ނޫސްވެރިން ސޮއިކޮށް ރައީސްއާ ބައްދަލުކުރަން އެދި ސިޓީ ލިޔެފައި ހަވާލުކުރަން ނޫސްވެރިން ރައީސް އޮފީހުގައި --

މީޑިއާ ބިލާ ގުޅިގެން ރައީސްއާ ބައްދަލުކުރަން ނޫސްވެރިން އެދިއްޖެ

ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ބައެއް ނޫސްވެރިން ރައީސް އޮފީހަށް ގޮސް ވަނީ ސިޓީއެއް އެ ތަނަށް ދީފައި
19 އޯގަސްޓު 2025

މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް މިއަދު އެދިއްޖެ އެވެ.

ވީކިހިނެއް؟ - ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ބައެއް ނޫސްވެރިން މަޖިލީހުގެ ގެލެރީގައި ހިމޭން އިހުތިޖާޖެއް ކުރުމަށް ފަހު ރައީސް އޮފީހަށް ވަނީ ގޮސްފަ އެވެ.

ރައީސް އޮފީހަށް ގޮސް އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން ސޮއިކުރުމަށް ފަހު އެ އޮފީހުގެ ރިސެޕްޝަނަށް ވަނީ ސިޓީއެއް ދީފަ އެވެ.

ތަފްސީލް - އެ ސިޓީގައި ނޫސްވެރިންގެ ފަރާތުން އެދިފައިވަނީ ވީހާވެސް އަވަހަކަށް ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.

ސިޓީގަައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ، މީޑިއާތަކަށް ފުރިހަމަ މިނިވަންކަން ދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ ހިލާފަށް އޮތް ބިލެއް ކަމަށެވެ.

އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ގިނަ ނޫސްވެރިން ރައީސްއާ ބައްދަލުކުރަން ބޭނުންވާ ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ - މި ބިލް އަނބުރާ ގެންދިޔުމަށް ގޮވާލާ އެމްޖޭއޭ އިން މިއަދު ނޫސްބަޔާނެއް ވެސް ނެރުނެވެ. އޭގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށެވެ.

އެ ތަނުން ދެކޭ ގޮތުގައި:

  • ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރެވޭ ގޮތަށް

  • އަދި މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި

  • އޭގެ އިތުރުން، ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލުގައި ހިމަނާފައިވޭ

އެނގުން މުހިންމު - މިއަދު ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިއުން އިއްވައި މިއަދު މަޖިލީހަށް ތައާރަފުކުރި ބިލުގެ އިބްތިދާއީ ބަހުސް ވެސް ހަމަ މިއަދު ފެށި އެވެ.

ނަމަވެސް ބިލަށް ހަތް މެންބަރުން ވާހަކަ ދެއްކެވުމާ އެކު، ބިލު ދިރާސާކުރަން މެންބަރުން ފާހަގަކުރައްވާތީ އަންނަ ދައުރަށް ބަހުސްގެ ބާކީ ކުރިއަށް ގެންދަން ނިންމި އެވެ. އަންނަ ދައުރު ފެށޭނީ 1 އޮކްޓޯބަރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް