ށ. ކޮމަންޑޫ: އެ ރަށަށް ވަންނަން އުޅުނު މުދާ އުފުލާ ދޯންޏެއް ވަނީ އަޑިއަށް ގޮސްފައި(ފޮޓޯ/ޓްވިޓާ)

ކޮމަންޑުއަށް ކާޑު ހިފައިގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

ދޯނީގައި 4 މީހުން ތިބި؛ މީހަކަށް ގެއްލުމެއް ނުލިބޭ

ކާޑާއި ސިމެންތި ހިފައިގެން ށ. ކޮމަންޑު އަށް ވަންނަން އުޅުނު އެ ރަށުގެ މުދާ އުފުލާ ދޯންޏެއް މިރޭ އަޑިއަށް ހިނގައްޖެ އެވެ. 

ވީ ކިހިނެއް؟ - ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވިދާޅުވީ މިރޭ 7 އާއި 7:30އާ ދެމެދު އެ ހާދިސާ ހިނގީ ދޯނި ނެރުން ވަންނަނިކޮށް ރާޅެއްގައި ޖެހި، ނެރު ފައިކަށީގައި ޖެހިގެން ކަމަށެވެ.

"މަހުރޯދި" ނަމަކަށް ކިޔާ އެ ދޯންޏަކީ މާލެ އާއި ކޮމަންޑުއާ ދެމެދު މުދާ އުފުލާ ދޯންޏެއް ކަމަށާއި ހާދިސާ ހިނގި އިރު އޭގައި ހުރީ ހަނޑޫ، ހަކުރު، ފުށް އަދި ސިމެންތި ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފްސީލް - ސިނާން ވިދާޅުވީ ދޯނީގައި ހުރި ކާޑުގެ ބާވަތްތައް ސަލާމަތް ކުރެވުނު ކަމަށާއި ނަމަވެސް 150 ބަސްތާ ސިމެންތި ހަލާކުވެފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ދޯނީގައި ތިބީ ހަތަރު މީހުންނެވެ. ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

"މިހާރު ދޯނި ނެގުމުގެ މަސައްކަތް ކުރަމުން ދަނީ،" ސިނާން ވިދާޅުވި އެވެ.

އެނގުން މުހިއްމު - މޫސުމާ ބެހޭ އިދާރާ އިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް 'ހުދު ސަމާލު' ނެރެފަ އެވެ. އަދި ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް 'ރީނދޫ ސަމާލު' ނެރެފަ އެވެ. ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

ހދ. އަތޮޅުގައި މިއަދު ޑިންގީއެއް ބަންޑުންޖަހާލާފައި ވެސް ވެ އެވެ. އެހެން ދޯންޏަކުން ވަނީ އެއިން ދަތުރުކުރި މީހުން ސަލާމަތްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް