ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ދޯންޏަކުން ގެއްލުނު ދެ ބިދޭސީ މީހުން ހަންތަކެއްގައި އެލިގަނެގެން (ފޮޓޯ/ އެމްއެންޑީއެފް)

ޓައިމްލައިން

ޓައިމްލައިން: ކަނޑުމަތީގައި ހިނގާފައިހުރި ބައެއް ހާދިސާތައް

އެޕްރިލް 2021ން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ހިނގާފައިވާ ބައެއް މެރިޓައިމް އެކްސިޑެންޓްތައް
2 މޭ 2022
  • 2 މޭ - ފުވައްމުލަކު ނެރު ކައިރިއަށް މިއަދު ޑައިވިނަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި. އޭނާއާ އެކު ޑައިވިނަށް ފޭބި އަނެއް މީހާގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ވަނީ ފަށާފަ. އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ ޑައިވިނަށް ފޭބި މީހަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހަވީރު 3:45 ހާއިރު ކަމަށް.

  • 22 ޖެނުއަރީ -  އދ. މުށިމަސް މިގިލީގައި ހިންގާ ސަފާރީ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު އަންހެން ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ.

  • 16 ޖެނުއަރީ -  އިއްޔެ ޑައިވިނަށް ފައިބައި އުޅެނިކޮށް ގެއްލުނު ޓޫރިސްޓު މީހާ ހޯދަނިކޮށް، ކަނޑުގެ އަޑިން މިއަދު ފެނިއްޖެ. ގެއްލިފައި ވަނީ އދ. މަންދޫ ކައިރި ފަރަކަށް މެންދުރު ފަހު، ޑައިވް ކުރަން ފޭބި އިނގިރޭސިވިލާތުގެ ޓޫރިސްޓެއް. އެމްއެންޑީއެފުން އޭނާ ހޯދަން ކުރި މަސައްކަތުން، އެ މީހާ ފެނުނީ މިއަދު މެންދުރުފަހު 3:10ގައި، ކަނޑުގެ 15 މީޓަރުގެ އަޑިން. 

  • 3 ޖެނުއަރީ 2022 - ފ. ފީއަލި ކައިރިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް  އަޑިއަށް ދިއުމާ ގުޅިގެން، އޭގައި ތިބި ތިން މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފެށި. ގެއްލިގެން ހޯދަމުން އަންނަނީ 'އަލަމާ-5' ނަމަކަށް ކިޔާ ދޯންޏެއް. އެ ދޯނި އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ  11:22 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނޭ.

  • 31 ޑިސެމްބަރު - މިއަދު ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި.އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ 21 އަހަރުގެ މީހެއް ކަމަށް. އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުމީ މިއަދު ހެނދުނު 8:58 ހާއިރު.

  • 12 ނޮވެމްބަރު - ގދ. އަތޮޅުގައި އޮންނަ އަމާރީ ހަވޮއްޑާ ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ. ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި، މިއަދު ހަވީރު 5:30 ހާއިރު، އުމުރުން 35 އަހަރުގެ ފިރިހެން މީހާ އެ ތަނަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ.

  • 12 ނޮވެމްބަރު - ކާޑާއި ސިމެންތި ހިފައިގެން ށ. ކޮމަންޑު އަށް ވަންނަން އުޅުނު އެ ރަށުގެ މުދާ އުފުލާ ދޯންޏެއް މިރޭ އަޑިއަށް ހިނގައްޖެ.  

  • 12 ނޮވެމްބަރު - މޫސުން ގޯސްވެ ކަނޑުގަދަވެފައި އޮއްވާ ހދ. އަތޮޅުގައި މަހަށް ނުކުމެ އުޅުނު ޑިންގީއެއް މިއަދު ބަންޑުން ޖަހާލައިފި. އެ ޑިންގީގައި ތިބި ކުޑަ ދެ ކުއްޖަކާއި ދެ ފިރިހެނަކު އެހެން އުޅަނދަކުން ވަނީ ސަލާމަތްކޮށްފަ.

  • 6 ނޮވެމްބަރު - ކ. ގުރައިދޫގައި އުމުރުން 1 އަހަރާ 10 މަހުގެ ކުޑަކުއްޖަކު ގެނބިގެން މަރުވި.

  • 18 އޮކްޓޫބަރު - ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފީވަކަށް ދަތުރުކުރި ކުޑަ ދޯންޏެއް، ފީވަކު ބަނދަރަށް މިއަދު ވަންނަން އުޅެނިކޮށް ނެރުމައްޗަށް ބަންޑުން ޖަހާލި. ހަވީރު 4:30 ހާއިރު އެ ހާދިސާ ހިނގި އިރު އެ ދޯނީގައި ތިން ދިވެހިން ތިބި. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ.

  • 18 އޮކްޓޫބަރު - މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏަކުން ކާށިދޫ ކަނޑަށް ވެއްޓުނު 25 އަހަރުގެ މީހާ ދެ ތިން ގަޑިއިރު ފަހުން ފަތާފައި ގޮސް ކާށިދުއަށް އަރައިފި. 

  • 18 އޮކްޓޫބަރު - މޫސްގޯސްވެ ރީނދޫ އެލާޓް ނެރިފައިވަނިކޮށް މާލޭ ދެކުނު ފަރާތު ފަރުމައްޗަށް ބޯވަ ނަގަން މިއަދު ފޭބި މީހަކު ވާދޫ ކަނޑުގައި އޮޔާދަނިކޮށް ބަޔަކު ސަލާމަތްކޮށްފި. ސަލާމަތްކުރީ  މާލޭ އުސްފަސްގަނޑު ސަރަހައްދާ ދިމާލުން ވާދޫ ކަނޑުން އޮަޔާދަނިކޮށްކަމަށް އެމްއެންޑީއެފް އިން ބުނޭ.

  • 16 އޮކްޓޫބަރު - 13 މީހުންނާއެކު މާލެއިން ފ. ފުލިދުއަށް ދަތުރުކުރަމުންދިޔަ ލޯންޗު ރާޅެއްގައި ޖެހި ދެމައިން ކަނޑަށް ވެއްޓުނު ހާދިސާގައި މަރިހަމް ނާހިދާ، 33، ވަނީ  މަރުވެފަ. ކަނޑަށް ވެއްޓުނު އޭނާގެ4 އަހަރުގެ ދަރިފުޅު ވަނީ ގެއްލިފައި.

  • 2021، 26 ސެޕްޓެމްބަރު - 'ހޭންޑީ ކްރޫޒާ' ސަފާރީ އަޑިއަށް ދިއުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުމާދެމުން ދިޔަ ހަ މީހުންގެ ތެރެއިން އެކަކު މަރުވި. ފަޅުވެރިން ހިމެނޭ ގޮތަށް ޖުމުލަ 17 މީހުންނާއެކު އެ ސަފާރީ ދަތުރުކުރަމުން އައީ ކ. ބޮލިފުށި ރިސޯޓު ކައިރިން، މާލެ އަށް.

  • 8 ސެޕްޓެމްބަރު - ބ. މާޅޮހުން ސްނޯކްލިން އަށް ގޮސް އުޅުނު އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވި.

  • 27 ޖުލައި - ބ. ފުޅަދޫން މޫދަށް އެރިއުޅެނިކޮށް ގެބުނު ތިން މީހަކު ސަލާމަތްކުރަން އުޅުނު36 އަހަރުގެ މުހައްމަދު ޔޫޝައު މަރުވި.

  • 21 ޖުލައި - ދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި ޔުކްރެއިންގެ އުމުރުން 32 އަހަރުގެ ފިރިހެނަކު ޓޫރިސްޓަކު ގެނބިގެން މަރުވި.

  • 7 ޖޫން - އދ. ދަނގެތީ ފަޅުގައި  އޮތް ސަފާރީއަކުން މޫދަށް ފޭބި ދިވެއްސަކު މަރުވެފައި އޮއްވައި މޫދު އަޑިން ފެނުނު. އޭނާއަކީ ރ. އިނގުރައިދޫ 32 އަހަރުގެ މުމްތާޒް ހުސައިން.

  • 7 ޖޫން - ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި 59 އަހަރުގެ މީހަކު މަރުވި. ފުލުހުން ބުނިގޮތުގައި  އެ މީހާ އެންދަމަން ފައިބައިގެން ހާލު ދެރަވުމުން ދެއްވަދުއަށް ގެންދިޔައިރު އޮތީ މަރުވެފައި.

  • 5 ޖޫން - ށ. ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓުގައި އުމުރުން 22 އަހަރުގެ މީހަކު މަރުވި. އެ ރަށު ޝުނާން ޝަރީފު މަރުވީ ލިބުނު ޒަހަމްތަކަށް، އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނިކޮށް.

  • 13 މޭ - ހދ. ކުރިނބީ ސްކޫލްގެ އިންޑިއާ އަންހެން ޓީޗަރަކު އެ ރަށު ހުޅަނގު އުތުރުފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނުނު.  އޭނާއަކީ އެ ރަށު ސްކޫލުގައި ބަޔޮލޮޖީ ކިޔަވައިދޭ  ޓީޗަރެއް.

  • 26 އެޕްރިލް - ބ. ފުޅަދޫގައި އެ ރަށު ގެސްޓްހައުސް އެއްގައި ޗުއްޓީ ހޭދަކުރަމުން އައި ޔޫކްރޭނުގެ ޓޫރިސްޓަކު މަރުވި. އޭނާ މަރުވީ ފާލަން މަތީގައި ހުރެފައި މޫދަށް ފުންމާލުމުން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް