2024ގެ ޖުޑީޝަލް އަހަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު (މ)، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން (ވ) އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރަައީސް ހިސާން ހުސައިން (ކ). (ފޮޓޯ/ ރައީސް އޮފީސް)

ބޭނުންވަނީ މާދަމާ ޔާމީން މިނިވަން ވާން، ޝަރީއަތް ލަސްކުރީ ސީދާ ޖޭއެސްސީ އިން: ރައީސް

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ސަރުކާރުގެ އެއްވެސް ނުފޫޒެއް ޖޭއެސްސީއަށް ނޯންނާނެ ކަމަށް
17 އޭޕްރީލު 2024

މަނީ ލޯންޑަރިންގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ލަސްކުރީ ސީދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށް ރައީސް މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ. އަދި ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ ޔާމީން މާދަމާ މިނިވަން ވުމަށް ކަމަށެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މިރޭ 'ގދ. އަތޮޅު އިވެންޓް'ގެ ނަމުގައި މާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - އެމަނިކުފާނު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ މައްޗަށް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ޖޭއެސްސީ އުފެދިފައި އޮތް ގޮތުން އެކޮމިޝަން މިހާރު ކޮންޓްރޯލް ކުރަމުން ދަނީ އިދިކޮޅު އެމްޑީޕީން ކަމަށެވެ.

"ޖޭއެސްސީގެ ރައީސް އަކީ ވެސް އެމްޑީޕީ ބޭފުޅެއް. މަޖިލީހުގެ ރައީސް އަކީ އެމްޑީޕީ ބޭފުޅެއް. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ. އަދި މަޖިލީހުގެ [އެމްޑީޕީ] މެމްބަރެއް ޖޭއެސްސީގައި ހުންނަވާނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ބާރު ޖޭއެސްސީގައި އޮވެ، އެ ބާރުގެ ބޭނުން އިދިކޮޅުން ހިފަމުންދާކަން ސާބިތުވަނީ، ރައީސް ވިދާޅުވި ގޮތުގައި، ޔާމީންގެ ޝަރީއަތުގެ ކަންކަން ކުރިއަށްދާ ގޮތުންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި:

  • ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން

  • އެވާހަކަ ވިދާޅުވިތާ ދެތިން ދުވަސްތެރޭގައި، މިހާރު އޮތީ މާދަމައަށް ޔާމީންގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުން މާދަމައަށް ތާވަލުކޮށްފައި

"މިއޮތްހާ ދުވަހު އެބޭފުޅުން ހިފެހެއްޓެވީ ނޫންތޯ؟ އެބޭފުޅުން ބޭނުންވީމަ ޝެޑިއުލް އެބަ ކުރެވޭ،" މީގެ ކުރިން ވެސް ޔާމީންގެ ޝަރީއަތް އިންސާފުވެރިކަމާ އެކު ވީހާ އަވަހަކަށް ނިންމަދޭން ޝަރުއީ ދާއިރާއަށް ގޮވާލާފައިވާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

"... މިއަދާ ހަމައަށް ޖޭއެސްސީގެ ތެރެއިން އެމްޑީޕީގެ ބާރު ހިންގައިގެން ޖުޑީޝަރީއަށް ނުފޫޒު ފޯރުވި ފޯރުވުން އަޅުގަނޑު ކުށްވެރި ކުރަން."

ރައީސް މުއިއްޒު ގަބޫލުކުރައްވަނީ، ޖޭއެސްސީގެ ނުފޫޒުން ޝަރުއީ ދާއިރާ އެއްކިބާ ކުރެވޭނީ ސިޔާސީ ގޮތުން އިންތިހާބުވާ ބޭފުޅުންނަށް އެކޮމިޝަނުގައި ނުތިބެވޭ ގޮތަށް ޖޭއެސްސީ އެކުލަވާލައިގެން ކަމަށެވެ. އަދި އެގޮތަށް ގާނޫނު ބަދަލުކުރަން ވެސް ވައުދުވެވަޑައިގެންފައިވާނެ ކަން ފާހަގަކުރެއްވި އެވެ.

ޖޭއެސްސީގެ ނުފޫޒުގެ ސަބަބުން ޔާމީންގެ ޝަރީއަތް ލަސްވި ނަމަވެސް މާދަމައަށް އަޑުއެހުން ތާވަލުކުރެވިފައިވާތީ ރައީސް ވިދާޅުވީ އުފާކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ދުއާ އަކީ، އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ،" ރައީސް ފާހަގަކުރެއްވި އެވެ.

"މާދަމާ އެމަނިކުފާނު މިނިވަން ވުމަކީ އަޅުގަނޑު ވަރަށް އުންމީދުކުރާ ކަމެއް. އެއަށް ފަހު ދެން ފެންނާނީ ރާއްޖޭގައި ހުރިހާ ރައީސުން ވެސް، ކުރީގެ ރައީސުން މިނިވަންކަމާ އެކީ އުޅެމުންދާތަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް