތެއްގައި ބިލަށް ތާއީދު ކުރުމަށް މެންބަރުންނަށް އަންގައިފަ އެވެ.

އަދި ބިލު ބަލައިގަތުމަށް މިއަދު ތަޅުމުގައި ނެގި ވޯޓަށް ބައެއް މެންބަރުން ހާޒިރުނުވުމުން މެންބަރުން ވިޕާ ހިލާފުވި ކަމަށް ސިފަކުރައްވައި ރައީސް މުހައްމަދު މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ. ރައީސް އެކަން ކުށްވެރިކުރައްވައި، މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް މެސެޖު ފޮނުއްވި އެވެ.

ބިލުގެ ހުލާސާ

ބިލު ހުށަހަޅާފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިބޭނީ ހަތް ފަނޑިޔާރުންގެ ބަދަލުގައި ފަސް ފަނޑިޔާރުން ކަމަށް ހެދުމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިހާރު އެ ކޯޓުގައި ތިބި ދެ ފަނޑިޔާރަކު މަގާމުން ވަކިވާނެ އެވެ. އެގޮތުން:

  • ބިލު ގާނޫނަށް ވުމާ އެކު، ގިނަވެގެން ފަސް ދުވަސް ތެރޭ، ވަކި ކުރާ ދެ ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވަން ޖެހޭ

  • މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަސް ތެރޭ އެ މީހުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ

  • އެ މުއްދަތުގެ ތެރޭ މިކަން ކޮށް ނިންމުމަށްޓަކައި މަޖިލީހުގެ ގަވައިދާއި އެހެން ގާނޫނުތަކުގައި ބައެއް ކަންކަމުގައި ބަލަން ޖެހޭ މުއްދަތުތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް، އިސްތިސްނާއެއް ގެނައުމުގެ ބާރު މަޖިލީހަށާއި ޖޭއެސްސީސީއަށް ދީފައިވޭ

ފާހަގަކޮށްލެވޭ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިވާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައިވަނިކޮށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބިލުގެ ބަހުސްގައި ވެސް ޕީއެންސީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތާ ގުޅޭ ގޮތުންނެވެ. މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުވެސް ބެލޭނެ ކަމަށް އެ މެންބަރުން ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް