ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ފަނޑިޔާރުން ވަކިކުރުން ހުއްޓުވުމުގެ އަމުރުގެ ބޭނުން މިހާރު މާ ބޮޑު: އަލީ ހުސައިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން މަޖިލީހަށް ބިލެއް ވެސް ހުށަހެޅުމުން، އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ގާނޫނުއަސާސީގެ މައްސަލަ ނިމެންދެން ފަނޑިޔާރުން ވަކިކުރުން ހުއްޓުވުމަށް އެދިވަޑައިގެންފައިވާ އަމުރުގެ ބޭނުން މިހާރު މާ މުހިންމު ކަމަށް އޭނާ ވިދާޅުވި
24 ފެބްރުއަރީ 2025
1

ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި ބައިގެ މައްސަލަ ނިމެންދެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން ހުއްޓުވުމުގެ އަމުރުގެ ބޭނުން މިހާރު މާ ބޮޑަށް ވެސް މުހިންމު ކަމަށް އެ މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ކަމުގެ ފެށުން - ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީން ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބަލަން ނިންމާފައި ވަނިކޮށް ބައެއް ފަނޑިޔާރުން ވަކިކުރަން އުޅޭ ކަމުގެ އަޑު ފެތުރުނެވެ.

އޭރު އަލީ ވަނީ ވަގުތީ އަމުރެއް ނެރުމަށް އެދިވަޑައިގެންފަ އެވެ. ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރުކޮށްދިނުމަށް އަލީ އެދިވަޑައިގެންފައިވަނީ:

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުން ކުރިއަށް ނުގެންދިއުމަށް

  • ޖިނާއީ ތަހުގީގުތައް ހިންގުމާއި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަސައްކަތް ނުކުރުމަށް 

  • އެފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ދޭހަވާ އެއްވެސް އަމަލެއް ނުހިންގުމަށް

ވީކިހިނެއް؟ - އަލީ ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމި ނަމަވެސް ވަގުތީ އަމުރާ މެދު ކުރިއަށްދާނެ ވަކި ގޮތެއް ނުނިންމަނީސް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ބެންޗު ކުޑަކުރަން ބިލެއް ހުށަހަޅުއްވައިފަ އެވެ.

އެ ގޮތަށް ބިލެއް ހުށަހެޅުމުން އަލީ ވަނީ ނުރުހުން ފާޅުކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "ގާނޫނުއަސާސީއަށް އެންމެ ފަހުން ގެނެވުނު އިސްލާހަށް ޗެލްންޖުކޮށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ބިލެއް ހުށަހެޅުމަކީ ސީދާ ގޮތުން ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބޭނުން،" އަލީ ލިޔުއްވި އެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް އޮންނަ އަލީ 'ދައުރު'އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އެދިވަޑައިގެންފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އަދި އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށެވެ.

ނަމަވެސް އެ ވަގުތީ އަމުރުގެ ބޭނުންތެރިކަން ކުރިއަށްވުރެ ވެސް މިހާރު މާ ބޮޑަށް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ އޮނިގަނޑާ ގުޅޭ މިފަދަ ދުސްތޫރީ ހައްސާސް މައްސަލައެއް ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުން ދާއިރު، ބެންޗުން ބައެއް ފަނޑިޔާރުން މަދުވާނެ ގޮތަކަށް ގާނޫނު ބަދަލުކުރަން އުޅުމުން އެ އަމުރުގެ ބޭނުންތެރިކަން މިހާރު މާ ބޮޑު،" އަލީ ވިދާޅުވި އެވެ.

އޭގެ މުހިންމު ކަން އެބަ އޮތް މާ ބޮޑަށް މިހާރު. މި ދަނޑިވަޅުގައި ވަގުތީ އަމުރު ނެރުމުގެ މުހިންމު ކަން

އަލީ ހުސައިން / މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު


އޭނާ އުންމީދުކުރައްވަނީ ސުޕްރީމް ކޯޓުން އެ ކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

އެފަދަ އަމުރެއް ނެރުނަސް ސަރުކާރުން ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް އަލީ ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް މި ދަނޑިވަޅުގައި ސަރުކާރުން އުޅެން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރިޔަސް ސަރުކާރުން މިހާ ބިރުން އުޅެން ޖެހޭ ވަރު ކަމެއް އެއަކު ނެތް. މިވީހާ ދުވަހު ވެސް ކުރިން އޮތް ގޮތަށްތާ ގާނޫނުއަސާސީ ހިންގަމުން އައީ،" އަލީ ވިދާޅުވި އެވެ.

އަލީ ހުސައިން ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކުރީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެގޮތުން:

  • 4 ވަނަ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި

  • 8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން

  • 26 ވަނަ މާއްދާގައި އޮންނަނީ ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުތައް

  • 75 ވަނަ މާއްދާގައި އޮންނަނީ މަޖިލީހުގެ މެންބަރު މަސައްކަތުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން؛ އެގޮތުން، އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށާއި އިސްކުރަންވާނީ ގައުމީ އަދި ދިވެހިންގެ މަސްލަހަތު

  •  90 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު ތަޅުމާއި ކޮމިޓީގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ

ކޮމެންޓް (1)

ހަބަރުދާރު

25 ފެބްރުއަރީ 2025
އަސްލުވެސް ސުޕުރީމު ކޯޓުގެ ފަނޑިޔާރުން ވެސް މަގާމު ގެއްލިދާނެތީ އުޅުއްވުމަށް ވުރެ ގައުމުގެ ހައްގިގައި ބަސްފުޅު ވިދާޅުވުން މާ މުހިންމު. އެބޭފުޅުންގެ އިންސާފުން ކުރައްވަން ޖެހޭ ކަމެއް ކުރައްވައިގެން ގެއްލިވަޑައިގަންނަވާ މަގާމުގެ ބަދަލުގައި ރައްޔިތުންގެ ލޯބި ލިބިވަޑައިގަންނަވާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް