ބޯވަ ނަގަން ނުކުމެ އުޅެނިކޮށް އޮޔާދިޔަ މީހާ. (ފޮޓޯ/އެމްއެންޑީއެފް)
ބޯވަ ނަގަން ނުކުމެ އުޅުނު މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި
މޫސްގޯސްވެ ރީނދޫ އެލާޓް ނެރިފައިވަނިކޮށް މާލޭ ދެކުނު ފަރާތު ފަރުމައްޗަށް ބޯވަ ނަގަން މިއަދު ފޭބި މީހަކު ވާދޫ ކަނޑުގައި އޮޔާދަނިކޮށް ބަޔަކު ސަލާމަތްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން ބުނީ އެ މީހާ މާލޭ އުސްފަސްގަނޑު ސަރަހައްދާ ދިމާލުން އޮަޔާދަނިކޮށް ސަލާމަތްކޮށްފައިވާ ކަމަށާއި އޭނާ ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރި ބައެއް ކަމަށެވެ. އެ މީހާ ސަލާމަތްކުރީ ވާދޫ ކަނޑުގައި ފަތަމުން ދަނިކޮށް ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ކަނޑުމަތީ އޮއްވާ ސަލާމަތްކުރި މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ގުޅުންހުރި ކަމެއް - މާލޭ ލޯކަލް މާރުކޭޓާ ދިމާލު ބޭރު ތޮށިގަނޑު މަތީ މަސް ބާނަން ހުރި މީހަކު ވަޔާ މޫދަށް ވެއްޓި މިއަދު ވަނީ މަރުވެފަ އެވެ.
އެމްއެންޑީއެފް އިން ބުނީ މަސް ބާނަން ތިބި ދެ މީހުންގެ ތެރެއިން އެކަކު މޫދަށް ވެއްޓުމުން ސިފައިންގެ އެހީތެރިކަމާ އެކު އެ މީހާ މޫދުން ނަގައި ސީޕީއާރު ދިން ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށެވެ.
އެ ހާދިސާގައި މަރުވެފައިވަނީ 59 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ.
އިލްތިމާސެއް - މި ދުވަސްވަރަކީ ކަނޑާއި ވައި ވެސް ގަދަ ދުވަސްވަރެއް ކަމަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެ އެވެ.
މިއަދުގެ މޫސުން - ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް:
-
ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ
-
ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
-
ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ