އެމްއެންޑީއެފް ކޯސްޓްގާޑް. (ފައިލް ފޮޓޯ)

ލޯންޗަކުން 4 އަހަރުގެ ކުޑަކުއްޖަކު ކަނޑަށްް ވެއްޓިގެން ހޯދަނީ

ތިން މީހަކު ކަނޑަށް ވެއްޓުނު، 4 އަހަރުގެ ކުއްޖަކު އަދި ނުފެނޭ

މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރި ލޯންޗަކަށް، އޮޅުވެލި ރިސޯޓު ކައިރިން، ރާޅެއް ޖަހައި ތިން މީހަކު ކަނޑަށް ވެއްޓި، ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ވީ ކިހިނެއް - އޮޅުވެލި ކައިރިން ދަތުރު ކުރި ލޯންޗުގައި ދެ ކުއްޖަކާ އެކު 12 މީހަކު ދަތުރު ކުރި އެވެ. އޭގެ ތެރެއިން 4 އަހަރުގެ ކުޑަކުއްޖަކު ވަނީ ގެއްލިފަ އެވެ.

އެމްއެންޑީއެފްގެ ބަސް - އެމްއެންޑީއްގެ ތަރުޖަމާނު ހަނާ މުހައްމަދު ވިދާޅުވީ، އެ ރިސޯޓު ކައިރީ ކަނޑުމަތީ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓު ލިބިގެން ކޯސްޓްގާޑް މި ވަގުތު އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ.

"ކުޑަކުއްޖަކު ނުފެންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައި. ލޯންޗު ދިޔަވާތީ ބަޔަކު ފުންމާލީ ކަމެއް، ވީ ކިހިނެއް ކަމެއް އަދި ނޭނގޭ،" ހަނާ ވިދާޅުވި އެވެ.

ފުލުހުންގެ ބަސް - ފުލުހުންނަށް އެ ހާދިސާގެ ރިޕޯޓު ލިބުނީ، މިއަދު ހަވީރު 5:30ގަ އެވެ. ފުލުހުންގެ ތަރުޖަމާނަކު ބުނީ، ލޯންޗު ދަތުރު ކުރަމުން ދިޔައި މާލެ އިން ވ. އަތޮޅަަށް ކަމަށެވެ. އަދި މައުލޫމާތު ލިބުނީ އޮޅުވެލި ކައިރިން ނެގި ރާޅެއްގައި ޖެހި ތިން މީހަކު މޫދަށް ވެއްޓިފައިވާ ކަމަށެވެ.

"މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ފެނިފައި. ހަތަރު އަހަރުގެ ކުއްޖާ އަދިވެސް ނުފެންނަ ކަމަށް މައުލޫމާތު ލިބޭ،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް