ރާއްޖޭގެ ސުޕްރީމް ކޯޓް: މި ކޯޓުގެ ބެންޗު ކުޑަކުރަން މިހާރު ވަނީ ނިންމާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މަތީ ކޯޓުގެ ފަނޑިޔާރުން: މިހާރު މިއީ ވެސް ސިޔާސީ މަގާމެއް
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މި ވާހަކަ ދެއްކެވީ މީގެ ދެ އަހަރު ކުރިންނެވެ. ތާރީހަކީ 10 ފެބްރުއަރީ 2023 އެވެ.
ގާނޫނުއަސާސީގައި ދިވެހި ދައުލަތުގެ ނިޒާމު ތަރުތީބުކޮށްފައި އޮންނަ ގޮތުން އެއީ، މިނިވަން ވަކި ބާރެއް ގޮތުގައި އޮވެ، އެންމެ މަތީ މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންނަކީ ދާއިމަށް އައްޔަންކުރާ ބަޔަކަށް ވިޔަސް ފަނޑިޔާރުންނާ މެދު މުޖުތަމައު ދެކޭ ގޮތް ތަފާތެވެ. މުޖުތަމައު ދެކެނީ ވަގުތީ މަގާމެއް ފުރާ ބައެއް ގޮތަށް ކަމަށް ފަނޑިޔާރު ސުއޫދު ސިފަކުރެއްވި އެވެ.
"[ރިޔާސީ] ދައުރު ބަދަލުވާއިރަށް ވަޒީފާ އެބަ ގެއްލޭ. ސުލޫކީ މައްސަލައެއް ބަލަން ފަށައިފާނެ. ކޮން އިރަކުން ކަމެއް ނޭނގެ ކަނޑާލާނީއެއް. ސުލޫކެއް އުފެދޭނެ ވަކި އިރެއް ނޭނގޭ. އެއީ ވަރަށް ދެރަ ކަމެއް އެނގޭތޯ،" ފަނޑިޔާރު ސުއޫދު އެ ދުވަހު ވިދާޅުވީ މިހެންނެވެ.
އޭނާ އެ ވާހަކަ ދެއްކެވި އިރު އޭރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ މަޖިލީހެކެވެ. އެ ޕާޓީގެ ސުޕަ މެޖޯރިޓީ އެވެ. ޖޭއެސްސީގައި ވެސް އެމްޑީޕީގެ ބާރެވެ. ޖޭއެސްސީން ކަންކަން ކުރާ ގޮތުން ފަނޑިޔާރު ސުއޫދު ބަންޑުންކޮށްލެއްވީ އިހުސާސްތަކެވެ.
އެ ވެރިކަން ބަދަލުވެ، އާ ވެރިކަމަށް އަދި މިވީ އަހަރެއްހާ ދުވަހެވެ. ފަނޑިޔާރު ސުއޫދު އެ ހުންނެވީ މާދަމާ ވެސް މަގާމު ގެއްލޭ ހިސާބުގަ އެވެ. މީގެ ތިން އަހަރު ކުރިން ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވި ބީދައިން އޭނާގެ މަގާމު އެވީ ވަކި ޕާޓީއެއްގެ ވެރިކަމަކަށް ފެހި ކޯޓަކަށެވެ. ސިޔާސީ މަގާމަކަށެވެ.
ކޮން އިރަކުން ކަމެއް ނޭނގެ ސުލޫކެއް އުފެދޭނީ. ހަގީގަތުގައި މިއީ ފަނޑިޔާރުންގެ މިނިވަންކަމާ ގުޅިފައި އޮތް ކަމެއް،
މަޖިލީހުގެ ޕީއެންސީ މެންބަރުން ވެސް ފަނޑިޔާރު ސުއޫދު ސިފަކުރެއްވީ އިދިކޮޅު 'އެމްޑީޕީ'ގެ އެކްޓިވިސްޓެއް ގޮތަށެވެ. އޭނާގެ މާޒީގައި އެ ހަގީގަތް ވެސް އެބަ އޮތެވެ. ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމުގައި ފަނޑިޔާރު ސުއޫދުގެ ދައުރެއް ވެސް އެބަ އޮތެވެ.
އެކަމަކު ދެން ފަނޑިޔާރު ސުއޫދުގެ ގޮނޑި ފުރުއްވާނީ ކާކު ހެއްޔެވެ؟
މިހާރުގެ ޕްރޮސެކިއުޓަ ޖެނެރަލް އައްބާސް ޝަރީފް ހެއްޔެވެ؟ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ހެއްޔެވެ؟ މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި މިހާރު ވެސް ހުންނެވި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިން ހެއްޔެވެ؟ ސިޔާސީ މަގާމެއްގައި ހަމަ ހުންނެވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ހެއްޔެވެ؟ ނޫނީ ކުރިން ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެހެން ކޮންމެވެސް ބޭފުޅެއް ހެއްޔެވެ؟
މި ބޭފުޅުންނަކީ މި ސަރުކާރަށް ވަފާތެރި ސިޔާސީ ބަޔަކަށް ނުވޭ ހެއްޔެވެ؟
ފަނޑިޔާރު ސުއޫދު ވަކި ދުވަސްވަރެއްގައި ވަކި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައި އެވަނީ، އެއީ އޭރު ގައުމަށް އެންމެ އިސްލާހީ ގޮތް ކަމަށް ގަބޫލުކުރައްވައިގެންނެވެ. އެކަމަކު ފަނޑިޔާރު ސުއޫދަކީ އޭނާ ގަބޫލުކުރައްވާ އުސޫލުން ކަމެއް ބޭރުވެއްޖެ ނަމަ އެކަމަށް ބޯޖައްސަވައިގެން ހުންނަވާ ބޭފުޅެއް ވެސް ނޫންކަން، މާޒީން އެނގެން އެބަ އޮތެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައި، އިސްތިއުފާ ދެއްވީ އެ ސަރުކާރުން ޝަރުއީ ނިޒާމް ހުއްޓުވަން އުޅުނު ހިސާބުންނެވެ.
ކުރިން ފާހަގަކުރި ބޭފުޅުން އެ ތިއްބެވީ މި ވަގުތު ގައުމުގެ ވެރިކަން ހިންގާ ގޮތް ރަނގަޅު ކަމަށް ގަބޫލުކުރައްވައި، އެހީތެރިންގެ ގޮތުގަ އެވެ. ހަމަ ސިޔާސީ މަގާމުތަކުގަ އެވެ.
ހަގީގަތަކީ މިއީ އެވެ. ފަނޑިޔާރު ސުއޫދަށް މި ދުވަސް މިހެން އަތުވެދާނެކަން ހިތްޕުޅަށް ސީދާ ނުގެނެވި ވެސް އޮވެދާނެ އެވެ. އެކަމަކު މާޒީން ފެނުނު ކަންކަމާއި، އެ ވަގުތު ޖޭއެސްސީން "އިންސެކިއުރިޓީ"ގައި ކުރަން ފެށި ބައެއް ކަންކަމުން އުފެދުނު ޝުއޫރަކީ މި ހިސާބަށް އައި އިރުގައި ހަމަ ރަނގަޅަށް ވެސް ސަގާފަތަކަށް ވެ ނިމިފައިވާ އާދައެކެވެ.
މަތީ ކޯޓުގެ ފަނޑިޔާރުންނަކީ ކޮންމެ ވެރިކަމެއްގައި ބަދަލުވާ މަގާމަކަށް ވީ އެވެ. ފަސް އަހަރަށް އައްޔަންކުރާ ސިޔާސީ މަގާމަކަށް ވީ އެވެ.
"އޭރު ވެސް މިހާރު ވެސް އެއީ ގޯހެއް"
ގާނޫނުއަސާސީ އެކުލަވާލައިގެން އެންމެ ފުރަތަމަ އިންތިގާލީ މަރުހަލާގައި އެއީ ފަސް ފަނޑިޔާރުންގެ ބެންޗެކެވެ. ގާނޫނުއަސާސީގައި އޮންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އޮނަހިރި އަދަދަކަށް ވާން ޖެހޭނެ ކަމެވެ. އަދަދު ކަނޑައަޅާނީ ގާނޫނަކުން ކަމެވެ.
ކޯޓުތަކުގެ ގާނޫނު ވުޖޫދުކޮށް ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭނެ ފަނޑިޔާރުންގެ އަދަދަކީ ހަތް ފަނޑިޔާރުން ކަމަށް ލިޔުނެވެ. އޭރު އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. މަޖިލީހުގައި ޑީއާރުޕީގެ މެޖޯރިޓީ އެވެ. އެއީ ވެރިކަންކުރާ އެމްޑީޕީ އާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޑީއާރުޕީއާ ދެމެދު އެއްބަސްވެވުނު ގޮތެވެ.
ނަމަވެސް 2014ގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ބަދަލުކުރި އެވެ. އޭރު އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އަދި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ މަގާމު ގެއްލުވާލީ ގާނޫނަށް ގެނައި އެ ބަދަލުންނެވެ.
މި ސުޕްރީމް ކޯޓާ އެކީ ފަސް އަހަރު ވެސް ކުރިއަކަށް ނުދިޔަ އެވެ. ބަޔަކު މައްސަލައެއް ހުށަހެޅީކީ ވެސް ނޫނެވެ. އެކަމަކު 1 ފެބްރުއަރީ 2018ގައި ސުޕްރީމް ކޯޓުން ރޭގަނޑު އަމުރެއް ނެރުނީ އޭރު އެކި ބަންދުތަކާއި ހުކުމްތަކުގައި ތިބި، ސިޔާސީ ވާދަވެރިން ދޫކޮށްލުމަށެވެ. އެ އަމުރު ނެރުމުން އަމުރު ތަންފީޒުނުކޮށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި އެވެ.
ދެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް މަގާމު ގެއްލުވާލީ އެވެ. އެ ހިސާބުން ބާކީ ތިއްބެވި ތިން ފަނޑިޔާރުން ހަމަ އެ އަމުރު ބާތިލް ވެސް ކުރެއްވި އެވެ. ދެން އުއްތަމަ ފަނޑިޔާރަކަށް ވީ އަހުމަދު އަބްދުﷲ ދީދީ އެވެ. ހުސްވި ދެ މަގާމަށް ފަނޑިޔާރުން ވެސް އައްޔަންކުރި އެވެ.
މި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ އެމްޑީޕީއަށް ސަރުކާރާއި މަޖިލިސް ލިބުނު ހިސާބުންނެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް އިތުރުކޮށް ދެ ފަނޑިޔާރުން ލި އެވެ. ކުރިން ތިބި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި، ފަސް ފަނޑިޔާރުން ބަދަލުކޮށް މުޅި ބެންޗު އާކުރި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ފެންނަނީ މީގެ 'ރިޕީޓް ޓެލެކާސްޓް' އެކެވެ.
ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ކުރި ކަމަކީ މަޖިލީހުގެ މެންބަރުން ތިބި ޕާޓީން ކަނޑާލިޔަސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ އެވެ. އެ ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަން ފެށި ވަގުތާ ދިމާކޮށް، ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް ހަތަކުން ފަހަކަށް ބަދަލުކުރަން މަޖިލީހުން ފާސްކުރީ އެެވެ.
ސަރުކާރުގެ ބާރުގެ ދަށުގައި މަޖިލިސް ބާއްވަން ވެގެން، ގާނޫނުއަސާސީއަށް ގެނައި ބަދަލު ސުޕްރީމް ކޯޓުން "ބަދަލުކޮށްފާނެތީ" އެޅި ފިޔަވަޅުތަކެކޭ ބުނާނެ ޖާގަ އެބަ އޮތެވެ. ފަނޑިޔާރުން ސަސްޕެންޑްކުރި ވަގުތު ދިމާވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ފަށަން އުޅުނު ވަގުތާ އެވެ.
މިއީ ދެން އިއްތިފާގެއް ނޫނެވެ.
ގާނޫނީ ވަކީލު ހަމްޒާ ލަތީފް ލިޔުއްވާފައި ވަނީ ސަރުކާރު، ގާނޫނު ހަދާ މަޖިލިސް އަދި ޖުޑީޝަރީއާ ދެމެދު ހަމަނުޖެހުމެއް އުފެދުމުން އެ ކަން ހައްލުކުރަން ވާނީ ޑިޕްލޮމަސީ އިސްކޮށްގެން ކަމަށެވެ. މި ދަނޑިވަޅުގައި ގާނޫނަކުން ބެންޗު ކުޑަކުރުމާއި ދެން ވަށައިގެން ހިނގާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ބޭނުންވާ ގޮތަކަށް ކަންކަން ކުރިއަށް ނުދާ ކޮންމެ ފަހަރަކު ބެންޗު ސްޓޭކް ކުރުމަކީ ރާއްޖެއާ މެދު ރާއްޖޭން ބޭރުގައި ވެސް ރަނގަޅަށް ދެކޭނެ ކަމެއް ނޫން. ކުރީގައި ވެސް ގޯސްކޮށް ހިނގި ކަމެއް. އޭރުގައި ވެސް އެއީ ގޯހެއް، މިހާރު ވެސް އެއީ ގޯހެއް،" ހަމްޒާ ސޯޝަލް މީޑިއާގައި ލިޔުއްވި އެވެ.
ޖުޑީޝަރީ މިނިވަންކުރާކަށް ނޫޅޭ
މިއީ ދެން ދައްކާ، ދައްކާ ބާ ވާހަކައަކަށް ވެއްޖެ އެވެ. ލިޔެލިޔެ ނިމުން ނައި ޝުއޫރެކެވެ.
ޖުޑީޝަރީއަކީ މިނިވަން ބާރެއް ނޫނެވެ. ތިން ބާރު ވަކިކޮށްފައި އޮންނަ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތަކަށް މި ފެހި ގާނޫނުއަސާސީ އެކުލަވާލި ނަމަވެސް އެންމެ ބާބަކުން އެ ހުރިހާ ސިފައެއް އެބަ ގެއްލެ އެވެ. އެއީ، ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވޭނެ ގޮތާއި، އެ ކޮމިޝަންގެ ބާރުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ ހަތްވަނަ ބާބެވެ.
ފަނޑިޔާރުންގެ ހުރިހާ ކަމެއް ހެން ބެލެހެއްޓުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮންނަ ޖޭއެސްސީއަކީ ސިޔާސީ ތަނެކެވެ. ގާނޫނުއަސާސީގެ ހަތްވަނަ ބާރު ލިޔެފައި އެ އޮތް ގޮތުން، ފަނޑިޔާރުންގެ ކަންކަން ބަަލަނީ ސިޔާސީ މީހުންގެ ބާރު އޮންނަ ކޮމިޝަނަކުންނެވެ.
ގާނޫނުއަސާސީގައި މިނިވަން މުސްތަގިއްލު ކޮމިޝަނެއް ގޮތަށް އެ ތަން ބަޔާންކުރިޔަސް އެއީ މިނިވަން ތަނެއް ނޫނެވެ. ތިބެނީ ފަނޑިޔާރުންތަކަކާއި ވަކީލުން އިިންތިހާބުކުރާ ވަކީލަކާއި ސިވިލް ސާވިސްގެ ރައީސްގެ އިތުރުން މުޅިން ވެސް ސިޔާސީ މީހުންނެވެ.
ކުރިން ނަމަ ކޮމިޝަން ހިންގުމުގައި ބައެއް އަސާސީ އަހުލާގު ފުރަތަމަ ފެނުނެވެ. ވެރިކަމަށް ފަހު ވެރިކަމެއްގައި ފެންނަނީ އެކަން ވެސް ނެތެމުންދާ މަންޒަރެވެ.
ކުރިން ކޮމިޝަނުގެ ރައީސުންނަށް ތިބެނީ ފަނޑިޔާރުންނެވެ. ނަމަވެސް އެމްޑީޕީގެ މިދިޔަ ސަރުކާރުގައި އައީ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިނެވެ. މިހާރުގެ ސަރުކާރުގައި ރައީސަކީ މާފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.
އިހަށް ދުވަހު ރައީސް މުއިއްޒު ކުރެއްވި ކަމަކީ ކުރިން އަދި އެހެން އެއްވެސް ރައީސަކު ވެސް ނުކުރައްވާ ކަމެކެވެ.
ކޮމިޝަނުގައި ރައީސް ތަމްސީލްކުރައްވާ މެންބަރަކު ވެސް އިންނަވަ އެވެ. އެހެންޏާ އެ މަގާމު ވެސް ފުރުއްވާނީ ވަކީލުންނެވެ. ޝަރުއީ ނިޒާމުގެ ތަޖުރިބާ ހުންނަވާ ބޭފުޅުންނެވެ. ނަމަވެސް ވަކީލު މުހައްމަދު ސަމީރު ވަކިކުރެއްވުމަށް ފަހު އައްޔަންކުރެއްވީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ޔަޒުމީދު މުހައްމަދެވެ.
ކިރިޔާ ވެސް ރައީސަށް އިތުބާރު ކުރަން ދަތިފުޅުވާ ހިސާބުން ދާއިރާއާ މާ ގުޅުމެއް ނެތް މީހަކު ބައިންދައިގެން ވެސް ކުރައްވާހާ އަމުރަކަށް ބޯލަނބަންޏާ ރަނގަޅުތާ އެވެ. އެއީ އެހެންވީ ކަމެއް ކަން، އެކި މަސްދަރުތަކުން ވެސް އެބަ ސާފުކޮށްދެ އެވެ.
ޖޭއެސްސީ ބަދަލުކުރުމަކީ މި ރައީސްގެ ވެސް ވައުދެކެވެ. އަދި އެ ކޮމިޝަނުގައި ތިއްބަވަން ޖެހޭނީ ޖުޑީޝަރީގެ ތަޖުރިބާ ހުންނަ، އެ ދާއިރާގެ އިލްމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވެ އެވެ. ފަހަރުގައި މިއަދު އެ ވާހަކަފުޅު ހަނދުމަނެތީ ކަމަށް ވެސް ވެދާނެ އެވެ.
ޖޭއެސްސީގައި ތިއްބަވަން ޖެހޭނީ ޖުޑިޝަލް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން، ރިޓަޔަޑް ޖަޖުން މިސާލަކަށް.
އެމްޑީޕީގެ ސަރުކާރުގައި ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަށް މަޖިލީހަށް ތިން ފަހަރު މަތިން ހުށަހެޅުއްވީ، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ތޯރިގަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން ދިރާސާތައް ވެސް ކުރައްވާ ބޭފުޅެކެވެ.
މި ފަހަރު މަޖިލީހަށް ސުޕްރީމް ކޯޓު ބެންޗު ކުޑަކުރަން ހުށަހެޅި އިސްލާހަށް ތޯރިގު ވެސް ވާހަކަ ދެއްކެވި އެވެ. އެ ދުވަހު ވެސް އޭނާ ދެއްކެވި ވާހަކައަކީ ޖޭއެސްސީގެ އެކުލެވުން ގޯސް ކަމެވެ. އެ އެކުލެވުން ހިމެނޭހެން ގާނޫނުއަސާސީގައި ބޮޑެތި މައްސަލަތައް ހުރި ކަމެވެ. ޖޭއެސްސީ ބަދަލުނުކޮށް، ފަނޑިޔާރުގެ ރަނގަޅު ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަޅުގަނޑު އިންތިހާބީ މީހަކު ދައްކާ ކަހަލަ ވާހަކައެއް ވެސް ނޫން. މި ގާނޫނުއަސާސީ ގޯސް. މީތި ރިސެޓްކުރަން ޖެހޭނީ.
ގާނޫނުއަސާސީ ޖެހޭނީ "ރީސެޓް" ކުރަން ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ. އެ ވިދާޅުވާ ވާހަކައަކީ، ގާނޫނުއަސާސީ ޖެހޭނީ އަލުން އެކުލަވާލާށެވެ.
"ގާނޫނުއަސާސީ ދުށް ގޮތަކަށް ނޫން ސުޕްރީމް ކޯޓް މި ދަނީއެއް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ހީވަނީ އެއީ ގާނޫނުއަސާސީގެ ބަލަދުވެރި ފަރާތޭ. އެ ފަނޑިޔާރުންނަށް ކޮންމެ ފަދަ އަމުރެއް ވެސް ނެރެވިދާނޭ. މި ގާނޫނުއަސާސީގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގުގެ ވާހަކަ އެ ދުވަހު ނިންމައިލީ ސަރުކާރު ދެމެހެއްޓުމުގެ މަގުސަދުގައި، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ގާނޫނުއަސާސީ ބަދަލުކުރި ގޮތުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ މިހާރު އޮތް ބެންޗަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށެވެ.
މާޒީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ގޯސްތަކެއް ފެނުނަސް، މި ސުޕްރީމް ކޯޓަކުން އަމިއްލައަށް މައްސަަލައެއް ނުބަލަ އެވެ. އަމިއްލައަށް އިސްވެގެން، ދަށު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ބަހެއް ނުބުނެ އެވެ. ޝަރުއީ ތިން މަރުހަލާ ފުރިހަމަ ނުވާނެ ގޮތަކަށް އެއްވެސް ނިންމުމެއް މަތީންނެއް ނުނިންމަ އެވެ. ރޭގަނޑުގެ ނުރަސްމީ ވަގުތުތަކުގައި އަޑުއެހުންތައް ބާއްވައި ހުކުމްތަކެއް ނުނެރެ އެވެ.
މި ސުޕްރީމް ކޯޓު ބަދަލުކުރުމުގެ އެއްވެސް ކަމެއް ނުހިނގާނެ ކަމާއި، ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ވެސް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ އެއްވެސް ކަމެއް ސަރުކާރުން ކުރަން ނޫޅޭ ކަމުގެ ޔަގީން ކަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވިތާ އަދި އެހާ ގިނަ ދުވަހެއް ވެސް ނުވެ އެވެ.
ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް އޮންނަ އަލީ ހުސައިން ވިދާޅުވީ މި ފަހަރު ވެސް ސަރުކާރަށް އެ ފުރުސަތު ލިބުނީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލާފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. އެ ކޮމިޝަން ބަދަލުނުކޮށް ޖުޑީޝަރީ އިސްލާހު ނުވާނެ ކަމަށެވެ.
"މި ގޮތަށް ގާނޫނުއަސާސީގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮންނަހާ ހިނދަކު، އޭރެއްގެ ސަރުކާރެއްގެ ހެޔޮ ނިޔަތް ނެތިއްޔާ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާނެ. މިއަދު މި މަންޒަރު އަޅުގަނޑުމެންނަށް ސާފުކޮށް މި ކަން މި އޮތީ ފެންނާން،" އަލީ ވިދާޅުވި އެވެ.
މި ސަރުކާރުން ވެސް އެ ކޮމިޝަން ބަދަލުނުކޮށް މި އަހަރެއްހާ ދުވަހު ވޭތުކުރުމަށް ފަހު، މިހާރު އެ ކޮމިޝަން މެދުވެރިކޮށް ކުރަމުންދާ ކަންކަމުން ރައްޔިތުންގެ އިތުބާރު ޖުޑީޝަރީއަށް ދާނީ ކުޑަވަމުންނެވެ. ދެ އަހަރު ކުރިން ފަނޑިޔާރު ސުއޫދު ވިދާޅުވި ފަދައިން ފަނޑިޔާރުގެ ބާރު ކެނޑި، އެއީ މިހާރު ޖޭއެސްސީ ބޭނުންކޮށްގެން އައްޔަންކުރާ ސިޔާސީ މަގާމަކަށް ބަދަލުވީ އެވެ.
ދެން މި ރިޔާސީ ދައުރުގެ ތެރެއިން ކޮމިޝަން ބަދަލުކުރަން މަޖިލީހަށް ހުށަހެޅިޔަސް އޭގައި ހެޔޮ ނިޔަތް އޮތް ކަމަށް ގަބޫލުކުރަން ދަތިވާނެ އެވެ. އެ ކަން ކުރަން މާ ބޮޑަށް ލަސްވިއިރު އޭގެ ނާޖާއިޒު ފައިދާ މި ސަރުކާރުން ވެސް އެ ދަނީ ނަގަމުންނެވެ.
ކޮމެންޓް (7)
އަރަނީ މަންސަ
ނަސްމި
ނަން
ޖާހި
ތހެހދގޱ
ދިވެހިދަރިއެއް
ބސބދވ