ތަޖުރިބާކާރު ނޫސްވެރިންގެ ޕޫލުން ބޭއްވި ޕްރެސް ކޮންފެރެންސް- (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

'ޖަލަށް ލިޔަސް ކޮންޓްރޯލް ބިލާ ދެކޮޅު؛ ވިސްނުން ބަދަލެއް ނުވާނެ'

މިއީ މީޑިއާތަކުގެ އަޑު ކަނޑުވާލައި، ނޫސްވެރިކަމުގެ ހައްގު ހަނިކުރަން ދިވެހި ސަރުކާރަކުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މީގެ ކުރިން ވެސް އެ މަސައްކަތާ ދެކޮޅަށް ބަޔަކު ތެދުވި އެވެ. އަދި މިފަހަރު ވެސް ތެދުވާނެ އެވެ.

"ޖަލަށް ލާނަމަ ޖަލަށް ލާންވީ. އެކަމަކު އަޅުގަނޑުމެން ހިފަހައްޓާ ސްޓޭންޑު ހިފަހައްޓާނަން ޖަލަށް ލިޔަސް."

މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓު ކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ކޮންޓްރޯލް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާ ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ ނޫސްވެރިއެއްގެ ވެސް ވިސްނުން ހުންނާނީ އެފަދަ ގޮތަކަށެވެ. އެ ބިލާ ދެކޮޅަށް ނުކުމެ އެ ތިބީ އެއީ ކިހާ ނުރައްކާތެރި ބިލެއްކަން އެނގި ތިބެ އެވެ.

އެ ބިލާ ދެކޮޅަށް މަސައްކަތް ކުރާ ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަޖުރިބާކާރު ބައެއް ނޫސްވެރިން ވެސް ވިދާޅުވީ އެހެންނެވެ.

ހަންނާނު: އިތުރު މަސައްކަތެއް ކުރާ މެމްބަރެއް ނޫން

ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން ރައީސް އައްޔަންކުރާ ބައެއްގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާ ރެގިއުލޭޓް ކުރާ ގޮތަށް ބިލު ހުށަހެޅުއްވީ، މި ދާއިރާއާ ބީރައްޓެހި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ.

ތަޖުރިބާކާރު ނޫސްވެރިން ބުނާ ގޮތުން ނަމަ، އެއީ މި ދާއިރާގައި އެއްވެސް ކަހަލަ ތަޖުރިބާއެއް ވެސް ހުންނެވި ބޭފުޅެއް ނޫނެވެ. ނޫސްވެރިކަމުގެ 'އަލިފެއް، ބާއެއް' ހަންނާނަށް އެނގިވަޑައިނުގަންނަވާނެ އެވެ. އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރެއްވުން ފިޔަވައި މަޖިލީހުގައި އޭނާ ކުރައްވާ މާ ބޮޑު މަސައްކަތެއް ނެތެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން އަބޫބަކުރު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

"ހަންނާނުގެ ކޮން މަސްލަހަތެއް ތޯ އޮންނާނީ، ގާނޫނީ ޓީމެއް އެ ބޭފުޅާ އެކުލަވައިލައިގެން ނޫސްތައް ކޮންޓްރޯލް ކުރަން،" އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވި އެވެ.

"މިހާތަނަށް މަޖިލީހުގައި ގާތްގަނޑަކަށް ދޮޅު އަހަރު ވާއިރު އެ ބޭފުޅާ [އަބްދުލްހަންނާނު] މީޑިއާ ކޮންޓްރޯލް ކުރުމަށް ނޫން އެހެން ކަމެއް ނުކުރޭ. އެ ބޭފުޅާއަކީ ތެޔޮ ވިއްކާ ބޭފުޅެއް. އެ ބޭފުޅާއަކީ ތުޅާދޫ އެއާޕޯޓު އަޅަން މަސައްކަތް ކުރައްވާ ބޭފުޅެއް. ބޭރުން އަންނަ ބޯޓުފަހަރަށް އެޖެންސީކަން ކޮށްދޭ ބޭފުޅެއް. މީޑިއާގެ އެއްވެސް ކަމެއް ނުކުރޭ."

އިއްޔެގެ ޕްރެސް ކޮންފެރެންސްގައި ހުސައިން ފިޔާޒު މޫސާ ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

'އަހަރެމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ ދޫކޮށްލެވޭކަށް ނެތް'

ތަޖުރިބާކާރު ނޫސްވެރިޔާ އަދި 'ދައުރު؛ގެ ޗީފް އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ ސީދާ އެބަޔަކާ ގުޅޭ ކަމެއް ނުވަތަ އެބަޔަކު ނުކުރާ ކަމަކަށް ވާތީ، މި ބިލާ މެދު ބައެއް މީހުންގެ މާ ބޮޑު އަޅާލުމެއް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"ރައްޔިތުންގެ ވެސް ބައެއް ފަހަރު ހިތަށް އަރާފާނެ 'އަހަރެމެން ބޭނުމެއް ނޫނޭ ކޮންމެހެން ނޫސް ބަލާކަށް'. އެކަމަކު މިއީ ހަމައެކަނި ނޫސްތަކަށް ވެސް ނޫން މި ދަނީ. ބިލް ފަރުމާކޮށްފައި އޮތް ގޮތުން ސޯޝަލް މީޑިއާއަށް ވެސް އެބަދޭ. ސޯޝަލް މީޑިއާ [އެކައުންޓުތައް] ވެސް ހިފެހެއްޓިދާނެ ސަރުކާރު ބޭނުމިއްޔާ (ނުހިފެހެއްޓުނަސް)،" މޫސަ ވިދާޅުވި އެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މި ބިލުގެ ނުރައްކާތެރިކަން އާންމުންނަށް ވިސްނައިދިނުމަށްޓަކައި މިސާލެއްގެ ގޮތުގައި ބައެއް އިތުރު ކަންކަން ވެސް މޫސަ ދެއްކެވި އެވެ.

މިސާލަކަށް ތިމާ މިއީ އާފަލު ނުކާ މީހަކަށް ވާތީ އާފަލުގެ އަގު ކިތަންމެ ބޮޑުވިޔަސް ބައެއް މީހުންނަށް ވަރިހަމަ ވެދާނެ އެވެ. ތިމާ މިއީ ޑޮލަރު ގަންނަ މީހެއް ނޫނޭ، ބޭރު ގައުމަކަށް ދަތުރުކުރާ މީހެއް ނޫނޭ، ޑޮލަރެއްގެ އަގު 22ރ.އަށް އަރައިގެންދިޔަސް ވަރިހަމައޭ ބައެއް މީހުން ބުނެފާނެ އެވެ. އެކަމަކު އެއީ ގައުމެއް ހިނގާ ގޮތެއް ނޫނެވެ. އެ ހުންނަނީ ގަނޑުކޮށް، އެންމެންނަށް ވެސް އަސަރު ކުރާ ކަހަލަ ކަންކަމެވެ. މޫސަ ވިދާޅުވި ގޮތުގައި ފާސްނުކުރެވިގެން އުޅޭ ކޮންޓްރޯލް ބިލަކީ ވެސް ހަމަ އެކަހަލަ އެއްޗެކެވެ.

"އެގޮތަކަށް ނޫން ދެއްތޯ ގައުމެއް ހިނގަނީ؟ ގައުމެއް ހިނގަނީ، އެ އާފަލު ކާ މީހަކީ ވެސް ރައްޔިތެއް ކަމަށް ބަލައިގެން. އޭނައަށް އުނދަގޫވީމަ އަޅުގަނޑުމެން އެންމެންނަށް އުނދަގޫވަނީ. ކޮންމެ ސަބަބަކާ ހުރެ ޑޮލަރު އަގުބޮޑުވިޔަސް އެއީ މުޅި ރައްޔިތުންނަށް ލިބޭ އުނދަގުލެއް،" މޫސަ ވިދާޅުވި އެވެ.

"ހުރިހާ އެންމެން މީޑިއާގައި ނޫޅެއެއްނު؟ ރައްޔިތުންގެ ފަރާތުން މީޑިއާގައި މަސައްކަތް ކުރާނީ ވަކި ބައެއްތާ؟ ދިވެހި ރައްޔިތުންގެ ބައެއް. އެއީ ދިވެހި ރައްޔިތުންނަށް ކޮށްދޭ ހިދުމަތެއް."

ފާސްކުރިޔަސް މަސައްކަތް ނުނިމޭނެ؛ ޕްރެޝަރު ވާނީ ބޮޑު

މޫސަގެ އިތުރުން ޒާހިރު ވިދާޅުވީ ކިތަންމެ ވަރަކަށް ހިފަހައްޓަން އުޅުނަސް، އެކަމާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު އަބަދުވެސް އެ މަސައްކަތް ކުރާނެ ކަމަށެވެ. ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގައި ރާއްޖޭގެ ތާރީހުން ވެސް ފެންނަން އޮތީ އެ މަންޒަރެވެ.

އެ ވާހަކަތަކަށް ބާރުދެއްވައި، ފިޔާޒު ވިދާޅުވީ ގަދަބާރުން ކޮންޓްރޯލް ބިލު ފާސްކުރެވިދާނެ ކަމަށެވެ. އެކަމަކު އެއަށްފަހު ދެން ވާނެ ގޮތް ސަރުކާރުގެ ހިޔާލަށް ވެސް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާސްކުރީމަ ބަދަލުވާނެ ގޮތް ފެންނާނެ. ހިތަށް ވެސް ނާރާ ވަރުގެ ކަންކަން ފެނިގެންދާނެ. ދެން ފޭސް ކުރަންވީ (ކުރިމަތިލާންވީ) ސިޔާސީ ބޭފުޅުން. މިހާރު މިއޮތް ފްރޭމްވޯކްގެ ތެރެއިން، މީޑިއާގެ އަހުލާގީ މިންގަނޑުގެ ތެރެއިން ނުދެއްކޭ ކިތަންމެ ވާހަކައެއް މި ބިލު ފާސްކޮށްފިއްޔާ ދެއްކޭނެ،" ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ރާއްޖޭގެ ކަންކަން ހިނގާ ގޮތާއި މީހުންނާ ބެހޭ މައުލޫމާތު ހުންނަނީ ހަމައެކަނި ސިޔާސީ ބޭފުޅުންގެ އަތުގައި ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ވަކިވަކި ފައިލްތައް ނޫސްވެރިންގެ އަތުގައި ވެސް ހުންނަ ކަމަށެވެ.

ނަމަވެސް ނޫސްވެރިކަމުގެ ހަމަތަކާއި ތަރުތީބުން އެފަދަ މައުލޫމާތު ހާމަކުރަން ދަތިތަކެއް ހުރެ އެވެ.

"ދެން [ކޮންޓްރޯލް ބިލު ފާސްކުރުމުން] އެ ފައިލްތައް ނުކުންނާނެ. ދެން ކިހިނެއްތޯ ހަދާނީ އެ ބޭފުޅުން؟ ހިފޭނެ އެއްވެސް އެއްޗެއް ނޯންނާނެ،" ފިޔާޒު ވިދާޅުވި އެވެ.

ގާނޫނުއަސާސީއިން ލިބިދޭ، ކަށަވަރުކޮށްދޭ ހައްގެއް ގެއްލޭ ގޮތަށް އެހެން ގާނޫނެއް ހެދުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫނެވެ.

"ހަމަ އެތާ އިންނަ ތުޅާދޫ ދާއިރާގެ މެމްބަރަކަށް ގާނޫނުއަސާސީގައި އަޅުގަނޑުމެންނަށް ދީފައި ހުރި ހައްގުތަކަކީ ކޮބައިކަން ނޭނގި، އެއް މާއްދާ އަނެއް މާއްދާއާ ފުށޫއަރާ ގޮތަށް ބިލެއް ލިޔަކަސް އެއީ ރަނގަޅަށް ކުރެވޭ ކަމެއް ނޫން ދެއްތޯ؟" 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑުގެ ރައީސްކަން ވެސް ކުރައްވާ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުވިފަހުން ވެސް ނޫސްވެރިކަމުގެ ހައްގު ހަނިކުރަން މަސައްކަތްކެއް ކޮށްފައި އެބަހުރި ކަމަށެވެ. އެފަދަ ތަޖުރިބާތައް މަދެއް ނުވާނެ އެވެ.

ނަމަވެސް އޭރު ވެސް ބަޔަކު ނުކުމެ އެކަމާ ކުރިމަތިލި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ނުކުންނާނެ މީހުން ތިބޭނެ ކަމަށެވެ. އެހެންކަމުން ކޮންޓްރޯލް ބިލު ފާސްކުރުމުން ދެން ނޫސްވެރިން 'ބަސްއަހައިގެން' ގެއަށް ދާނެ ކަމަށް ހީކުރުމަކީ ކުށް ހީއެކެވެ.

"އެކަމާ ކުރިމަތިލާނެ މީހުން ތިބޭނެ. ޖަލަށް ލިޔަސް އެކަން ކުރާ ބަޔަކު އެކަން ކުރާނެ. ޖަލަށް ލާނަމަ ޖަލަށް ލާންވީ، އެކަމަކު އަޅުގަނޑުމެން ހިފަހައްޓާ ސްޓޭންޑު ހިފަހައްޓާނަން ޖަލަށް ލިޔަސް،" ޒާހިރު ވިދާޅުވި އެވެ.

އެ ބިލާ ދެކޮޅަށް އެތައް ބަޔަކު ބަސް ބުނެފި އެވެ. ބިލާ މެދު ދެކޭ ގޮތް އެކި ގޮތްގޮތުން އިއްވައިފި އެވެ. އެންމެން ވެސް ގޮވަނީ އެއް ކަމަކަށެވެ. އެއީ ބިލު އަނބުރާ ގެންދިއުމަށެވެ. އެކަމަކު މަޖިލީހުގެ ފުލް ކޮންޓްރޯލް ނަންގަވައިގެން ހުންނެވި ރައީސަށް އެ އަޑު އިވިވަޑައިގަތް ކަމަކަށް ނުވެ އެވެ.

އެ ބިލާ މެދު ނޫސްވެރިންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ބޮޑެތި ބާރުތަކެއް ސީދާ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރެވޭ ގޮތަށް އޮތް އޮތުމެވެ. އެކަން ރައީސަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

އެކަމަކު އިއްޔެ ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ނުކުރައްވާނެ ކަމަށާއި އެކަން އިސްލާހު ކުރަން މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށެވެ. ދެން އަޅުގަނޑުމެން ވީ އެކަން ގަބޫލުކޮށްގެން ތިބޭށެވެ.

ރައީސް އިއްޔެ އެހެން ވިދާޅުވެފައިވަނިކޮށް، މަޖިލިސް ޗުއްޓީގައި އޮއްވާ، ތެޅިފޮޅިގަނެގެން ދައުރުން ބޭރުން މިއަދަށް ޖަލްސާއެއް ތާވަލުކޮށް، ކޮންޓްރޯލް ބިލުގެ ބަހުސް އެ ޖަލްސާއަށް ވަނީ ތާވަލުކޮށްފި އެވެ.

"[ބަންދު ތެރޭގައި އޮވެ] އެހާ އެމަޖެންސީކޮށް ކުރަންޏާ ކުރާން އޮތް މަގްސަދަކަށް ވާނީ ސަރުކާރު ހިތްހަމަނުޖެހޭ މައުލޫމާތު ފެތުރުން ވީހާ ވެސް އަވަހަށް ހުއްޓުވުން. އެ ބިރު ނޫސްވެރިންގެ ތެރޭގައި އުފެއްދުން. އެ ނޫން މަގްސަދެއް ހިޔެއް ނުވޭ އޮންނަން ޖެހޭ ހެނެއް،" މޫސަ ވިދާޅުވި އެވެ.

ރައީސަށް މި އިވިވަޑައިގަތީ ނޫސްވެރިންގެ ހުރި ބައެއް ކަންބޮޑުވުންތަކެވެ. ނޫނީ އެމަނިކުފާނު އައްސަވަނީ އެމަނިކުފާނު އައްސަވަން ބޭނުންފުޅުވާ ބައެކެވެ. އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ އަޑު އައްސަވަން ބޭނުންފުޅު ނުވީ އެވެ.

ކޮމެންޓް (3)

އަފުން

28 އޯގަސްޓު 2025
ހުރިހާ ރައްޔިތުންގެ ހައްގުގައި ނޫސްވެރިކަންވެސް ރެގިއުލޭޓް ކުރެވެން ޖެހޭނެ. ގާނޫނު އަސާސީގައި ހަމައެކަނި އޮތީ ޚިޔާލު ފާޅުކުރުމުގެ ހައްގު އެކަންޏެއް ނޫން. އަބުރު ރައްކާތެރި ކުރުމުގެ ހައްގުވެސް އެބައޮތް. އެކަންވެސް ކަށަވަރު ކުރެވެން ޖެހޭނެ.
1 0

އެތިކްސް އެއީ އޮންނަ އެއްޗެއް

28 އޯގަސްޓު 2025
ޑޯންޓު ބުލޯ ދިސް އައުޓް އޮފް ޕުރޮޕޯޝަން. ރަނގަޅުގޮތުގައި މަސައްކަތް ކުރާ މީޑިއާތަކަކަށް މިބިލުން އެއްވެސް ގެއްލުމެއް ނެތް. އަޚްލާޤީ މިންގަނޑު ހިފަހައްޓަންވީ. ކުށެއް ނުކުރާ މީހަކަށް އަދަބުދެކެ ބިރުން އުޅޭކަށް ނުޖެހޭ، ޖަލަށް ލާނެ ކަމަށް މިހާރުވެސް ތިނިންމަނީ މިހާރުވެސް އެބަ އެނގޭ އަދަބާ އަޚްލާޤާ ޚިލާފަށްކަން ތިޔަ މަސައްކަތް ކުރަނީ
3 0

އަފުން

27 އޯގަސްޓު 2025
ހަހަހަ: ޖަލޭ މީހަކު އެބައުލޭމެން ޖަލަށް ލާން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް