ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުުވުމެއްގައި. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
ތިއީ މިނިވަން ނޫސްވެރިކަމަށް ބޮޑު ހަމަލާއެއް؛ ބިލު އަނބުރާ ގެންދޭ: ސޯލިހު
މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ރެގިއުލޭޓްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އަނބުރާ ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. ބިލުގެ ފުރަތަމަ ކިއުން އިއްވައި ބިލުގެ އިބްތިދާއީ ބަހުސް ވެސް ފެށީ މިއަދެވެ. އެ ގޮތުން:
-
52 ސަފުހާގެ ބިލެއްގެ އިބްތިދާއީ ބަހުސް، ބިލު މަޖިލީހަށް ތައާރަފުކުރި ދުވަހު ފެށުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި
-
ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން މަޖިލީހުގެ ގެލެރީގައި ހިމޭން އިހުތިޖާޖެއްގައި ތިބި
-
ބިލަށް ބަހުސްކުރެއްވި ޕީއެންސީގެ މަދު މެންބަރުންތަކެއް ވާހަކަ ދެއްކެވީ މީޑިއާ ރެގިއުލޭޓްކުރުމަށް ހަރުކަށި އުސޫލުތަކެއް އޮތުމަށް ތާއީދުކޮށް؛ އަދި ބިލާ މެދު ހުރި ކަންބޮޑުވުންތައް ބަލާފައި ކޮމިޓީ މަރުހަލާގައި އިސްލާހުކުރުމަށް
އެ ބިލަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، މެމްބަރުން ބަހުސްކުރުމުގެ ފުރުސަތު ދިނުމަށްޓަކައި މަޖިިލީހުގެ އަންނަ ދައުރުގައި ބަހުސްގެ ބާކީ ބައި ކުރިއަށްގެންދިއުމަށް މަޖިލީހުން މިއަދު ވަނީ ނިންމާފަ އެވެ. މަޖިލީހުގެ އާ ދައުރު ފެށޭނީ 1 އޮކްޓޫބަރުގަ އެވެ.
ތަފްސީލް - އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސޯލިހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިއުން ކަމަށާއި މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - "މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
"ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފުލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލަން."
ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް. މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން…
— Ibrahim Mohamed Solih (@ibusolih) August 19, 2025
އެނގުން މުހިއްމު - ބިލުގައި ވާގޮތުން މި ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.
ބިލުގައި ވާގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:
-
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރައްވާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުން
-
މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން
-
މި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ ގޮތަށް
-
މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ
-
ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން
ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ.
މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:
-
މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު
-
ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު
-
ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ. އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު
-
ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު
އިތުރަށް ކިޔާލަން
މީޑިއާ ބިލާ ގުޅިގެން ރައީސްއާ ބައްދަލުކުރަން ނޫސްވެރިން އެދިއްޖެ
19 އޯގަސްޓު 2025
އަނެއްކާވެސް މި އުޅެނީ ވިސްނުމުގައި ހިލިހިލާ ޖަހަން
19 އޯގަސްޓު 2025
މީޑިއާ ބިލު ދިރާސާކުރަން ވަގުތުދީ، ބަހުސް އަންނަ ދައުރަށް
19 އޯގަސްޓު 2025