ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)
ފަނޑިޔާރުން ވަކިކުރާ ބިލު ރޯލްކޯލް ވޯޓަކުން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލު ކުރަން ހުށަހަޅައި ރޭ ކޮމިޓީން ނިންމި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ވޯޓު ނަގާފައިވަނީ މަޖިލީހުގެ ސިސްޓަމަށް މައްސަލައެއް ދިމާވެގެން ރޯލްކޯލް ވޯޓަކުންނެވެ.
އެ ބިލު ފާސްކޮށްފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލައި އެފަދަ އެއްވެސް އިޖުރާތެއް ކުރިއަށް ނުގެންދިއުމަށާއި ފަނޑިޔާރުން ވަކިކުރުން ހުއްޓުމުގެ އަމުރުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު 11އަށް ތާވަލުކޮށްފައި ވަނިކޮށެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު ގިނަވެގެން 12 ދުވަސް ތެރޭ މަގާމުން ވަކި ކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގެ މަޖިލީހުން ބަލައިގަތީ އިއްޔެ އެވެ. އެގޮތުން:
-
އެ މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ވަނީ ރޭ އެ ބިލު ފާސްކޮށް، މިއަދުގެ މަޖިލިސް ޖަލްސާގެ ތަޅުމަށް ހުށަހަޅާފައި
-
އާންމުކޮށް މަޖިލީހުގެ ވޯޓު މެންދުރު 1:30ގައި ނެގިޔަސް، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ، ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ނިމުމުން ވަގުތުން ބިލަށް ވޯޓަށް އެހުމަށް؛ އެގޮތަށް ނިންމެވި ސަބަބެއް އެ މަނިކުފާނު ވިދާޅެއް ނުވޭ
-
މަޖިލީހުގައި ވޯޓުލުމަށް އާންމުކޮށް ގެންގުޅޭ ނިޒާމަށް މައްސަލައެއް ޖެހުމުން ވޯޓަށް އެހީ ކޮންމެ މެންބަރަކަށް ގޮވުމަށް ފަހު ވަކި ވަކިން ނުވަތަ ރޯލް ކޯލް ވޯޓަކުން
ތަފްސީލު - ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓާ އެކު އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ 67 މެންބަރަކާއި އަމިއްލަ ގޮތުން ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވާ އަބްދުލްހައްނާނެވެ.
މި ވޯޓުގައި ޕީއެންސީގެ ހަތް މެންބަރަކު ބައިވެރިވެފައެއް ނުވެ އެވެ. އޭގެ ތެރެއިން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ވޯޓުގައި ބައިވެރި ނުވާން ތަޅުމުން ނުކުމެވަޑައިފައިވެ އެވެ. އަދި ދެން ތިއްބެވި ފަސް މެންބަރުންނަކީ ޖަލްސާއަށް ހާޒިރު ނުވާ މެންބަރުންނެވެ. އެއީ:
-
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު
-
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
-
އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު
-
މާފުށި ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް
-
ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
-
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަދު ރަޝީދު
މީގެ އިތުރުން، ސަރުކާރު ކޯލިޝަންގައި އޮތް އެމްޑީއޭގެ ލީޑަރު، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި އެންއެންޕީގެ ލީޑަރު، މާފަންނު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.
އެނގުން މުހިންމު - ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މި ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ދެއްވި ލަފައަށް ބެލުމެއް ނެތި އަދި އަވަސް އަރުވާލައިގެން ބިލު ފާސް ކުރާތީވެ، އިދިކޮޅު މެންބަރުން މި ވޯޓުގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައި އިހްތިޖާޖު ކުރެއްވި އެވެ.
ބިލު ފާސް ކުރަން ވޯޓު ނެގީ އިހްތިޖާޖު ކުރި އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމަށް ފަހު އެވެ. އެ މެންބަރުންނަކީ:
-
1-
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
-
2-
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
-
3-
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ފަސް މަންޒަރު - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
މި ބިލު ގާނޫނަކަށްވުމުން:
-
ގިނަވެގެން ފަސް ދުވަސް ތެރޭ ވަކި ކުރާ ދެ ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވަން ޖެހޭ
-
މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަސް ތެރޭ އެ މީހުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ
-
އެ ޓައިމްލައިންގައި މިކަންކޮށް ނިންމުމަށްޓަކައި މަޖިލީހުގެ ގަވައިދާއި އެހެން ގާނޫނުތަކުގައި ބައެއް ކަންކަމުގައި ބަލަން ޖެހޭ މުއްދަތުތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ނުވަތަ އިސްތިސްނާއެއް ގެނައުމުގެ ބާރު މަޖިލީހަށާއި ޖޭއެސްސީސީއަށް ދީފައިވޭ
ކޮމެންޓް (3)
ތެފައާސާ.
ޑިމޯ
ސިކުނޑި