ލޯންޗުން ކަނޑުވި ހާދިސާގައި މަރުވި ނާހިދާ.
'ޖެހި ރާޅަކާ އެކު މަންމަ އާއި ދަރިފުޅު ދިޔައީ ވިއްސައިގެން'
އެއީ ދެ ދަރިންގެ ސްކޫލު ޗުއްޓީއަށް، އެ ކުޑަކުޑަ އާއިލާ އިން އުފަން ރަށް، ވ. ފުލިދުއަށް ކުރި ދަތުރެކެވެ. އެކަމަކު ރަށާ ގާތް ވެސް ނުވަނީސް، ކ. އޮޅުވެލި ރިސޯޓާ ހަމައިން މަންމަ އާއި އާއިލާގެ ހަގަށް ހުންނަ ކުއްޖާއާ ޖެހުނީ އަލްވަދާއު ކިޔާށެވެ.
ވ. އަތޮޅުގައި ފެރީގެ ހިދުމަތް ދޭ، ކ. ގާފަރުގައި ގެންގުޅޭ ޑްރީމް ސްޕީޑް 2 ލޯންޗުން އެ ދަތުރު ކުރީ، ވައި އިންތިހާއަށް ގަދަވެ، ކިރިޔާ ކަނޑުމަތީގައި އުޅަނދު ދުއްވޭ ހާލަތެއްގައި އޮއްވަ އެވެ.
އާއިލާއާ ހަވާލާދީ، ވ. ފުލިދޫގެ މީހަކު ބުނި ގޮތުގައި، މާލެ އަށާއި ފުލިދުއަށް ނިސްބަތްވާ މަރިޔަމް ނާހިދާ، 33، އިނީ އޭނާގެ 4 އަހަރުގެ ފިރިހެން ދަރިފުޅު އުނގަށް ލައިގެން ލޯންޗުގެ ފަހަތުގަ އެވެ. އެންމެ ކުރީގައި އިނީ، ބައްޕަ އާއި ދޮށީ ދަރިފުޅެވެ.
ކުއްލިއަކަށް ޖެހި ރާޅަކާއެކީގައި، ދެމައިން ލޯންޗުން ވިއްސައިގެން ދިޔައީ ކުޑަދަރިފުޅު އުނގަށް ލައިގެން އިންދަ އެވެ. އެ މަންޒަރު ފެނުމާއެކު، ބައްޕަ ވެސް މޫދަށް ފުންމާލި އެވެ. އެ ވަގުތު ލޯންޗުގެ އިންޖީނު ނިވާލައި ލޯންޗު މަޑުކޮށް، ކަނޑުވި މީހުން ހޯދަން މަސައްކަތް ފެށި ނަމަވެސް ފެނުނީ ނާހިދާ އެކަންޏެވެ.
"އެއީ ހުޅުމާލޭގައި އުޅޭ އާއިލާއެއް. ޗުއްޓީއަށް ރަށަށް އަންނަނިކޮށް އެ ހާދިސާ މި ހިނގީ،" ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް ވިދާޅުވި އެވެ.
ކަނޑުމަތީގެ އެ ހިތާމަވެރި ހާދިސާއަށް ފަހު ލޯންޗު ގެންދިޔައީ ކ. ގުރައިދުއަށެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ނާހިދާ އޮތީ މަރުވެފަ އެވެ.
ޑްރީމް ސްޕީޑް ނަމަކަށް ގަލްފްކްރާފްޓް-38 އެ ލޯންޗުގައި މިރޭ 13 މީހަކު ދަތުރުކުރި އެވެ. އެ އެންމެން ވެސް މި ވަގުތު ތިބީ ގުރައިދޫގެ އެކި ގެތަކުގަ އެވެ. ކަނޑުގަދަވުމުގެ ސަބަބުން ލޮނު ވިއްސައި، އޭގެ ތެރެއިން ގިނަ މީހުންގެ ފޯނުތައް ވެސް އޮތީ ހަލާކުވެފަ އެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (1)
ނީޒާ