ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

މީޑިއާގެ ބިލު ދިރާސާކުރަން މެންބަރުންނަށް ވަގުތު ދޭން ބަހުސް އަންނަ ދައުރަށް

ރައްޔިތުންގެ މަޖިލީހަށް މިއަދު ތައާރަފުކޮށް މިއަދު އިބްތިދާއީ ބަހުސް ފެށި މީޑިއާ ރެގިއުލޭޓްކުރާ ބިލަށް ހަތް މެންބަރުން ވާހަކަ ދައްކަވައި ނިމުނު ފަހުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މެންބަރުންނަށް ބިލު ދިރާސާކުރަން ވަގުތު ދިނުމުގެ ގޮތުން ބަހުސް ދެން ގެންދަވާނީ އަންނަ ދައުރު ކަމަށް
19 އޯގަސްޓު 2025

މީޑިއާތަކާއި ނޫސްވެރިން ވެސް ހިމެނޭ ގޮތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ރެގިއުލޭޓްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިރާސާކޮށްފައި މެންބަރުން ބަހުސް ކުރުމަށް ޖާގަ ދިނުމުގެ ގޮތުން އަންނަ ދައުރަށް ބަހުސްގެ ބާކީ ބައި ކުރިއަށް ގެންދަން މިއަދު ނިންމައިި އެވެ.

ވީކިހިނެއް؟ - މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. ބިލުގެ ފުރަތަމަ ކިއުން އިއްވައި ބިލުގެ އިބްތިދާއީ ބަހުސް ވެސް ފެށީ މިއަދެވެ. އެ ގޮތުން:

  • 52 ސަފުހާގެ ބިލެއްގެ އިބްތިދާއީ ބަހުސް، ބިލު މަޖިލީހަށް ތައާރަފުކުރި ދުވަހު ފެށުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި

  • ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން މަޖިލީހުގެ ގެލެރީގައި ހިމޭން އިހުތިޖާޖެއްގައި ތިބި

  • ބިލަށް ބަހުސްކުރެއްވި ޕީއެންސީގެ މަދު މެންބަރުންތަކެއް ވާހަކަ ދެއްކެވީ މީޑިއާ ރެގިއުލޭޓްކުރުމަށް ހަރުކަށި އުސޫލުތަކެއް އޮތުމަށް ތާއީދުކޮށް؛ އަދި މިހާރު އޮތް ބިލަށް ހުރި ކަންބޮޑުވުންތައް ބަލާފައި ކޮމިޓީ މަރުހަލާގައި އިސްލާހުކުރުމަށް

ބުނީ ކީކޭ؟ - އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުުކުރެއްވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ ފާހަގަކުރެއްވި ކަމަކީ ބިލެއްގެ ފުރަތަމަ ކިއުން އިއްވާ ދުވަހު ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް މަޖިލީހުގެ ގަވާއިދު ޖާގަ ދޭ ކަމެވެ.

އޭގެ ފަހުން ބިލުގެ އިބްތިދާއީ ބަހުސް ފަށައިގެން ކުރިއަށް ގެންގޮސް ހަތް މެންބަރުން ވާހަކަ ދެއްކެވުމާ އެކު، އަބްދުއްރަހީމް ވިދާޅުވީ ބިލަށް މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ބަހުސް ކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ބަލާފައި މިއަދު ބަހުސް އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލެއްވީ ކަމަށެވެ.

"ބައެއް މެންބަރުންގެ ވާހަކަފުޅުތަކުން މި ބިލު އިތުރަށް ދިރާސާކޮށްލަން ބޭނުންވާކަން ވެސް އެބަ ވިސްނޭ. އެހެންވެ އަޅުގަނޑު ގަސްތުކުރަނީ މި ބިލުގެ ބަހުސް މިއަދަށް ނިންމާލަން. ނިންމާލާފައި އިއްޒަތްތެރި މެންބަރުންނަށް ބިލު ރަނގަޅަށް ދިރާސާކުރައްވައި ވަޑައިގެން ހަގީގަތުގެ މައްޗަށް ވާހަަކަ ދައްކަން ޖާގަ ދިނުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލިސް)

ބިލުގެ އިބުތިދާއީ ބަހުސް މިއަދަށް އިތުރަށް ކުރިއަށް ނުގެންދަން ނިންމި އިރު، މިއަދު ބޭއްވީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ އެވެ. އެހެންކަމުން ބިލުގެ ބަހުސް ދެން ކުރިއަށް ގެންދާނީ އަންނަ ދައުރުގަ އެވެ. އަންނަ ދައުރު ފެށޭނީ 1 އޮކްޓޯބަރުގަ އެވެ.

ބިލުގެ ތަފްސީލް - ބިލުގައި ވާގޮތުން މި ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.

ބިލުގައި ވާގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުން

  • މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން

  • މި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު ވެސް 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ ގޮތަށް

  • މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ

  • ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ބާއްވަންޖެހޭ ގޮތަށް އޮންނަނީ އިލެކްޝަން ކޮމިޝަނުން 

ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ. މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:

  • މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާ 100،000ރ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު

  • ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު

  • ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ. އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު

  • ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް