ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން - (ފޮޓޯ/ ރައީސް އޮފީސް)

ޖުޑިޝަރީ

3 ފަނޑިޔާރުންނާ ގުޅޭ ހިޔާނާތުގެ ތަހުގީގެއް އޭސީސީން ހިންގަނީ

އޭސީސީން ތަހުގީގު ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރު، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް
26 ފެބްރުއަރީ 2025
4

ސަސްޕެންޑުކޮށްފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:

  • އަޒްމިރަލްދާ ޒާހިރު

  • މަހާޒު އަލީ ޒާހިރު

  • ހުސްނުއްސުއޫދު

ތަފްސީލް - ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމީ އެ ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އޭސީސީން ޖޭއެސްސީއަށް އަންގާފައިވާތީ އެވެ.

ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ތަހުގީގީ އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފިކަން އެ ކޮމިޝަނުގެ ސަމާލު ކަމަށް އަންނަތާ 48 ގަޑިއިރުގެ ތެރޭގައި އެ ފަނޑިޔާރަކު ސަސްޕެންޑްކުރުމާ މެދު ކޮމިޝަނުން ވަކި ގޮތެއް ނިންމަން ޖެހޭނެ އެވެ.

ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ބުނި ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.

ބުނީ ކީކޭ؟ - "ކޮމިޝަންގެ މެންޑޭޓަށް ފެތޭ ގޮތަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ވިއްޔާ ކޮމިޝަނުގެ ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލައެއް ބަލަން ކުރަން ޖެހޭ ކަންކަން ކޮމިޝަނުން ކުރާނެ،" އޭސީސީއާ 'ދައުރު'ން ސުވާލުކުރުމުން އެ ތަނުން ފޮނުވި މެސެޖުގައިވެ އެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމީ، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށެވެ.

ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އަޑުއެހުމަށް ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ. އެއާ އެކު، އެ މައްސަލަ ވަނީ ހުއްޓިފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ކުރިއަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފަ އެވެ.

ކޮމެންޓް (4)

ވަނަވަރު

26 ފެބްރުއަރީ 2025
ތިޔަ ކޮމިޝަނަކުން ގައުމަށް ފައިދާވާ އެއްވެސް ކަމެެއްނުކުރާނެ. ނަމުގެ ކުރިޔަށް އެންޓި އޮތްނަމަވެސް ތީ ފައްކާ ކަރަޕްޝަން ކޮމިޝަނެއް.
1 0

އަހަރެން

26 ފެބްރުއަރީ 2025
ނުފޫޒު ނުފޯރުވުނު ތިން ފަނޑިޔާރުން ވީމަ ކޮންމެވެސް މޮޅު ނަމެއް ކިޔާލީ ކަމަށް އަހަރުމެން ދެކެނީ.
3 1

ތެފައާސާ.

26 ފެބްރުއަރީ 2025
ކޮމިޝަންގެ މެންޑޭޓަށް ފެތޭ ގޮތަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލައޭ ކިޔައިގެން މާ މޮޅެތި ވާހަކަ ނުދައްކާ، ތިއީ ކިހިނެތްވާ ކަމެއްކަން ނޭގޭ ކުޑަކުއްޖަކުވެސް މި ރާއްޖޭގައި ނޫޅޭނެ!!!!!
10 1

އިބޫ

26 ފެބްރުއަރީ 2025
@ތެފައާސާ. ހީވަނީ ކަންނޭނގެ ދޯ މާތް ﷲ އެމީހުންގެ ހިތްތައް ދެނެވަޑައިނުގަންނަވާކަން
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް