ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަނީ - (ފޮޓޯ/ މަޖިލީސް)
މީޑިއާގެ ބިލުގައި ނާޒިމްގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވެއްޖެ
މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ތައްޔާރުކުރުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ބައިވެރިވުން އޮތް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީޑިއާއާއި ސޯޝަލް މީޑިއާގެ ޕޯސްޓްތައް ރެގިއުލޭޓް ކުރުމަށް ބިލެއް ތައްޔާރުކުރަމުންދާ ކަމަށް، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
ވީކިހިނެއް؟ - ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތައް އޮތް މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކުރިން ވެސް ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ.
ތަފްސީލް - ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކުރީ ފަހަރު ހަންނާން ބިލު އަނބުރާ ގެންދެވުމުން އޭރުގެ ބިލުގައި އިސްލާހުކުރަން ޖެހޭ ކަންކަން ދިރާސާކުރުމުގައި މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ.
އެ ބިލާ ދެކޮޅަށް ތެދުވި ބައެއް ނޫސްވެރިންގެ ހިޔާލު ހޯދައިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް މަދުކުރަން އުޅުއްވި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ބިލާ ބެހޭ ގޮތުން ބައެއް ރިސާޗު ހެދުމުގެ ކަންތައްތަކުގައި އަޅުގަނޑު ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިން. [ކުރީގެ ބިލަށް] އިއުތިރާޒު ކުރި މީޑިއާގެ ބައެއް ބޭފުޅުންނާ ވާހަކަ ދައްކައި އެއް ގަނޑަކަށް އެ ހިޔާލުތައް ގެނެވޭތޯ އަޅުގަނޑު މަސައްކަތްކުރިން،" ނާޒިމް ވިދާޅުވި އެވެ.
އެ ކަން ފާހަގަކުރެއްވުމަށް ފަހުގައި ބިލަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަ ދެއްކެވި އެވެ. ސިންގަޕޫރާއި އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހުރި ގާނޫނުތަކުގެ ނަން ވިދާޅުވުމަށް ފަހުގައި މި ބިލު އެ އޮނިގަނޑުތަކާ އެއް ގޮތް ކަމަށް ވިދާޅުވި އެވެ.
"މިހާރު ހުށަހެޅިފައިވާ ބިލަކީ ބައިނަލްއަގުވާމީ ވަރަށް ގިނަ މިންގަނޑުތަކާ އެއް ގޮތަށް ހެދިފައި އޮތް ބިލެއް،" ނާޒިމް ވިދާޅުވި އެވެ.
އޭގެ ފަހުގައި މީޑިއާތަކަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. މީޑިއާތައް ހިންގަނީ ވިޔަފާރިވެރިންނާއި ސަރުކާރު ކުންފުނިތަކުން އިޝްތިހާރު ދީގެން ކަމަށާއި އެއްވެސް ހިފެހެއްޓުމެއް ނެތި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމުން އަޅުގަނޑުމެންގެ މެޗުއަރިޓީ ދައްކަން ޖެހޭ. ކަންބޮޑުވުންތަކެއް ހުރިއްޔާ ކޮމިޓީއަށް ގެންގޮސް ކޮމިޓީ މަރުހަލާގައި އިސްލާހުތަކެއް ގެނެސްގެން ހިޔާލުތައް އެއްގޮތްކުރަން ވެސް މަސައްކަތްކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.
ކުރިން މަޖިލީހަށް ހުށަހެޅުނު ބިލުގައި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހަށް ރައީސް ނަންތަކެއް ފޮނުވައިގެން މެންބަރުން އައްޔަންކުރާ ގޮތަށް އެކުލަވާލާން ޖެހޭ ކޮމިޝަނެކެވެ.
އެހެންވެ އެއީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށްވެ އެވެ. މި ފަހަރު ހުށަހެޅި ބިލުގައި ސަރުކާރުން އެ ކޮމިޝަން ކޮންޓްރޯލްކުރެވޭނެ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ރައީސް ފޮނުވައިގެން މަޖިލީހުން ރުހުން ދީގެން އައްޔަންކުރާ ގޮތަށް ތިން މެންބަރުން މި ތިބީ. މީޑިއާތަކުން އިންތިހާބުކުރާ ގޮތަށް ހަތަރު މެންބަރުން. ވޯޓު އެއްވަރުވާ ހާލަތުގައި ރިޔާސަތުން ވޯޓު ދޭން ޖެހުނަސް މީޑިއާތަކަށް މެޖޯރިޓީ މި ދަނީ،" ނާޒިމް ވިދާޅުވި އެވެ.
ކިޔާލަން
އެނގުން މުހިންމު - ނޫސްވެރިން އެދެނީ ނޫސްވެރިން ތަމްސީލްކުރާ މެންބަރުން ތިބޭ ކޮމިޝަނަކުން 'ސެލްފް ރެގިއުލޭޓަރީ' އުސޫލުތަކެއް މީޑިއާތައް ރެގިއުލޭޓްކުރުމަށް އޮތުމަށެވެ.
މި ބިލް އަނބުރާ ގެންދިއުމަށް ގޮވާލާ އެމްޖޭއޭ އިން މިއަދު ނޫސްބަޔާނެއް ވެސް ނެރުނެވެ. އޭގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށެވެ.
އެ ތަނުން ދެކޭ ގޮތުގައި:
-
ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރެވޭ ގޮތަށް
-
އަދި މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި
-
އޭގެ އިތުރުން، ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލުގައި ހިމަނާފައިވޭ