ރާއްޖޭގައި މި ވަގުތު ތިބި ތަޖުރިބާކާރު ތިން ނޫސްވެރިއަކު ބޭއްވި ޕްރެސް ކޮންފަރެންސްގައި، މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ނުރައްކާތެރިކަން ތަފްސީލްކޮށްދެއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީޑިއާ ބިލުން އެންމެންގެ ހައްގުތައް ހަނިކޮށްލާނެ: ތަޖުރިބާކާރު ނޫސްވެރިން

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލު ގާނޫނަަކަށް ވެއްޖެ ނަމަ އެއްވެސް ރައްޔިތަަކަށް އެއްވެސް ޒާތެއްގެ ހިޔާލެއް ފާޅުކުރަން އުނދަގޫ ވާނެ ކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން ބޭއްވި ބައްދަލުވުމުގައި ވިދާޅުވި

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ގާނޫނަކަށް ވެއްޖެ ނަމަ އޭގެ ނުރައްކާ ކުރިމަތިވާނީ ހަމައެކަނި ނޫސްވެރިންނަށް ނޫން ކަމަށާއި އެންމެންގެ ހައްގުތަކަށް އެއިން އަސަރުކުރާނެ ކަމަށް، ރާއްޖޭގައި މި ވަގުތު ތިބި އެންމެ ތަޖުރިބާކާރު ނޫސްވެރިން މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓްކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ކުރިން ވެސް މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައި އަނބުރާ ގެންދެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ.

އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި ނަމަވެސް ސަރުކާރަށް ތާއީދުކުރައްވައިގެން ހުންނެވި ހަންނާން ހުށަހެޅުއްވި ބިލު ތައްޔާރުކުރަން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހިމެނޭހެން ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބިލާ ދެކޮޅަށް ރާއްޖޭގެ ނޫސްވެރިންނާއި ނޫސްތަކުގެ އިތުރުން ހައްގުތަަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ ތެދުވެފަ އެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްވެ، ތަޖުރިބާކާރު ނޫސްވެރިން ބިލާ މެދު ދެކޭ ގޮތް މިއަދު ހަވީރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފަ އެވެ.

ބުނީ ކީކޭ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އެޑިޓާސް ގިލްޑްގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ވިދާޅުވީ އެ ބިލަކީ ނޫސްވެރިކަމާއި ޑިމޮކްރެސީގެ އެންމެ އަސާސީ ފަލްސަފާއާ މުޅިން ހިލާފަށް އޮތް ބިލެއް ކަމަށެވެ.

އެ ގޮތުން ޒާހިރު ފާހަގަކުރެއްވި އެއް ކަމަކީ ރައްޔިތުންނަށް މައުލޫމާތު އެނގުމުގެ ހައްގަށް ވުރެ މަތީ ޒިންމާތަކެއް ނޫސްވެރިންނަށް އޮންނާނެ ކަން ބިލުގައި ބަޔާންކުރާ ކަމެވެ. ނަމަވެސް ނޫސްވެރިންނަށް އެއަށް ވުރެ ބޮޑު ޒިންމާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރު ނޫސްވެރިންގެ ޕޫލުން ބޭއްވި ޕްރެސް ކޮންފެރެންސްގައި އަހުމަދު ޒާހިރު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީގެ ސަބަބުން ނޫސްވެރިންގެ ހައްގުތަކުގެ އިތުރުން ރައްޔިތުންނަށް ކަންކަން ހާމަވެ މައުލޫމާތު ލިބުމުގެ ދޮރު ބަންދުވާ ކަމަށް، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ ވުޖޫދުކުރެއްވި އެއް ފައުންޑިން މެންބަރު ޒާހިރު ވިދާޅުވި އެވެ.

"ރައްޔިތު މީހާއަށް އެނގުމުގެ ހައްގަށް ވުރެ ބޮޑު މަސްލަހަތެއް ނޫސްވެރިންގެ މައްޗަށް އޮންނާނެއޭ ބުނީމައި އެބަ އެނގޭ މިއީ މީޑިއާގެ މަފްހޫމު ވެސް ނުދަންނަ ބަޔަކުކަން ބިލު ތައްޔާރުކުރީ. ކަންކަން ހާމަކުރުމަށް އޮތް ދޮރު އެއްކޮށް މި ނެތިކޮށްލަނީ،" 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު ޒާހިރު ވިދާޅުވި އެވެ.

'އަދަދު' ނޫހުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވެސް ވިދާޅުވީ މި ބިލުގެ ހަމަލާ އަމާޒުވަނީ ނޫސްވެރިންނަށް އެކަނި ނޫން ކަމަށެވެ. މުޅި ބިލުން ރައްޔިތުންނަށް ތެދު މައުލޫމާތު ލިބުމުގެ ހައްގު ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބިލުން ގާނޫނުއަސާސީގައި ދީފައި ހުރި ހައްގުތައް އެބަ ހަނިވޭ. މައްސަލަ ބަލައި ހިސާބުން ނޫސްތައް ބަންދުކުރެވޭ. ފުލުހުންނަށް ނޫސްތަކަށް ވަދެވޭ. ނޫހުގެ އިތުރުން އެ އެއްޗެއް ލިޔުނު ނޫސްވެރިޔާއަށް ފިޔަވަޅު އެޅޭ. ނޫސްވެރިއަކު ޓްވީޓާގައި ލިޔެވޭ އެއްޗަކުން ވެސް ސަރުކާރަށް އެބަ ބާރު ލިބޭ ފިޔަވަޅު އަޅަން،" ފިޔާޒު ވިދާޅުވި އެވެ.

ތަޖުރިބާކާރު ނޫސްވެރިންގެ ޕޫލުން ބޭއްވި ޕްރެސް ކޮންފެރެންސްގައި ހުސައިން ފިޔާޒު މޫސާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނޫސްވެރިން ނޫސްތަކުގައި ގެންނަ ކޮންޓެންޓްތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ވަކިވަކި ފަރުދުން ކުރާ ޕޯސްޓްތަކާއި ކޮންޓެންޓްތަކަށް ވެސް މީގެ ސަބަބުން އަސަރުކުރާ ކަން، 'ދައުރު' ނޫހުގެ އެޑިޓަރު މޫސާ ލަތީފް ފާހަގަކުރެއްވި އެވެ. އެ ވަރަށް ރެގިއުލޭޓްކުރުން މޫސަ ސިފަކުރެއްވީ 'އޮއިވަރާ ދެކޮޅަށް ސަރުކާރުން ދަތުރުކުރުން' ގޮތުގަ އެވެ.

ތަޖުރިބާކާރު ނޫސްވެރިންގެ ޕޫލުން ބޭއްވި ޕްރެސް ކޮންފެރެންސްގައި މޫސާ ލަތީފް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ސޯޝަލް މީޑިއާގައި މީހަކު ލިޔާ ލިޔުން ވެސް ހުއްޓުވަން، އަދަބު ދެވޭ ގޮތަށް މީގައި މި އޮންނަނީ. ހަމައެކަނި ނޫސްވެރިންގެ ވާހަކައެއް ނޫން. މިއިން މި މަރާލަނީ މުޅި ހިޔާލުފާޅުކުރުމުގެ ހައްގު. ގާނޫނުއަސާސީއާ ވެސް ފައިހަމަނުވާ ގޮތަށް އޮތް ބިލެއް މިއީ،" މޫސަ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ފާހަގަކުރީ ކޮމިޓީ މަރުހަލާގައި އިސްލާހުތަކެއް ގެންނަން މަޝްވަރާކުރާ ވަރަށް ވުރެ މި ބިލު ގޯސް ކަމެވެ. އެހެންވެ އެމްޖޭއޭއާއި މީޑިއާ ކައުންސިލުން ވެސް ޑިމާންޑްކުރާ ގޮތަށް ބިލު މަޖިލީހުން ބޭރުކޮށްލުމަށް އެ ނޫސްވެރިން ގޮވައިލެއްވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

27 އޯގަސްޓު 2025
ވެރިކަމަށް އަންނަންވެގެން ކެނޑިހާ ފޮނި ބައިސާތަކާއި ވެރިކަމަށަ އައިސް ވަމުންދާހާ ހޮޅި ވައުދުތަކުގެ ބައިކުޅަބައިވެސް އަމަލީގޮތުން ސިފައެއް އައިސްފައިނުވާތީ އެވާހަކަތައް ނޫސްވެރިންނާއި ރައްޔިތުން ދެއްކިޔަނުދީ ބާކީއޮތް 3 އަހަރުވެސް ހަމައެކަނި އަނގައިން މޮޅު ވާހަކަ ދައްކައިގެން ހިފަހައްޓާލެވޭތޯ އެބޭނުމުގައި ހުށައަޅައިގެން އުޅޭ ބިލެއް. އެކަމަކު ތިޔަ ހީފުޅުކުރައްވަނީ މުޅިއަކުން ރަނގަޅަކަށް ނޫން. މިއީ މައުލޫމާތުގެ ޒަމާން. އެ ހޯދައި ލިބިގަނެ ފާޅުކޮށް ފިކުރުހިންގައި ވިސްނައި ފާޑުކިޔައި، މިހުންނަ ކަންކަމުގައި ތިޔަހެން ފާސްކުރާ ގާނޫނަކުން ތަޅުއެޅުވިދާނޭކަމަށް ހީކުރުމަކީ ގޯހެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް