ހދ. ނޮޅިވަރަންފަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ރައީސް ވިދާޅުވީ މީޑިއާ ބިލްގައި އެމަނިކުފާނުގެ ކޮންޓްރޯލް ބޭނުން ނުވާކަމަށް
މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި، އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަން ބޭނުންފުޅުނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ، މިހާރު ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އޮތް މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި މިހާރު މަޖިލީހުގައި އޮތް ބިލާ ގުޅޭ ގޮތުން، ނޫސްވެރިން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރެވޭ ގޮތަށް އޮތުމެވެ.
އެގޮތުން މި ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވި، ދެން މަސައްކަތް ކުރާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.
ބިލުގައިވާ ގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:
-
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރައްވާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް ރައީސްގެ ހުށައެޅުއްވުމަށް މަޖިލީހުން
-
ދެން ހިމެނެނީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލްކުރެއްވުމުގެ އެއްވެސް ޝައުގުވެރިކަމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. އެއީ ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ، 'އަޅުގަނޑުގެ ކޮންޓްރޯލް އޮންނަ ގޮތަށް މިކަން ކުރަން ބޭނުން ނޫން ކަމަށް'، [ރައްޔިތުންގެ މަޖިލީހުގެ] ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ބިލުގައި އޮންނަ ގޮތުން ކޮމިޝަންގެ ރައީސަކަށް ހުންނާނީ އަޅުގަނޑު އައްޔަން ކުރާ މެމްބަރެއް ކަމަށް. އެކަމަކު އަޅުގަނޑު އެގޮތަކަށް އެކަމެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު ދަންނަވާފައިވާނީ، ބިލް އިސްލާހުކުރާ މަރުހަލާގައި އިސްލާހު ކުރުމަށް، ރައީސް ހޮވާނީ ކޮމިޝަނުގެ އެ ހަތް މެމްބަރުން ވޯޓުލައިގެން ކަމަށް."
ރައީސް ވިދާޅުވީ މީޑިއާއަށް ނުފޫޒު ފޯރުވަން ބޭނުންފުޅުނުވާ ކަމަށާއި މީޑިއާ ބެލެހެއްޓުމުގައި ވެސް، ރެގިއުލޭޓް ކުރުމުގައި ވެސް އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަން ބޭނުންފުޅު ނުވާ ކަމަށެވެ. މީޑިއާ އޮންނަން ޖެހޭނީ، މިނިވަންކަމާއި ދެފުށް ފެންނަ ގޮތަށް، ޒިންމާދާރުކަމާ އެކު ހިންގޭ އެއްޗެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިއްމު- ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލާ މެދު، ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުންނެވެ.
ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އެ ބިލް ސިފަކޮށްފައިވަނީ ނޫސްވެރިންގެ މިނިވަންކަން މަރާލުން ކަމަށެވެ.
އެމްޖޭއޭއިން ބުނިގޮތުގައި:
-
އެ ޖަމިއްޔާއިން އަބަދުވެސް ވަކާލާތު ކުރަނީ، ދެން އެކުލަވާލާ ނިޒާމު ވާންވާނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ، ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ، 'ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް' ކަމަށް
-
އެފަދަ ނިޒާމެއް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވައުދެއްކަމަށް ވެސް ބުނި
"މި ސަބަބުތައް އެހެން ހުރުމުން މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މި ޖަމްއިއްޔާއިން ތާއީދެއް ނުކުރަމެވެ. އަދި އެ ބިލް އަނބުރާ ގެންދިޔުމަށް އެންމެހާ ނޫސްވެރިންގެ ފަރާތުން ބިލް ހުށަހެޅި މެންބަރަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ." އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
ކޮމެންޓް (1)
ތެފައާސާ.