ކަނޑު ގަދަ ދުވަހެއްގައި އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދެއް ދަތުރުކުރަނީ. (ފައިލް ފޮޓޯ/އެމްއެންޑީއެފް)

ލޯންޗުން ކަނޑުވި އަންހެނަކު މަރުވެ ދަރިފުޅު ގެއްލިއްޖެ

މަރުވި 33 އަހަރުގެ އަންހެން މީހާގެ 4 އަހަރުގެ ދަރިފުޅު ވަނީ ގެއްލިފައި
16 އޮކްޓޯބަރު 2021

މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަނިކޮށް ކ. އޮޅުވެލި ރިސޯޓު ކައިރިން މިއަދު ހަވީރު ހިނގި ހާދިސާއެއްގައި ކަނޑަށް ވެއްޓުނު އަންހެނަކު މަރުވެ އޭނާގެ ދަރިފުޅު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މަރުވީ، ކަނޑަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ސަލާމަތްކުރި އެކަކެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އެ އަންހެން މީހާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 33 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވާ އިރު، އެ ލޯންޗުން ދަތުރުކުރި އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ގެއްލިފަ އެވެ. އެއީ މަރުވި މީހާގެ ދަރިއެއްކަން ވަނީ ކަށަވަރުވެފަ އެވެ.

ތަފްސީލް - އެ ލޯންޗު ދަތުރުކުރަމުން ދިޔައީ މާލެ އިން ފުރައިގެން ވ. އަތޮޅަށެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން ހަނާ ވިދާޅުވީ އެ ލޯންޗުން 12 މީހަކު ދަތުރުކުރި ކަމަށާއި އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށެވެ.

ލޯންޗު މިހާރު ގުރައިދޫ ފަޅަށް ވައްދާފައި ވާއިރު، އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު 'ދައުރު'އަށް ވިދާޅުވީ، މަރުވެފައި ވަނީ ގެއްލިގެން ހޯދަމުންދާ 4 އަހަރުގެ ކުއްޖާގެ މަންމަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް