ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކެމްޕޭން ޖަލްސާގައި

ޔާމީންގެ އިސްތިއުނާފް ހުކުމް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނަން: އަސްލަމް

ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް، ހަތަރު މަސް ވެފައިވާ މައްސަލާގައި ހުކުމް ނީއްވާ ލަސްކުރަމުންދަނީ މި ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށް އަސްލަމް ވެސް ތުހުމަތުކުރެއްވި

ވ. އާރަށު މައްސަލައިގެ ހުކުމް، ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް މަޑުޖެހިފައި އޮންނަ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަސްލަމް މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންނަށް ރޭ އައްޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި، ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް، ހަތަރު މަސް ވީއިރު، އެ މައްސަލާގައި ހުކުމް ނީއްވާ ލަސްކުރަމުންދަނީ މި ސަރުކާރުން ނުފޫޒު ފޯރުވާތީ އެވެ.

ބުނީ ކީކޭ؟ - އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ޖޭއެސްސީން ބަލަން އެ މައްސަލަ މިއަދު ހުށަހަޅުއްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މާދަމާ އަޅުގަނޑު މި މައްސަލަ ލާނަމޭ، ބަލުވާނަމޭ މި މައްސަލަ ޖޭއެސްސީން،" އަސްލަމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވަކި ސަރުކާރަކަށް ވުމުން، ވަކި ބަޔަކު އިންސާފުން އެއްކިބާވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށާއި، ހާއްސަކޮށް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިހުތިރާމް ކޮންމެ ސަރަކާރެއް އޮތަސް ދޭން ޖެހޭނެ ކަމަށެވެ.

ޔާމީންގެ ޝަރީއަތަށް މި ސަރުކާރުން 'އަތްބާނާ' ކަމަށް ގަބޫލުުކުރެވެނީ، ޔާމީންގެ ޕީޕަލަސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް މިފަހުން ފުލުހުން ފޮނުވައިގެން ހުއްޓުވި ހުއްޓުވުމުން ކަމަށް އަސްލަމް ވިދާޅުވި އެވެ. ދެން ވިދާޅުވީ ސިޔާސީ އެއްވެސް ހަރަކާތެއްގެ ތެރެއަށް އޭރެއްގައި އޮންނަ ސަރުކާރަކުން ފޮނުވައިގެން ނޫން ގޮތަކަށް ފުލުހުން ނުވަންނާނެ ކަމަށެވެ.

އެނގުން މުހިންމު - އާރަށުގެ މައްސަލާގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ 21 ނޮވެމްބަރުގަ އެވެ. ހުކުމް ކުރުމާ ހަމަޔަށް ގޮސްފައި އޮންނަތާ ހަތަރު މަސް ވީއިރު، އެ މައްސަލާގައި އަދިވެސް ހުކުމެއް ނުކުރެ އެވެ. ހުކުމް ކުރުން ލަސްވާ ސަބަބެއް ކޯޓުން ސާފުކޮށްނުދޭ ކަމުގެ ކަންބޮޑުވުންތައް ވެސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ދަނީ ފާޅުކުރަމުންނެވެ.

ޔާމީން މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ޔާމީންގެ ދިފާއުގައި އަސްލަމް އެގޮތަށް ވާހަކަ ދެއްކެވި އިރު މީގެ ކުރިން ޔާމީން އާއި މިހާރުގެ ރައީސް މުހައްމަދު މުއިއްޒް އާއި މި ސަރުކާރުން ދައްކަނީ އެމްޑީޕީގެ ވެރިކަމުގައި ޔާމީނަށް އިންސާފު ލިބިވަޑައިނުގެން ވާހަކަ އެވެ. އަދި ޔާމީންގެ ޝަރީއަތަށް އެ ސަރުކާރުން އަތް ބާނާކަމަށް ބުނެ ޕީޕީއެމް/ޕީއެންސީން ފާޑުކިއުން ވެސް އޭރު ނުހުއްޓަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް