ޕީއެންސީގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ފުރުމުގެ ކުރިން މަލީހާއި ޖަމީލު މީޑިއާ އާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަޒްމީ)

ޕީއެެންސީ ސަރުކާރަށް މެޖޯރިޓީ ލިބިއްޖެ ނަމަ ޔާމީން މިނިވަނެއް ނުވާނެ: ޖަމީލް

ޖަމީލް ވިދާޅުވީ ޝަރީއަތުގައި އޮތް ޔާމީންގެ މަައްސަލަ ހިފެހެއްޓުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ފާޅުކަންބޮޑުގޮތެއްގައި ނުފޫޒު ފޯރުވާފައިވާ ކަމަށެ

ޕީއެންސީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ނުވާނެ ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީއެންއެފްގެ ތާއީދާ އެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ކ. އަތޮޅުގެ ބައެއް ރަށްތަކަށް ފުރާވަޑައިގަތުމުގެ ކުރިން ރަަސްމީ ފާލަންމަތީގައި ނޫސްވެރިނާ ވާހަކަ ދައްކަވަނިކޮށް 'ދައުރު' އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމީލް ވިދާޅުވީ ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވަނީ ވެސް ސަރުކާރުގެ ނުފޫޒުން ކަމަށެވެ.

ތަފްސީލް - ޖަމީލް ވިދާޅުވީ ޝަރީއަތުގައި އޮތް ޔާމީންގެ މަައްސަލަ ހިފެހެއްޓުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ފާޅުކަންބޮޑުގޮތެއްގައި ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ޕްރޮސެކިޔުޝަނަށާ އަދި އެހެނިހެން ފަރާތްތަކާ ގުޅުވައިގެން އެމީހުންގެ އެކި ނުފޫޒުތައް ފޯރުވާފައި އޮތް ކަމުގެ ސާފު، ސޮރިީހަކޮށް ފެންނަން ހުރި ކަމަށް އަޅުގަނޑުމެންނަށް އެބަ [މައުލޫމާތު] ލިބޭ،" އޭނާ ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ރައީސް ޔާމީނަށް މި ސަރުކާރުން އެއްވެސް ލުޔެއްދީފައި ނުވާ ކަމަށެވެ.

"ރައީސް ޔާމީނަށް މިވަގުތު އޮތް އެންމެ ބޮޑު އަނިޔާ އަކީ މި ޖަލު ހުކުމް، ނުހައްގުން ކޮށްފައި އޮތް ހުކުމް ދެމެހެއްޓުމުގައި ސީދާ ރައީސް މުއިއްޒާއި  އަދުރޭ އަތް އަޅުވާފައި އޮތްކަަން އަޅުގަނޑުމެންނަށް އެނގޭ." އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިއަދު އޮތް އެންމެ ބޮޑު ޝަކުވާ އަކީ ރައީސް ޔާމީނެއް މިނިވަނެއް ނުކުރާނެޔޭ މުއިއްޒު އެއް. ޕީއެންސީ އެއް ނުކުރާނެޔޭ. ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ކަމުގައިވާ ނަމަ ހަގީގަތުގައި އެބޭފުޅުންގެ ރޭވުން އޮތީ މި އަނިޔާ ދަމަހައްޓަން. ރައީސް ޔާމީންގެ މައްޗަށް މި އަނިޔާ ދަމަހައްޓަން،" ޖަމީލް ވިދާޅުވި އެވެ.

ނޫސްވެރިންނާ ވާހަކަަ ދައްކަވަމުން ކުރީގެ މިނިސްޓަރު އަދި ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީއެންއެފްގައި އިސްކޮށް މަސައްކަތް ކުރައްވާ މަލީހު ޖަމާލު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ރައީސް ޔާމީން މިނިވަން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ވަރަށް ސާފު، ރައީސް މުއިއްޒަށް ލިބޭ ކޮންމެ ބާރަކީ އަނިޔާވެރިކަމާއި ހާއްސަކޮށް ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަށް ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ލިބޭ އިތުރު ބާރެއް." މަލީހު ވިދާޅުވި އެވެ.

މަލީހު ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ ޔާމީން އަލުން ޖަލަށް ގެންދަން ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެބޭފުޅުން އެ މަސައްކަތް ހުއްޓާލެއްވީ ރައްޔިތުންގެ ރުޅިވެރިކަން ލިބޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (3)

profile-image-placeholder

ޝަރފު

16 އޭޕްރީލު 2024
އިއްޔެއާ މިއަދުވެސް ރައްޔިތުންގެ ސުވާލަކީ ޝަރުޢީ ނިޒާމުގަ ވަކި ފަރުދަކަށް ލިބިގެންވާ މިނިވަންކަމެއް އޮވޭތޯ؟ އޮންނަ ނަމަ ކޮންމެ ފަރުދަކަށްވެސް ހަމަޔާ އިންސާފު ލިބިދެވޭނެ ކަމަށް ޤަބޫލުކުރާނީ ކޮން އުސޫލަކުން ކިހިނެތްތޯ؟ އަބަދުމެ ރައްޔިތުންނަށް ވިއްކަމުންދާ ނުވަތަ އޮންނަކަމަށް ސިޔާސީން ދަންނަވާ ސަރުކާރުގެ ނުފޫޒުން ޝަރުޢީ ނިޒާމު ސަލާމަތް ކުރެވޭނެތޯ؟ ހެއްވާ މަޖާ ޖޯކަކީ، ސިޔާސީން ބޭނުންވާ ގޮތަކަށް ނިންމާ ކޮންމެ ނިންމުމެއް އެއީ އިންސާފުވެރި ނިންމުމަކަށް ވެފަ، ދެކޮޅަށް ނިންމާ ކޮންމެ ނިންމުމެއް އެއީ އެބަޔަކު އެ ދައްކާ ބައެއްގެ ނުފޫޒާ ބާރުން ވި ކަމެއްކަމުގައި އަޅުގަނޑުމެންނަށް ބުނެދެއްވާ ބުނެދެއްވުން.

ޖަމީލް

16 އޭޕްރީލު 2024
ޖަމީލްގެ ޢާއިލާ ބޭފުޅުންނަށް ރަނގަޅު މަޤާމެއް ލިބެންދެން ތި ހާސަރު ދަމާނެ

ފީލިންގ

17 އޭޕްރީލު 2024
@ޖަމީލް ޖަމީލުގެ އާއިލާ ދަންނަ އެންމެންނަށްވެސް އެނގޭނެ އެމީހުންނަކީ އަސްލު އެވަރަކުން މަގާމެއް ހޯދައިގެން ކައިގެން ބޮއެގެން އުޅޭ ވަރަށްވުރެ ފޯރައިގެންތިބި ތަނަވަސް، އަދި އަމިއްލައަށް މަސައްކަތެއްކޮށްލެވޭވަރުގެ ތައުލީމެއްވެސް ހޯދައިގެންތިބި ބައެއްކަން....

އިތުރު އާޓިކަލް

އިތުރު އާޓިކަލް