ސުޕްރީމް ކޯޓު. (ދައުރު ފައިލް ފޮޓޯ)

3 ފަނޑިޔާރުން ސަސްޕެންޑްކޮށް، ގާނޫނުއަސާސީ މައްސަލަ ހުއްޓުވައިފި

ގާނޫނުގައިވާ ގޮތުން ދުސްތޫރީ މައްސަލަތައް ބެލޭނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމަށާއި ފަނޑިޔާރުން ވަކިކުރުން ހުއްޓުވަން އަމުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައި ބަލަމުން އަންނަ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސެލްވެ، މުޅި މައްސަލަ ހުއްޓިއްޖެ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ހަދާ ގޮތަށް ގާނޫނު ބަދަލުކުރަން މަޖިލީހުން މިއަދު ވަނީ ނިންމާފަ އެވެ. އެ ނިންމުން ނިންމިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ސަސްޕެންޑްކޮށްފަ އެވެ.

ތަފްސީލު - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ޕީއެންސީގެ މެންބަރަކު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ވަކިކުރާ ދެ ފަނޑިޔާރުންގެ ނަން ކުރިއަށް އޮތް ފަސް ދުވަސް ތެރޭ މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

އެ ބިލު މަޖިލީހަށް ވެއްދީ:

  • މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ ވެސް މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕިއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައި އޮއްވާ؛ ދައުލަތުން މި މައްސަލައިގައި ވަކާލާތު ކުރީ އެ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް

  • އެ މައްސަލަ ބަލަމުން އައީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން؛ މިއަދު ފާސްކުރި ބިލު ގާނޫނަކަށް ވުމާ އެކު، އޭގެ ތެރެއިން ދެ ފަނޑިޔާރުން މަގާމުން ވަކިކުރާނެ

ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލައި އެފަދަ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިއުމަށާއި ފަނޑިޔާރުން ވަކިކުރުން ހުއްޓުމުގެ އަމުރަކަށް އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ.

އެ ވަގުތީ އަމުރުތަކާ ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 11އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. 

މި މައްސަލައިގައި އަލީ ހުސައިންގެ  ވަކީލު މަހްފޫޒު ސައީދު މިއަދު 'ދައުރު'އަށް ވިދާޅުވީ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުން މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ.

"ކޯޓު ރޫމަށް ވަކީލުންނާއި އަޑުއަހާ މީހުން ވެއްދުމަށް ފަހު، އިދާރީ މޭޒުން އެންގީ [މިއަދުގެ އަޑުއެހުން] ކެންސަލް ކަމަށް. ސަބަބެއް ނާންގާ،" އޭނާ ވިދާޅުވި އެވެ.

މިއާ އެކު، ފުލް ބެންޗުން ބަލަމުން ދިޔަ މުޅި މި މައްސަލަ ހުއްޓުނީ އެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން މިހާރު އެ ކޯޓުގައި ތިބީ ހަތަރު ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކުންނެވެ.

ގުޅުން ހުރި - މިކަން ނިއުޅިގެން ދިޔައިރު، މިދިޔަ އާދިއްތަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީއަށް އެ މަނިކުފާނު އައްޔަންކުރައްވާފައިވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވާފަ އެވެ.

ރައީސް އެ މަގާމަށް ހަމަޖެއްސެވީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު އަދި އެކައުންޓިން ދާއިރާއިން ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ޔަޒުމީދު މުހައްމަދެވެ. އޭނާއަކީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ޕީއެންސީގެ ޓިކެޓް ވާދަކުރެއްވި ކެންޑިޑޭޓެވެ.

ކޮމެންޓް (3)

އިބްރާހިމް Avatar

އިބްރާހިމް

26 ފެބްރުއަރީ 2025
ދިސް އިސް ދަ ޕޮލިޓިކްސް..
1 1

ތެފައާސާ.

26 ފެބްރުއަރީ 2025
ވެރިކަމަށް އަންނަ ހަމަ ކޮންމެ ބަޔަކުވެސް ވެރިކަމުގެ އާރާއި ބާރު ބަތްކުރަން އުޅެ، މިހާތަނަށް ހަމަ އެއްވެސް ބަޔަކަށް ވެރިކަން ދިފާއުކުރެވިއްޖެތޯ؟ ވެރިކަމުގެ ޖާހައި ލައްޒަތުގެ ފަހަތުން ނުދުވެ ރައްޔިތަކަށް ކަމެއްކޮށްދީގެން ވެރިކަން ދިފާއުކުރެވޭތޯ އުޅެންވެއްޖެ ނޫންތޯ؟ މުއިއްޒު ވަކި ތަފާތެއް ވަކި ރަނގަޅެއް ވާނެކަމަށް ހީކޮށްގެންތިބި އެންމެންނަށް ވަރަށް ވެދުމާއި ސަލާން.
6 0

ފީލިންގ.

26 ފެބްރުއަރީ 2025
ޖޭއެސްސީއަށް އައްޔަންކުރި ޔަޒްމީދަކީ މީރާގެ ކަމިޝަނަރަކަށް އޭނާގެ ބޭބެ ޔަޒީދު ހުރެގެން، ޔާމީނުގެ ވެރިކަމުގައި އަދީބަށް އާދޭސް ކޮށްގެން އޭސީސީގެ މެމްބަރަކަށް އައްޔަންކުރި މީހެއް. އަދި އަދީބުގެ ޖަރީމާތައް ފޮރުވައި މަތިއަޅައިދިނުމަށް އޭސީސީގެ ތެރެއިން އިސް ރޯލެއް ކުޅުނު އެކަކީ ތި ޔަޒްމީދު. އަދީބުއާއި ޔަޒީދުގެ މި ބުނެވުނު ޗެޓް ލޮގް މިހާރުވެސް ޕަބްލިކް ޑޮމެއިންތަކުގައި ހުންނާނެ. އަދީބު މި ކޮށްދިން ކަމުގެ ބަދަލަކަށް ޔަޒީދު ކޮށްދިންކަމަކީ އޭރުގެ ޓޫރިޒަމް މިނިސްޓަރީގެ އޮޑިޓް، އޮޑިޓް އޮފީހުން ނިޔާޒު އިބްރާހިމް އޮޑިޓަރ ޖެނެރަލް ކަމުގައި ހުރެ ކުރިއަށްގެންދިޔައިރު ލޭންޑު ރެންޓުފަދަ މީރާއަށް ބަލައިގަންނަ ޓޫރިޒަމާއި ގުޅުން ހުރި ފައިސާތަކުގެ ތަފްސީލް އޮޑިޓް އޮފީހަށް ނުދީ ހިފެހެއްޓީ. ނަތީޖާއަކީ އަދީބުގެ ޖަރީމާ އޭގެ ކުރީކޮޅުގައި ހުއްޓުވަން ލިބުނު ފުރުސަތު ނެތިގޮސް ރައްޔިތުންގެ ބައިތުލުމާލުން އެތައް ބިލިއަން ރުފިޔާއެއް ގެއްލުން. ކިރިއާވެސް އިންސާފެއް އޮތް ގައުމެއްނަމަ ތި ޔަޒީދުއާއި ޔަޒްމީދުގެ މައްސަލަ ބަލައި އަދަބުލިބޭނެ. އެކަމަކު މުއިއްޒު ޔަޒްމީދު ނަގައި އެލީ ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީއަށް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް