ގާނޫނުއަސާސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - (ފޮޓޯ/ އެމްޑީޕީ)

ޖުޑިޝަރީ

ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނާ ހިލާފަށް، އުފައްދާފައިވާ މައްސަލައަކަށް: ވަކީލުން

ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ފަނޑިޔާރުން ސަސްޕެންޑްކުރުމުގައި ކޮމިޝަނުގެ ގާނޫނުގައި ބަލަން އޮންނަ އެއްވެސް ކަމަކަށް ޖޭއެސްސީން ބަލާފައި ނުވާ ކަމަށް
26 ފެބްރުއަރީ 2025

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޮމިޝަނުގެ ގާނޫނާ ގުޅުން ހުރި އެހެން އުސޫލުތަކާ ހިލާފަށް ކަމަށް، އެ ކޯޓަށް ގާނޫނުއަސާސީގެ ދުސްތޫރީ މައްސަލަ ހުށަހެޅުއްވި ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމުލުކުރުން މަޑުޖައްސާލަން އެދިފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން މިއަދު އަޑުއެހުން ބާއްވަން ކުޑަތަން ވެފައިވަނިކޮށް ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:

  • އަޒްމިރަލްދާ ޒާހިރު

  • މަހާޒު އަލީ ޒާހިރު

  • ހުސްނުއްސުއޫދު

ފަނޑިޔާރުން ސަސްޕެންޑްކުރީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ހިނގަމުންދާ ކަމަށް ޖޭއެސްސީއަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

އެނގުން މުހިންމު - ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމުން ސަސްޕެންޝަނެއް ނެތި ކޯޓުގައި ބާކީ ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން، ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. އެހެންވެ، މި ވަގުތަށް އެއްވެސް ދުސްތޫރީ މައްސަލައެއް ކޯޓަކަށް ނުބެލޭނެ އެވެ.

ބުނީ ކީކޭ؟ - ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ވަކީލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ފަނޑިޔާރުން ސަސްޕެންޑްކުރުމުގައި ކޮމިޝަނުގެ ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އަދި ސަސްޕެންޑްކުރުމުގައި ބަލަން ޖެހޭ ކަންކަމަށް ވެސް ބަލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުފޫޒު އިޝާރާތްކުރެއްވީ ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ލ) އަށެވެ. އޭގައި ބުނާ ގޮތުން ވަގުތީ ގޮތުން ފަނޑިޔާރު ދުރުކުރުމުގައި ބަލަން ޖެހޭ ކަންކަމަކީ:

  • މައްސަލައިގެ ބާވަތް

  • ހުށަހެޅިފައިވާ ހެއްކާއި ގަރީނާ

  • ފަނޑިޔާރު ދެމިހުރެއްޖެ ނަމަ މައްސަލަ ބެލުމުގައި ކުރިމަތިވެދާނެ ހުރަސް

  • ޝަރުއީ ދާއިރާއަށް އޮންނަ އިތުބާރު ދެމެހެއްޓުމުގެ އަސާސް

"މައްސަަލައެއް ހަމަ ހުށަހެޅޭ ހިސާބުން ފަނޑިޔާރުން ސަސްޕެންޑްކުރެވޭ ގޮތަކަށް ނޫން ގާނޫނީ ނިޒާމު މިހާރު މި އޮތީއެއް. ޖުޑީޝަލް ސާވިސް ކޮމިޝަނުންނެއް ނެތް ބައްލަވާފައެއް މިއިން އެއްވެސް ކަމަކަށް،" މަހުފޫޒު ވިދާޅުވި އެވެ.

ސަސްޕެންޑްކުރުމުގެ މާއްދާ ގާނޫނުގައި ހިމެނި ސަބަބަކީ މައްސަލައެއް ބަލަމުން ދަނިކޮށް ފާޅުގައި އެ މައްސަލައަކާ މެދު ވަކި ގޮތަކަށް ނިންމަން ރިޝްވަތު ނެގުން ފަދަ ކަމެއް ހިނގުން ފަދަ މައްސަލައެއް ހުށަހެޅޭ ހާލަތުގައި ފަނޑިޔާރަށް މައްސަލައާ މެދު ގޮތެއް ނިންމަން ފުރުސަތު ނުދިނުމަށް ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

"މި މައްސަލާގައި އަޅުގަނޑުމެންނަށް މި ފެނުނީ ކޮމިޝަނުގައި އިންސާފަށް މަސައްކަތްކުރައްވާނެހެން ހީވާ މެންބަރަކު ވެސް ވަކިކުރައްވާފައި ބުނިހާ ގޮތެއް ހަދާނެ ކަމަށް ފެންނަ މެންބަރަކު ލުމަށް ފަހު ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮވެގެން ނިންމި ނިންމުންތަކެއް ކަން،" އޭނާ ވިދާޅުވި އެވެ.

މަހުފޫޒު އިޝާރާތް ކުރެއްވި ކަމަކީ ކުރިން ޖޭއެސްސީގައި ރައީސްގެ މެންބަރެއްގެ ގޮތުގައި އިންނެވި ވަކީލު މުހައްމަދު ސަމީރު އެ ކޮމިޝަނުން ވަކިކުރުމަށް ފަހު އެކައުންޓިން ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު ޔަޒްމީދު މުހައްމަދު މިދިޔަ އާދީއްތަ ދުވަހު އައްޔަން ކުރި ކުރުމަށެވެ.

ގާނޫނުއަސާސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - (ފޮޓޯ/ އެމްޑީޕީ)

މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންގެ ނަމުގަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ތުހުމަތުކުރެއްވީ މިއީ ފަނޑިޔާރުންގެ މައްޗަށް އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށެވެ.

"ސާފުކޮށް މި ދަންނަވަނީ ހަގީގަތުގައި ފަނޑިޔާރުގެ ފުނޑާލަން ކުރާ މަސައްކަތްތަކެއް މިއީ. ނެތް މައްސަލައެއް އުފަން ކުރުވައިގެން، ފަނޑިޔާރުން ވަކިކުރަން މަސައްކަތްކުރާތީ މިހެން ދަންނަވާލަން ޖެހުނީ. ހެކި ވެސް ހުންނާނީ އުފައްދާފައި ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އޭނާ ހުށަހެޅުއްވި މައްސަލާގައި ވެސް ކަން ކުރަމުން ދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށް އަލީ ވިދާޅުވި އެވެ. ސަރުކާރުގެ ބޭފުޅުން ސިފަކުރައްވާ ގޮތަށް "ސިޔާސީވާ" ތަނެއް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަށް އޮތް އަޑުއެހުމެއް ނުބާއްވާ ވެސް އެ އަމުރުތައް ނެރެވެން. މި ގައުމުގައި ކަން ހިނގާ ގޮތަށް ބަލަންޏާ ވެސް. އެ ބާރު ފަނޑިޔާރުންނަށް އޮވެމެ، އަވަސް އަރުވާނުލާ ދެ ފަރާތަށް ވެސް ވަގުތު ދީގެން އަޑުއެހުންތައް ތާވަލުކުރީ ހަގީގަތުގައި ސުޕްރީމް ކޯޓު ސިޔާސީ ނުވީމާ. މި ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު އެބަ އޮތް،" އަލީ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް