ޕީޕީއެމް/ޕީއެންސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު(ފޮޓޯ/ޕީޕީއެމް/ޕީއެންސީ)

ޔާމީން މިނިވަން ކުރަން އެމްޑީޕީން ޖޭއެސްސީއަށް މައްސަލަ ހުށަހެޅުމަކީ ޖޯކެއް: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވިދާޅުވީ، އެމްޑީޕީގެ މެޖޯރަޓީ އޮތް ޖޭއެސްސީއަށް އެ މައްސަލަ ބަލަން އަސްލަމް ވަޑައިގަތުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

ވ. އާރަށު މައްސަލައިގެ ހުކުމް، ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް މަޑުޖެހިފައި އޮންނަ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިގެން މައްސަލަ ބަލަން އުޅުމަކީ "ޖޯކެއް" ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ -  ހުކުމާ ހަމަޔަށް ގޮސް، ވަކި ގޮތެއް ނުނިންމާ އޮންނަތާ ހަތަރު މަސްވެފައިވާ ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވީ، އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. އަސްލަމް ތުހުމަތުކުރައްވަނީ، ހައި ކޯޓުން އެ މައްސަލައިގެ ހުކުމް ނީއްވާ ލަސްކުރަމުންދަނީ މި ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށެވެ. އަދި، އެ މައްސަލަ ބަލަން އިއްޔެ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މަޖިލިސް އިންތިހާބާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވަނީ، އެ މައްސަލަ ޖޭއެސްސީއަށް ހުށަޅާނެ ކަމަށް އަސްލަމް ވިދާޅުވި ވިދާޅުވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - ހީނާ ވިދާޅުވީ، އެމްޑީޕީގެ މެޖޯރަޓީ އޮތް ޖޭއެސްސީއަށް އެ މައްސަލަ ބަލަން އަސްލަމް ވަޑައިގަތުމަކީ "ބޮޑު ޖޯކެއް" ކަމަށެވެ. 

"މިހާރު ރައީސް ޔާމީން މިނިވަން ކުރެއްވުމަށްޓަކައި އެބޭފުޅުން ޖޭއެސްސީއަށް މައްސަލަ ބަލަން ހުށަހަޅާ ވާހަކަ. ދެން މިވެސް ހަގީގަތުގައި ވަރަށް ބޮޑު ޖޯކަކަށް އަޅުގަނޑުމެންނަށް މިވަނީ އިނގޭތޯ،" ހެމުން ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ:

  • ޔާމީންގެ މައްސަލަ ހައި ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންނަކީ އެމްޑީޕީގެ ސަރުކާރުގައި އައްޔަންކުރެއްވި ދެ ފަނޑިޔާރުން 

  • މަޖިލީހުގެ ރައީސް އަކީ ޖޭއެސްސީގައި އިންނަވާ އެމްޑީޕީ ބޭފުޅެއް

  • ދެން ޖޭއެސްސީގައި ތިއްބެވީ ވެސް ހުސް އެމްޑީޕީ ބޭފުޅުން

"ހަގީގަތުގައި މިވެސް ހަމަ ވަރަށް ބޮޑު ޖޯކަކަކަށް ދެން އަޅުގަނޑުމެންނަށް ވެގެން މިދަނީ. ހަގީގަތުގައި ދަންނަވަން މިއުޅެނީ އެމްޑީޕީގެ ފަސް އަހަރުގައި ނުކޮށްދެވުނު ދެން ކޮން ކަމެއްތޯއޭ މަޖިލީހުގެ ސުޕަމެޖޯރަޓީ ހޯދައިގެން އަޅުގަނޑުމެންގެ ވެރިކަމެއްގައި އެބޭފުޅުން ރައްޔިތުންނަށް ކޮށްދޭން މިއުޅެނީ،" ހީނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އާރަށުގެ މައްސަލާގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ 21 ނޮވެމްބަރުގަ އެވެ. ހުކުމް ކުރުމާ ހަމަޔަށް ގޮސްފައި އޮންނަތާ ހަތަރު މަސް ވީއިރު، އެ މައްސަލާގައި އަދިވެސް ހުކުމެއް ނުކުރެ އެވެ. ހުކުމް ކުރުން ލަސްވާ ސަބަބެއް ކޯޓުން ސާފުކޮށްނުދޭ ކަމުގެ ކަންބޮޑުވުންތައް ވެސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ދަނީ ފާޅުކުރަމުންނެވެ.

ޔާމީން މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ. މީގެ ކުރިން ޔާމީން އާއި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވަނީ ޔާމީނަށް އިންސާފު ނުލިބި، ޝަރީއަތްތައް ލަސްވާ މައްސަލާގައި ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ޔާމީންގެ ޝަރީއަތަށް އެމްޑީޕީ ސަރުކާރުން އަތް ބާނާކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ ފާޑުކިއުން ވެސް އޭރު ނުހުއްޓަ އެވެ. ނަމަވެސް، މިހާރު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލާގައި އެއްވެސް ވަރަކަށް ކަންބޮޑުވުން ފާޅުކުރާތަނެއް ނުފެނެ އެވެ.

ކޮމެންޓް (1)

ތެފައާސާ

15 އޭޕްރީލު 2024
ޔާމީން މިނިވަން ކުރަން ޕީޕީއެމްއިން ޖޭއެސްސީއަށް މައްސަލަ ހުށަނޭޅުމަކީ އަދި މާބޮޑު ޖޯކެއް: ތެފައާސާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް