ބިލު މަޖިލީހަށް ހުށަހެޅި ދުވަހު ނޫސްވެރިން މަޖިލިސް އިދާރާ ކުރިމަތީ ކުރި އިހްތިޖާޖްގެ ތެރެއިން

'މީޑިއާ ކޮންޓްރޯލު ކުރާ' ބިލު އަނބުރާ ގެންދަން ސީޕީޖޭން ވެސް ގޮވާލައިފި

ސީޕީޖޭން ބުނީ އާ ބިލުގައިވާ ގޮތުން، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމަށާއި ރާއްޖޭގެ ނާޒުކު ޑިމޮކްރަސީއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް

މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ދަމަހައްޓަވައި މީޑިއާތައް ކޮންޓްރޯލު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ކޮމެޓީ ޓު ޕްރޮޓެކްޓު ޖާނަލިސްޓްސް (ސީޕީޖޭ) އިން އިއްޔެ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟- 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި  މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ނަމަވެސް ސަރުކާރަށް ތާއީދުކުރައްވައިގެން ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

ތަފްސީލް - ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ނެރުނު ބަޔާނެއްގައި ސީޕީޖޭން ބުނީ އާ ބިލުގައިވާ ގޮތުން، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމަށާއި ރާއްޖޭގެ ނާޒުކު ޑިމޮކްރަސީއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

މީޑިއާތަކާއި ނޫސްތަކަށް ގާނޫނީ ފިޔަވަޅު އަޅާ ބޮޑެތި ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ބިލުގައިވާ ކަންތައްތައް ސީޕީޖޭން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:

  • ހާއްސަކޮށް މީޑިއާތައް ރެގިއުލޭޓު ކުރާ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރާ ހަތަރު މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ 

  • ހަތް މެންބަރުންގެ އެ ކޮމެޓީއަށް ތިން މެންބަރުން އަދި ރައީސަކު އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ

ބިލުގައިވާ ގޮތުން، މި ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު، އެ ތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.

މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:

  • މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު

  • ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު

  • ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ.އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު

  • ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު

ސީޕީޖޭން ބުނީ، އެ ބިލާ ގުޅޭ ގޮތުން ރައީސް މުއިއްޒުގެ ބަހަކަށް ވެސް އެދުނު ކަމަށާއި ބިލު ހުށަހެޅުއްވި މެންބަރު ހަންނާނަށް ވެސް ގުޅުއްވި ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ކޮމެންޓެއް އެކަމުގައި ނުލިބޭ ކަމަށް ބުންޏެވެ.

ފާހަގަ ކުރެވޭ - މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުުރުން:

  • ބޭނުންވަނީ އެ ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ބުނެފައި

  • ބިލަކީ، މިނިވަން ނޫސްވެރިކަން މަރާލުން ކަމަށް ބުނެ ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް