ވިއްސާރަ ދުވަހެއްގައި ލޯންޗެއް ދުއްވާފައި ދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކަނޑަށް ވެއްޓުނު މީހާ ފަތާފައި ކާށިދުއަށް އަރައިފި

އެއީ 22 އަހަރުގެ ދިވެހި ފިރިހެނެއް، މިހާރު ހުރީ ކާށިދޫ ޕޮލިސް ސްޓޭޝަންގައި

މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏަކުން ކާށިދޫ ކަނޑަށް ވެއްޓުނު މީހާ ފަތާފައި ގޮސް ކާށިދުއަށް އަރައިފި އެވެ.

އެ މީހާ ގެއްލިގެން ހޯދަން ފަށާފައި ވަނީ މިއަދު މެންދުރު ކުރިންނެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ގެއްލިގެން ހޯދަމުން ދިޔައީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބުނީ ކީކޭ؟ - ފުލުހުން ދެންމެ ބުނީ އެމީހާ ފަތާފައި ކާށިދުއަށް އަރާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ކާށިދުއަށް އެރީ ކޯސްޓްގާޑުން ހޯދަން ފެއްޓިތާ ދެތިން ގަޑި އިރުގެ ތެރޭގަ އެވެ.

އޭނާ ކަނޑަށް ވެއްޓެން ދިމާވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.

  • އޭނާ ކަނޑަށް ވެއްޓުނީ ކާށިދޫގެ ހުޅަނގުން 6 ނޯޓިކަލް މޭލު ބޭރުން

ގުޅުން ހުރި ކަމެއް - އާންމު ހާލަތުގައި ވެސް ގަދަ ކާށިދޫ ކަނޑަށް މީހަކު ވެއްޓުނު އިރު، މި ދުވަސްވަރަކީ ކަނޑު ގަދަ، ވިއްސާރަ ދުވަސްވަރެކެވެ. ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފުލުހުންނާއި ސިފައިން އަންނަނީ އިލްތިމާސްކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗެއް ކ. އޮޅުވެލި ރިސޯޓް ކައިރިން ކަނޑުވެ އެއިން ދަތުރުކުރި އަންހެނަކު މަރުވެ، ކުޑަކުއްޖަކު ގެއްލިފައިވާ އިރު، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން މާލޭ ކަނޑު ތޮށިގަނޑުމަތީ މަސް ބާނަން ތިބި ދެ މީހެއްގެ ތެރެއިން އެކަކު މޫދަށް ވެއްޓި މިއަދު މަރުވެފައިވާ އިރު، މާލޭ ދެކުނު ފަރާތު އުސްފަސްގަނޑު ސަރަހައްދުން ފަރުމައްޗަށް ބޯވަ ނަގަން ފޭބި މީހަކު ވާދޫ ކަނޑުގެ ތެރޭގައި ފަތަނިކޮށް ބަޔަކު ވަނީ ސަލާމަތްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް