މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން (ފައިލް ފޮޓޯ/އެމްއެމްސީ)

'މީޑިއާ ކޮންޓްރޯލް ބިލު' އިސްލާހުނުކޮށް، އެމްއެމްސީން ގޮވާލީ އެއްކޮށް ބޭރުކުރަން

އެމްއެމްސީ އަދި ޖަމިއްޔާތަކުން ވެސް މި ބިލު ބޭރުކުރުމަށް ގޮވާލާފައިވާއިރު، ޕީއެންސީގެ ބައެއް މެންބަރުން ހޯމަ ދުވަހުގެ ޖަލްސާގައި އެދިވަޑައިގެންފައިވަނީ ކޮމިޓީ މަރުހަލާގައި މި ބިލަށް ހިޔާލު ހުށަހަޅައިގެން 'އެއްބަސްވެވޭ' އިސްލާހުތައް ގެނައުމަށް

މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު އިސްލާހު ކުރުމަށް މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ބޭނުންވަނީ އެ ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި  މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ނަމަވެސް ސަރުކާރަށް ތާއީދުކުރައްވައިގެން ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެމްއެމްސީން މިރޭ ވަނީ އެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މި ބިލާ ގުޅޭ ގޮތުން ނިންމި ނިންމުންތައް ހާމަކޮށް، ބަޔާނެއް ނެރެފަ އެވެ.

ތަފްސީލު - އެމްއެމްސީން ބުނީ އެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބިލާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މެންބަރުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ބިލާ ގުޅޭ ގޮތުން ގިނަ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ:

  • ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް

  • އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގިނަ މާއްދާތައް ހިމެނިފައި ހުރިކަން ފާހަގަކުރެވޭ

  • ބިލު ފަރުމާކޮށްފައި އޮތީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، އާ ބިލުގެ ތެރެއިން ބްރޯޑްކާސްޓަރުން/ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ހައްގުތައް މަސްހުނިވެ، ޕްރިންޓް އަދި އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަކަށް ހިޔަނި އެޅިފައިވާކަން ވެސް ފާހަގަކުރެވޭ

"ނޫސްވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބޮޑު ބަދަލުތަކެއް ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު، ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާއި މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އަމިއްލަ މެމްބަރަކު ހުށަހެޅި ކަމުގައި ވިޔަސް މިއީ ރިއާޔަތް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް މި ކައުންސިލުން ދެކެމެވެ،" ދިވެހި އަދި އިނގިރޭސި ބަހުން އެމްއެމްސީން ނެރުނު ބަޔާނުގައި ބުންޏެވެ.

"މުޅި ކައުންސިލުގެ ރޫހު ވެސް ހުރީ މި ބިލާ ދެކޮޅަށެވެ."

މިއަދުގެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ވެސް އެމްއެމްސީގެ ބަޔާނުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެއްވެސް ވަރަކަށް ކައުންސިލާއި ނޫސްވެރިންނާ ވެސް މަޝްވާރާނުކޮށް މަޖިލީހަށް ވައްދާފައިވާ މި ބިލަށް އިތުރު ހިޔާލުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މަޖިލީހުން މުޅި ބިލު ބަލައިނުގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް ދެންނެވުމަށް؛ އޭގެ ތެރޭގައި މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕުތައް ހިމެނޭ

  • މި ބިލާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކީ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ކައުންސިލް މެންބަރުންގެ މެދުގައި ވޯކިން ގްރޫޕެއް އެކުލަވާލުމަށް

  • ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުމަށް

  • ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް އަދި މިނިވަން ނޫސްވެރިކަމެއްގެ މުހިންމުކަމާއި ގުޅޭ ޕޯސްޓުތައް ތައްޔާރުކޮށް ކައުންސިލްގެ ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް

ފާހަގަކޮށްލެވޭ ކަމެއް - ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވެސް ވަނީ މި ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރުމަށް ގޮވާލާފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް މިއަދު ވަނީ މި ބިލު ބޭރުކުރުމަށް ގޮވާލައި ބަޔާނެއް ނެރެފަ އެވެ.

އެމްއެމްސީ ހިމެނޭހެން ޖަމިއްޔާތަކުން މި ބިލު ބޭރުކުރުމަށް ގޮވާލިއިރު، ހޯމަ ދުވަހުގެ ޖަލްސާގެ ބަހުސްގައި ޕީއެންސީގެ ބައެއް މެންބަރުން ވަނީ މި ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމަށް ކަމެއް އޮތް ނަމަ އެގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް