ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދާ ޕީއެންއެފް ރަޖިސްޓްރީ ކުރުމުގެ ޖަލްސާ (ފައިލް ފޮޓޯ/ ދައުރު)

ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުން މާދަމައަށް ޝެޑިއުލްކޮށްފި

ހުކުމް ކުރަން މާދަމާ ބާއްވާ ޝަރީއަތުގެ މަޖިލިސް ބާއްވަން ނިންމާފައިވަނީ 1 ޖަހާއިރަށް

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުން މާދަމާ ބާއްވަން ހައި ކޯޓުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ -  ޔާމީންގެ މައްޗަށް 25 ޑިސެމްބަރު 2022ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކުރީ 21 ފެބްރުއަރީ 2023ގަ އެވެ. އޭގެ ފަހުން:

  • 7 ޖޫން - މައްސަލަ ހުށަހަޅާފައި އޮންނަތާ ގާތްގަނޑަކަށް ތިން މަސް ފަހުން ކޯޓުގައި އަޑުއެހުންތައް ފެށި

  • އޭގެ ފަހުން މި މައްސަލާގައި ތިން އަޑުއެހުން ބޭއްވުމަށް ފަހު، ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންނެވުމުން ޖުލައި މަސް ތެރޭ އަޑުއެހުންތައް މަޑުޖެހުނު

  • 16 އޮގަސްޓު - އަޑުއެހުންތައް އަލުން ފެށުމަށް ފަހު ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުން 26 އޮކްޓޯބަރުގައި އަޑުއެހުންތައް އަނެއްކާ ވެސް މަޑުޖެހުނު

  • ނޮވެމްބަރު 9 - އަޑުއެހުންތައް ނުބާއްވާތާ މަސް ދުވަސް ފަހުން އަޑުއެހުންތައް އަލުން ފަށައި އެ މަހުގެ 21އަށް މުޅި އަޑުއެހުންތައް ނިންމާލާ ހުކުމް ކުރުމާ ހަމަޔަށް ދިޔަ

ތަފްސީލް - ހުކުމާ ހަމަަޔަށް ގޮސްފައި އޮންނަތާ ހަތަރު މަސް ވެފައިވާ މި މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލީސް މާދަމާ ބާއްވަން ނިންމާފައިވާކަން 'ދައުރު' އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ނަމަވެސް މި ޝަރީއަތުގެ މަޖިލިސް ހައި ކޯޓުގެ ތާވަލަކަށް އަދި ނުލަ އެވެ.

'ދައުރު' އަށް އެނގިފައިވާ ގޮތުގައި ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން ނިންމާފައިވަނީ މާދަމާ 1 ޖަހާއިރު އެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރު މިހާރު ވަނީ ފޮނުވާފަ އެވެ.

އެނގުން މުހިންމު - ހުކުމާ ހަމަޔަށް ގޮސް ހައި ކޯޓުގައި މަޑުޖެހިފައި އޮންނަތާ ހަތަރު މަސްވެފައިވާ މި މައްސަލައިގެ ހުކުމް ކުރަން މާދަމާއަށް ނިންމާފައިމިވަނީ، ހުކުމް ކުރުމުގެ މަރުހަލާގައި އެހާ ބޮޑަށް ލަސްވެފައިވާ މައްސަލަ ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް މިފަހުން ވިދާޅުވެފައިވަނިކޮށެވެ.

ހުކުމް ކުރުން ލަސްކުރަމުންދާތީ އެކަމާ ގުޅޭގޮތުން ޔާމީންގެ ފަރާތުން ވެސް ތަކުރާރުކޮށް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޔާމީން އަދި އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ހުކުމް ކުރުން ލަސްވަނީ ސަރުކާރުން އެ ޝަރީއަަތަށް ނުފޫޒު ފޯރުވަމުންދާތީ އެެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް