ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ: މީޑިއާ ރެގިއުލޭޓް ކުރަން ބިލެއް ހުށަހަޅުއްވަނީ (ފޮޓޯ/ މަޖިލިސް)

ސޯޝަލް މީޑިއާ އާއި މީޑިއާތައް ރެގިއުލޭޓް ކުރަން ބިލެއް؛ ސަރުކާރުން ހަވާލެއް ނުވިި

ސަރުކާރުން ސޯޝަލް މީޑިއާ ބައެއް ޕްލެޓްފޯމްތައް ރެގިއުލޭޓްކުރަން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށް އެފަދަ ބިލެއް ހުށަހަޅުއްވަނީ ސަރުކާރުގެ ސީނިއާ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް ނާޒިމް

އިންޓަނެޓާއި މީޑިއާ ރެގިއުލޭޓް ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވަން ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ސަރުކާރުން ސޯޝަލް މީޑިއާ ބައެއް ޕްލެޓްފޯމްތައް ރެގިއުލޭޓްކުރަން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށް ނާޒިމް މި ބިލު ހުށަހަޅުއްވަނީ އަމިއްލަ ހައިިސިއްޔަތުން ކަމަށް ވިދާޅުވެ އެވެ. 

ތަފްސީލް - ނާޒިމް 'ދައުރު'އަށް ވިދާޅުވީ ބިލު ހުށަހަޅުއްވަނީ 'އެކްސް' އާއި 'ޓިކްޓޮކް' ފަދަ ޕްލެޓްފޯމުތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ފަތުރާތީ އެ ކަން ރެގިއުލޭޓް ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ގެނައުމުގެ ވިސްނުމުގައި ކަމަށެވެ.

"އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ހުށަހަޅާ ބިލެއް އެއީ، ސަރުކާރުގެ ބިލެއް ނޫން. ބިލު ތައްޔާރުވެ ނިމޭ އެބަ. ފައިނަލް ސްޓޭޖްގައި މިހާރު އޮތީ،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފަށަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގަ އެވެ. މި ފެށޭ ދައުރުގެ ތެރޭގައި ބިލު ހުށަހަޅުއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެސްއެސްޓީވީ"އަށް ދެއްވި އިންޓަވިއެއްގައި އެ ބިލްގެ ބައެއް ތަފްސީލްތައް ދެއްވަމުން ނާޒިމް ވިދާޅުވެފައި ވަނީ:

  • ބިލު ތައްޔާރު ކުރަނީ މެލޭޝިއާ ފަދަ ގައުމުތަކުގައި އޮންނަ ފަދަ މަލްޓި މީޑިއާ ކައުންސިލެއްގެ މޮޑެލް ބަލައިގެން

  • މީޑިއާތައް އަމިއްލައަށް ރެގިއުލޭޓްވާން ބޭނުންވާ ކަމަށް ބުންޏަސް އެ ކަން އެ ގޮތަށް ނުވާތީ މީޑިއާ ރެގިއުލޭޓް ކުރާނެ ބިލެއް ހުށަހަޅުއްވަން ނިންމެވީ

  • މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލަން ޖެހޭ، ދެ ކޮމިޝަނެއް ހަދައިގެން ނަތީޖާއެއް ނުނެރެވޭ

ބުނީ ކީކޭ؟ - "ވަރަށް ބޮޑަށް ޒާތީވެގެން ގޮސް، ވިޔާނުދާ ކޮންޓެންޓަށް އެއްޗެހި ޓީވީތަކުންނާއި އެއްޗެހި ދައްކާތަން ފެނޭ. އަނެއްކާ، މައިންބަފައިންނާއި ދަރިންނާ އެއްކޮށް ސިޓިންރޫމެއްގައި ތިބެގެން ނުބެލޭ ވަރުގެ އެއްޗެހި ވެސް އެބަ ދައްކާ،" ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން ބުނަނީ ބިލާ ދެކޮޅުކަމަށް 

އެ ބިލް ހުށަހަޅާނެކަން ނާޒިމް ހާމަކުރެއްވުމާ އެކު ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެގޮތުން އެކަމުގައި ސަރުކާރުގެ ސިޔާސަތު ހާމަކުރައްވައި ހީނާ ވިދާޅުވީ: 

  • މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު

  •  މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ބާއްވައިދީ އެކަން ދެމެހެއްޓުން

"ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރޭ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ. ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއްނެތް،" ހީނާ ލިޔުއްވާފައިވެ އެވެ. 

ފާހަގަކޮށްލެވޭ - ސަރުކާރުން ޓިކްޓޮކް، އިންސްޓަގްރާމް، ސްނެޕްޗެޓް، އެކްސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ރާއްޖޭގައި ނުވަދެވޭ ގޮތަށް ހުއްޓުވަން އުޅޭ ކަމަށް ވެސް އަޑު ފެތުރިގެން ދިޔަ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ކަން ދޮގުކޮށްފަ އެވެ.

ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނެއް ހެދުމުގެ ބިލެއް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރު ވެސް ބިލެއް ހުށަހެޅުއްވި އެވެ.

އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ނުވާ މެންބަރު ހުށަހެޅުއްވި އެ ބިލު ބޭރުކުރުމަށް މީޑިއާތަކާއި ނޫސްވެރިން ކެމްޕެއިނެއް ފެށުމާއެކު ބިލު އަނބުރާ ގެންދެވި އެވެ. އޭރު މަޖިލީހުގެ ތަޅުމަށް ބިލު ބަލައިނުގަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އޮތީ ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ސިކުނޑި

26 ޖެނުއަރީ 2025
ކުރަން ރަނގަޅު ކަމެއް! އެކަމަކު އެ ޕްލެޓްފޯމްތައް ބޭނުން ކުރެވޭގޮތާއި، މީހުންގެ ވިސްނުމަށް ބަލާއިރު ރަނގަޅު ގޮތުގައި ބޭނުންކުރާ މީހުންނަށް ވަރަށްފަހި އެއްޗެއްއެއީ! މިސާލަކަށް ވަޅިއަކީވެސް ވަރަށް ބޭނުންތެރި އެއްޗެއް އެކަމަކު އެ ބޭނުންކޮށްގެން ބަޔަކު މީހުން މަރާތީ އެ މަނަލެއް ނުކުރެވޭ! ނުވަތަ ލިމިޓެއްވެސް ނުކުރެވޭނެ! މިހާރުގެ އިޖުތިމާޢީ ހާލަަތަށް ބަލާއިރު ޑައިރެކްޓް އެޕްރޯޗް އެހާ ކާމިޔާނެއް ނުވާނެ! ތިޔަށްވެސް ވާނީ ދުންފަތް ކޮންޓްރޯލް ކުރަންއުޅުނު ގާނޫނަށް ވީގޮތަށް! ސޯޝަލް މީޑިއާ ބޭނުން ކުރާ ކޮންމެ ފަހަރު ސަރުކާރަށް ޓެކްސް ދައްކާގޮތަށްވެސް ހެދިދާނެ!!
0 0

އެދުރު

26 ޖެނުއަރީ 2025
މިކަން ކުރަން މާބޮޑަށްވެސް ލަސް ވެއްޖެ. ކޮންމެ ގޮތެއް ހަދައިގެންވެސް ޓިކްޓޮކުގައި މިގޮވާ ނުބައި އެއްޗިއްސާއި ޝޯސަލް މީޑިޔާަގައި އަންހެން ވެގެން މިއުޅެޭ ފިރިހެނުންނާއި އޮރިޔާން ފާޅުކުރާ އަންހެނުން ހުއްޓުވަން އެބަޖެހޭ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް