ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު (ސްކްރީންޝޮޓް)
ޖުޑިޝަރީ ނުހިންގޭ ކަމަށް ބުނެ ސުއޫދުގެ ރުޅި ޖޭއެސްސީއަށް
ފަނޑިޔާރުންގެ ސުލޫކާ ގުޅުން ހުރި ކަންކަން ބަލަހައްޓާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރާއްޖޭގެ ޝަރުއީ ދާއިރާ ނުހިންގޭ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީއާ މެދު ކޯފާ އިސްކުރައްވައި ސުއޫދު ވާހަކަދެއްކެވީ މިއަދު އެ ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގަ އެވެ. މިއަދު ކޯޓުގައި ކުރިއަށް ގެންދިޔައީ ޗީފް އެޑްމިނިސްޓްރޭޓަރުންތަކެއް ވަކިކުރި މައްސަލައިގައި އެ މީހުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިިއުނަލުން ނިންމި ނިންމުން ހައި ކޯޓުން ދަމަހައްޓަން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމެވެ.
މައްސަލައިގެ ފެށުން - ޖޭއެސްސީގެ ގާނޫނު އިސްލާހުކޮށް، އެ އިސްލާހުގެ ދަށުން ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމާ ބެހޭ އުސޫލެއް އެކުލަވާލައި ފެންވަރު ވަޒަންކުރުމަށް ފަހު ވަކި ވަރަކަށް މާކްސް ނުލިބުނު މީހުން ވަޒީފާއިން ވަކިކުރަން އޮގަސްޓް 2020ގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ ނިންމައިފަ އެވެ.
-
އެ މީހުންގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމާފައި ވަނީ އެ މީހުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް
-
އެ މީހުންނަށް އަލުން ވަޒީފާ ދޭން ޖެހޭ ކަމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް އެންގި
-
ޓްރައިބިއުނަލްގެ ނިންމުން ޖޭއެސްސީން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި
-
ހައި ކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓާފައި
ތަފްސީލް - މި މައްސަލަތައް ޓްރައިބިއުނަލްއަށް ހުށަހެޅުނުއިރު މައްސަލަ ރައްދުވާ ފަރާތަކަށް އޮތީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އެވެ. އެކަމަކު އޭގެ ފަހުން ހައި ކޯޓުން ނެރުނު ރިޕޯޓުގައި މައްސަލަ ރައްދުވާ ފަރާތުގެ ގޮތުގައި ލިޔެފައިވަނީ ޖޭއެސްސީ އެވެ.
މިއަދުގެ އަޑުއެހުމުގައި ސުއޫދު ވަނީ އެކަމާ ގުޅިގެން ޖޭއެސްސީގެ ވަކީލުންނާ ސުވާލުކުރައްވާފަ އެވެ.
ޖޭއެސްސީގެ ވަކީލު ފަތުހުﷲ އިސްމާއީލް ވިދާޅުވީ މައްސަލަ ރައްދުވާ ފަރާތަކީ ޑީޖޭއޭ ނަމަވެސް އެއީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތެއް ނޫން ކަމަށެވެ. އެހެންކަމުން، އެ މައްސަލައިގައި ޑީޖޭއޭ ތަމްސީލުކުރާނީ ޖޭއެސްސީ ކަމަށާއި، ހަގީގަތުގައި މައްސަލަ ރައްދުވާން ޖެހެނީ ވެސް އެ ކޮމިޝަނަށް ކަމަށެވެ.
އެހެން ވިދާޅުވުމާ އެކު ސުއޫދު ވަކީލަށް ހަނދާންކޮށްދެއްވީ ގާނޫނުއަސާސީގެ 156 ވަނަ މާއްދާ އެވެ. މަޖިލީހުން ހަދާ ގާނޫނަކުން އެ ބާރު ނިގުޅައިގަނެވޭނެތޯ ވެސް ސުވާލު އުފެއްދެވިއެވެ.
"[ގާނޫނުއަސާސީގެ 156 ވަނަ މާއްދާ] ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހާ ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާ ބެހޭ ގަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެކޭ. މި ފެތެނީ ކޮންތާކަށްތޯ؟،" އޭނާ ވިދާޅުވި އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ފަތުހުﷲ ވިދާޅުވީ މިވަގުތު ގާނޫނު އޮތް ގޮތުން އެ ބާރު އޮންނަނީ ހަމަ ޖޭއެސްސީގައި ކަމަށެވެ. ސުއޫދު ކޯފާ އިސްކުރައްވަން ފެއްޓެވީ އެ ހިސާބުންނެވެ. ސުއޫދު ނުރުހުން ފާޅުކުރެއްވީ، ސުޕްރީމް ކޯޓަށް ވެސް ސެކެޓްރީ ޖެނެރަލެއް އައްޔަނުނުކުރެވި ލަސްވަމުންދާ މައްސަލަ ފާހަގަކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ކޯޓަށް ސެކެޓްރީ ޖެނެރަލެއް އައްޔަނުކުރުމަށް އެދޭތާ މިހާރު ދެ އަހަރު ވަނީ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގައި ތިއްބަވަނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންނެވެ. އަދި އިދާރީ ކަންކަން ބަލަހައްޓާނެ މުވައްޒަފުން ނެތުމަކީ ކޯޓުގެ ކަންކަން ހިންގުމަށް ދަތިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ވަނީ ދެ އަހަރު. ދެ އަހަރު ވެގެންދާއިރު ސުޕްރީމް ކޯޓަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ސެކެޓްރީ ޖެނެރަލެއް ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފަކު އައްޔަނު ނުކޮށްގެން މި އުޅެނީ،" ސުއޫދު ވިދާޅުވި އެވެ.
"ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މި ތިބީ؟ މި ތަން ހިންގަނީ ކިހިނެއް؟ ދެން ކޮން ވާހަކައެއް ތިދައްކަނީ؟"
އެ ސުވާލުތަކާ އެކު، ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސުއޫދު ވާހަކަ ވެސް ދެއްކެވި އެވެ. އޭނާ ވިދާޅުވީ ޖޭއެސްސީއަށް ޖުޑިޝަރީ ނުބެލެހެއްޓޭ ކަމަށެވެ.
"ރަނގަޅަށް، ދުވަހަށް ތިތަން ހިންގޭ ނަމަ ރަނގަޅު. ޑިޕާޓްމެންޓަށް މުވައްޒަފުން އައްޔަންކުރެވޭ ނަމަ ރަނގަޅު. ޖޭއެސްސީއަށް ޖުޑިޝަރީ ހިންގޭ ނަމަ ރަނގަޅު. އެ ކަމެއް ނުކުރެވޭ. މި ތަނަށް މުވައްޒަފެއް ލިބެނީކީއެއް ނޫން... ދެން މި ތަނަށް އައިސްފައި ތިބުނަނީ ތިމަންނަމެންނޭ މި ހިންގަނީ،" ސުއޫދު ވިދާޅުވި އެވެ.