3 މޭ 2025: ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ނޫސްވެރިކަން

މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމާނާ ކުރެވޭ ބިލެއް މަޖިލީހަށް

މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' އެއް އުފައްދަން ބިލުގައި ހިމަނާފައިވޭ؛ މި ކޮމިޝަނުގައި ރައީސް އައްޔަންކުރާ ތިން މެމްބަރަކު ތިބޭނެ

މީޑިއާތަކާއި ނޫސްވެރިންވެސް ހިމެނޭގޮތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއެކު، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން' ނަމުގައި މި ބިލު ހުށަހެޅުއްވީ މިފަހަރުވެސް ހުށަހެޅުއްވީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާގޮތަށް މީގެ ކުރިންވެސް ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މި ބިލުގެ ފުރަތަމަ ކިއުން މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ތަފްސީލް - މިފަހަރުގެ ބިލު ހުށަހެޅުއްވި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އޮތީ:

  • ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއެކު ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރޭތޯ ކަށަވަރުކުރުން

  • ނޫސްވެރިން މައުލޫމާތު ހާމަކުރުމުގައި ތަބާވާންޖެހޭ މިންގަނޑުތަކަކާއި އުސޫލުތަކެއް ކަނޑައެޅުން

  • މީޑިއާގެ ކަންކަން ރެގިއުލޭޓުކުރަން ވަކި މުވައްސަސާއެއް އުފެއްދުން

ބިލުގައި ވާގޮތުން މި ބިލު ގާނޫނަކަށް ވުމާއެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެޔަށްފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.

ބިލުގައި ވާގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުން

  • މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން

  • މި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު ވެސް 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭގޮތަށް

  • މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ

  • ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ބާއްވަންޖެހޭ ގޮތަށް އޮންނަނީ އިލެކްޝަން ކޮމިޝަނުން 

ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައި ވެއެވެ. މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:

  • މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެނަމަ 5000 އާ 100،000ރ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު

  • ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު

  • ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފިނަަމަ 5000އާ 25000 ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު

  • ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު

މީގެ އިތުރުން ބިލުގައި ވާގޮތުން މީޑިއާގެ ހިދުމަތްދިނުމުގެ ލައިސެންސެއް ދޫކޮށްފައޮވާ ފަރާތެއްގެ ކޮންޓެންޓު ގާނޫނާ ހިލާފުވާނަމަ އެ މައްސަލަ ބަލާނީ ކޮމިޝަނުގެ މެމްބަރުންނާއި 'މީޑިއާ ކޮންޓެންޓް އެޖޫޑިކޭޝަން ކޮމިޓީ' އަކުންނެވެ. މި ކޮމިޓީ އެކުލެވިގެންވަނީ މީޑިއާ ތަމްސީލުކުރާ ހަތަރު މެމްބަރުން އެކުލެވޭ ދާއިމީ ކޮމިޓީއެއްގެ މައްޗަށެވެ.

ކޮމެންޓް (1)

ސިކުނޑި

19 އޯގަސްޓު 2025
ހެޔޮ ނިޔަތުގައި ކުރިއްޔާ މިކަމުގައިވެސް މައްސަލައެއް ނެތް.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް