ފުވައްމުލަކު ބަނދަރު މަތިން ނަގާފައިވާ ފޮޓޯއެއް: (ފޮޓޯ/ރަށިކަބަރޮޑޮޓްކޮމް)

ފުވައްމުލައް

ފުވައްމުލަކުގައި ޑައިވިނަށް ފޭބި އެކަކު ގެއްލި، އަނެއް މީހާގެ ހާލު ދެރަވެއްޖެ

އޭނާއާ އެކު ޑައިވިނަށް ފޭބި އަނެއް މީހާގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދޭ

ފުވައްމުލަކު ނެރު ކައިރިއަށް މިއަދު ޑައިވިނަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އޭނާއާ އެކު ޑައިވިނަށް ފޭބި އަނެއް މީހާގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ވަނީ ފަށާފަ އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ ޑައިވިނަށް ފޭބި މީހަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހަވީރު 3:45 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ ބަސް - ހަނާ ވިދާޅުވި ގޮތުގައި، ގެއްލިގެން އުޅެނީ:

  • 35 ވަރަކަށް އަހަރުގެ މީހެއް 

  • އޭނާ ފީނަން ފޭބި އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިން ސޫޓެއް

  • ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ މިއަދު މެންދުރު 2:30 ހާއިރު 

  • އޭނާ ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ސްކޮޑްރަންއިން މިހާރު އަންނަނީ ހަރަކާތްތެރިވަމުން

ތަފްސީލް - ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ގެއްލިގެން ހޯދަމުން ދަނީ އެ ރަށުގައި ޑައިވް ސެންޓަރެއް ހިންގާ އަދި ޑައިވް އިންސްޓްރަކެޓެއްގެ ގޮތުގައި ހަރަކާތްތެރިވާ މުހައްމަދު ސައީދެވެ. އޭނާ އަކީ ޑައިވްކުރާތާ ގާތްގަނޑަކަށް 20 އަހަރުވެފައިވާ، ތަޖުރިބާކާރު ޑައިވަރެއް ކަމަށް ވެސް އެ މީހާ ބުންޏެވެ.

ފުވައްމުލަކުގައި މިއަދު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ސައީދު. (ޓުވިޓާ ފޮޓޯ/ އަލީ އިއްޒަތު)

ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ، ފުވައްމުލަކުން ވާހަކަދެއްކި މީހާ ބުނި ގޮތުގައި، މަހުމޫދު ފާއިޒަށެވެ.

"ގެސްޓުން ގޮވައިގެން ޑައިވިނަށް ދިޔައަސް، އެ ދެ މީހުން ފީނަން ފޭބީ ގެސްޓުންނާ ވަކިން. އޭރު އެ ސަރަހައްދުގެ އޮއި ވަރަށް ބާރު. ކުއްލިއަކަށް އެކަކު މައްޗަށް އެރިއިރު، އަނެކަކަށް ވީނުވީއެއް ނޭނގޭ،" އެ މީހާ ބުންޏެވެ.

މަހުމޫދު އަދިވެސް ހޭނާރާ ކަމަށްވެ އެވެ.

ހޮސްޕިޓަލުގެ ބަސް - ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިލާރު ވިދާޅުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހާ އިތުރު ފަރުވާއަށް އެހެން ތަނަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ގެންދަނީ ކޮން ރަށަކަށް ކަމެއް ހޮސްޕިޓަލަކުން ނުބުނެ އެވެ. އެކަމަކު، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އޭނާ ގެންދަނީ، ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ހާއްސަ އާލާތްތައް ފުވައްމުލަކާ އެންމެ ކައިރިން ހުންނަ ދ. ކަނޑިންމަ ރިސޯޓަށެވެ.

އެނގުން މުހިންމު - ޑައިވިނަށް ދާ މީހުން ގެއްލުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. މިދިޔަ ޖެނުއަރީ މަހު ޑައިވިނަށް ފޭބި ފަތުރުވެރިޔަކު ވެސް ވަނީ ގެއްލިފަ އެވެ. އޭނަ ހޯދަމުން ދަނިކޮށް ހަށިގަނޑު ފެނުނީ ކަނޑުގެ 15 މީޓަރުގެ އަޑިންނެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

މުޙައްމަދު

2 މޭ 2022
ސޭފްޓީ އިޒް ދަ ކީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް