ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު: ދެ ބޭފުޅުންގެ ދެމެދު 2010ގައި އޮތީ މުޅިން ތަފާތު ވިސްނުންތަކެއް (ފައިލް ފޮޓޯ/ މަޖިލިސް)

ސުޕްރީމް ކޯޓު

އާޒިމްގެ ވާހަކައިން މާޒީއަށް: ސިިޔާސީ ތެޅުމުގައި އަފަންކުރުވި ސުޕްރީމް ކޯޓު

ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓު 2010ގައި އެކުލަވާލީ އެމްޑީޕީގެ ސަރުކާރާއި އިދިކޮޅު ޑީއާރުޕީގެ ސިޔާސީ ތަޅާފޮޅުމުގައި ނުނިދާ ތިބެ، އެތައް މަޝްވަރާއަކަށް ފަހު
29 އޯގަސްޓު 2024

މީގެ 14 އަހަރު ކުރިން 10 އޮގަސްޓް 2010އަކީ ރާއްޖެއަށް އާދައިގެ ދުވަހެއް ނޫނެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން 7 އޮގަސްޓް 2010ގެ ކުރިން ރާއްޖޭގައި ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލަން ޖެހެ އެވެ. އާ ގާނޫނުއަސާސީ 7 އޮގަސްޓް 2008ގައި ތަސްދީގުކުރުމާ އެކު އުފެއްދި އިންތިގާލީ ސުޕްރީމް ކޯޓުގެ މުއްދަތަކަށް ކަނޑައެޅީ ދެ އަހަރެވެ.

އެކަމަކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެރިކަމާ ހަވާލުވިތާ ދެ އަހަރު ވާން ދިޔަ އިރު ވެސް، ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރި އިދިކޮޅު ޑީއާރުޕީއާ ދެމެދު އޮތް ސިޔާސީ ވާދަވެރިކަމުގައި، ސުޕްރީމް ކޯޓު އުފެއްދުން އޮތީ ހުރަހަކަށް ވެފަ އެވެ.

އެމްޑީޕީން ބޭނުންވީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގައި ވަގުތީ ގޮތުން ޝަރުއީ ނިޒާމް ހިންގަން ހާއްސަ ކޮމިޓީއެއް ހަދާށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތް ޑީއާރުޕީން އެކަމާ ދެކޮޅެވެ.

އެންމެ ފަހުން މަޖުބޫރުވީ އިދިކޮޅު ޕާޓީތަކާ މަޝްވަރާކޮށްގެން ދެ ފަރާތަށް ވެސް އެއްބަސްވެވޭ ފަނޑިޔާރުން ލައިގެން ދާއިމީ ސުޕްރީމް ކޯޓު އުފައްދާށެވެ. އެކަމަށް ދެއްވި ވޯޓަކީ، އޭރު ޑީއާރުޕީގައި ހުންނެވި އެކަމަކު ފަހުން އެމްޑީޕީގެ މެމްބަރެއްގެ ގޮތުން މަޖިލިހުގައި ދެ ދައުރު ހޭދަކުރެއްވި އަލީ އާޒިމް މިހާރު ވެސް ހިތާމަކުރައްވާ އަމަލެކެވެ.

"ސުޕްރީމް ކޯޓުގެ ބެންޗު އެކުލަވާލަން އެއަށް ވޯޓު ހަމަގައިމުވެސް އަޅުގަނޑު ދިނީ ހިތުންރުހުމަކުން ނޫން،" އާޒިމް ވިދާޅުވި އެވެ.

ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމް 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

'ދައުރު'ގެ 'މޫސާ ލަތީފް ޕޮޑްކާސްޓް'ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އެ މަޖުބޫރީ ހާލަތުގައި އުފެއްދި ސުޕްރީމް ކޯޓް ބިނާކުރީ ކުރިން ވެސް އިތުބާރު ގެއްލިފައި ތިއްބެވި ފަނޑިޔާރުންތަކެއްގެ މައްޗަށެވެ. 

"މިއަދު ވެސް ގަބޫލުކުރަނީ ސުޕްރީމް ކޯޓުގެ ފުރަތަމަ ބެންޗު އެކުލަވާލީ ރަނގަޅަކަށް ނޫނޭ. އޭގެ ސަބަބުން މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން ގަބޫލެއްނުކުރަން އެ ފަނޑިޔާރުން ލައިގެން މި ރާއްޖެއަށް ރަނގަޅު ގޮތެއް އޮތް ކަމަކަށް. އިންސާފު ހޯދައިދެވިދާނެ ކަމަކަށް،" އާޒިމް ވިދާޅުވި އެވެ.

"އެއީ އޭގެ ކުރިން ވަރަށް ކޮރަޕްޓްކޮށް ފެނުނު ފަނޑިޔާރުންތަކެއް އޭގައި ތިބީ. އެހެންވެ އެ ފަނޑިޔާރުން އަނެއްކާވެސް އަދި އުމުރަށް އައްޔަންކޮށްގެން."

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ތަޖުރިބާ އޭރު ކުޑަވުމުން އެނގިވަޑައިނުގެން ބައެއް ކަންކަން ފަހުން ވިސްނިވަޑައިގަތެވެ. އެގޮތުން ގާނޫނުއަސާސީގައި ވަކި މުއްދަތެއްގައި ކުރަން ޖެހޭ އެ ނޫން ބައެއް ކަންކަން ވެސް އެ މުއްދަތުގައި ނުކުރެވި ހުރުމާ އެކު، ކޮންމެހެން 7 އޮގަސްޓް 2010ގައި އާ ސުޕްރީމް ކޯޓު ވެސް އެކުލަވާލަން ނުޖެހޭ ކަމަށް އޭނާއަށް މިހާރު ގަބޫލުކުރެއްވެ އެވެ.

އެކަމަކު މީގެ 14 އަހަރު ކުރީގައި އޮތީ މުޅިން ތަފާތު ހާލަތެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރުޕީގެ ބާރު ގަދަ އެވެ. އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަން ކިރިޔާ ނިމިގެން އުޅުނު ދުވަސްވަރުކަމުން އެ ޕާޓީގެ ފަހަތުގައި ތިބި އާންމުން ވެސް އެހާމެ ގިނަ އެވެ. އެހެންކަމުން ނަޝީދުގެ ސަރުކާރަށް ޑީއާރުޕީއަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ރައްޔިތުންގެ މަޖިލިހުން ކަމެއް ނިންމާ ނަމަ ޑީއާރުޕީއާ މަޝްވަރާކޮށް، އެ ޕާޓީގެ ރުހުން ވެސް ހޯދަން ޖެހެ އެވެ.

ރާއްޖޭގެ ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 10 އޮގަސްޓް 2010ގައި ހުވާކުރެއްވުމަށް ފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދާ އެކު

ރާއްޖޭގެ ދާއިމީ ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

  • 1-

    އަހުމަދު ފާއިޒް، އުއްތަމަފަނޑިޔާރު (ރައީސް ނަޝީދުގެ ހޮވުމެއް)

  • 2-

    އަލީ ހަމީދު (ރައީސް ނަޝީދުގެ ހޮވުމެއް)

  • 3-

    އަހުމަދު މުއުތަސިމް އަދުނާން (ރައީސް ނަޝީދުގެ ހޮވުމެއް)

  • 4-

    އަބްދުﷲ ސައީދު (ޑީއާރުޕީގެ ހޮވުމެއް)

  • 5-

    އަބްދުﷲ އަރީފް (ޑީއާރުޕީގެ ހޮވުމެއް)

  • 6-

    އާދަމް މުހައްމަދު އަބްދުﷲ (ޑީއާރުޕީގެ ހޮވުމެެއް)

  • 7-

    ޑރ. އަހުމަދު އަބްދުﷲ ދީދީ (ޖޭޕީ/ގައުމީ ޕާޓީގެ ހޮވުމެއް)

އާ ސުޕްރީމް ކޯޓު ވީ ސިޔާސީ އެ ހިޔާލު ތަފާތުވުމާއި ގޮންޖެހުންތަކުގައި އުފެއްދި ތަނަކަށެވެ. އާ ފަނޑިޔާރުންތަކެއް ހިމެނުނަސް، އޭރު ވެސް ޝަރުއީ ނިޒާމުގެ ތެރޭގައި ނުފޫޒު ގަދަކޮށް ތިއްބެވި ބައެއް ބޭފުޅުންނަށް ފުރުސަތު ދޭން ޖެހުނެވެ.

"އަޅުގަނޑުމެން ގާނޫނަށް ބަދަލުތަކެއް އޯވަނައިޓުން ގެނެވުނު. ދެތިން ބަދަލެއް އަޅުގަނޑު ހަނދާންވޭ ހޭލާ ތިބެގެން [ގެނައި]، ހެނދުނުން ފެށިގެން މަސައްކަތްކުރަމުން ދިޔައީ،" ރައްޔިތުންގެ މަޖިލިހުގައި ހޭދަކުރެއްވި 15 އަހަރުގެ ތެރޭގައި ވޯޓު ދެއްވި ގޮތާ މެދު އެންމެ ހިތްހަމަޖެހިވަޑައިނުގަންނަވާ މައްސަލައިގެ ތަފުސީލްގައި އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީން ވާހަކަ ދައްކަން ޖެހެނީ ރައީސް ނަޝީދާ. [ދެން] އެމްޑީޕީގެ [މެމްބަރުންގެ ތެރެެއިން] ރީކޯ މޫސާ މަނިކާއި އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވަމުން ގެންދެވީ. އަޅުގަނޑުމެންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު، ތަސްމީން އަލީ...މައުމޫންއާ ވެސް ކޮންސަލްޓްކުރަން ޖެހޭ. [އެ އެންމެންނާ] ވާހަކަ ދައްކައިގެން ނޫނީ ހަމައެއް ނުޖެހޭ."

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހު 24 ގަޑިއިރަކީ 'ބުނެދޭން ނޭނގޭ ކަހަލަ' ވަގުތުކޮޅެކެވެ. ފަނޑިޔާރުންގެ ގާނޫނަށް، ދެކޮޅުން ވާހަކަ ދައްކައިގެން އަދި ނުނިދާ ތިބެ ގެނައި ބައެއް ބަދަލުތަކުން ދައްކައިދެނީ ސިޔާސީ މަސްރަހު އޭރު އޮތް ނާޒުކު ހާލަތެވެ. ފަހުން ދިވެހިންނަށް ތަޖުރިބާކުރެވުނީ އެ ސުޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުންގެ ތެރޭގައި ސިޔާސީ މަސްލަހަތު ބޮޑު ކަމެވެ.

އާޒިމް ވިދާޅުވި ގޮތުގައި އާ ސުޕްރީމް ކޯޓު އައްޔަންކުރައްވަން ނަޝީދަށް ފުރިހަމަ ބާރު ލިބިވަޑައިގެންނެވި ނަމަ ރަނގަޅު ބެންޗެއް ފެނުނީހެވެ. ނަމަވެސް އެ ވާހަކައަށް  އެއްބަސްނުވާނެ އެތައް ބަޔަކު އުޅޭނެ އެވެ. އެއީ ފަނޑިޔާރު އަލީ ހަމީދަކީ ނަޝީދު ފޮނުއްވި ނަމަކަށް ވުމެވެ. އެ ނަން އެމަނިކުފާނުގެ ލިސްޓުން އުނިނުކުރެވޭނެ ކަމަށް ޑީއާރުޕީއަށް ނަޝީދު އެންގެވި ކަމަށް ވެސް ވެ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން ލުމުގައި ރަނގަޅު އޮތޯރިޓީއާ އެކު ރަނގަޅު ބާރާ އެކު އެ ފުރުސަތު [ނަޝީދަށް] އޮތް ނަމަ ނުވާނެ ގޯސްކޮށެއް. އެކަމަށް އެކަށޭނަ މީސްމީހުން ލައިގެން މިއަދާ ހަމައަށް [ނަޝީދު] ކަންކަން ކޮށްފައި ހުރީ،" އާޒިމް ވިދާޅުވި އެވެ.

އާ ސުޕްރީމް ކޯޓު އުފެއްދި ފަހުން ދެން އައި ފުރަތަމަ ރިޔާސީ ދައުރުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ވަނީ ފަނޑިޔާރުކަމުން ފާއިޒް އާއި މުއުތަސިމް ވަކިކޮށްފަ އެވެ. އަލުން ސުޕްރީމް ކޯޓަށް މުއުތަސިމް އައްޔަންކުރީ އެންމެ ފަހުން އޮތް އެމްޑީޕީ ސަރުކާރުގައި އެމްޑީޕީން ކޮންޓްރޯލްކުރި ރައްޔިތުންގެ މަޖިލިހުންނެވެ.

ޔާމީން ސަރުކާރާ ދެކޮޅަށް 1 ފެބްރުއަރީ 2018ގައި ނެރުނު އަމުރަކާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް، ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި އެވެ.

މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ އިތުރުން ސުޕްރީމް ކޯޓުގެ މިހާރުގެ މުޅި ބެންޗު ވެސް ވަނީ އާވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް