އެމްޖޭއޭގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
'މީޑިއާ ކޮންޓްރޯލް ބިލް'އާ ދެކޮޅު ކެމްޕޭނުން ގޮވާލީ ބިލް ބަލައިގަނެގެން ނުވާނެ ކަމަށް
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މީޑިއާ ކޮންޓްރޯލް ބިލް" މަޖިލީހުގެ ތަޅުމަށް ބަލައިގަނެގެން ނުވާނެ ކަމަށް އެ ބިލާ ދެކޮޅަށް ފެށި ކެމްޕޭން ހަރަކާތުން މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން ރައީސް އައްޔަންކުރާ ބައެއްގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާ ރެގިއުލޭޓް ކުރާ ގޮތަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ.
އެ ބިލާ ދެކޮޅަށް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން މީޑިއާ ކައުންސިލާއި ޓްރާންސްޕޭރެންސީ ގުޅިގެން 'ހަތަރެއްގެ ހައްގުގައި' ކެމްޕެއިނެއް ވަނީ ފަށައިފަ އެވެ.
ބުނީ ކީކޭ؟ - އެ ކެމްޕެއިނުން މިއަދު އެމްޖޭއޭގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފު ވިދާޅުވީ ބިލު ފަރުމާކޮށްފައިވަނީ ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް ޑިމޮކްރެޓިކް ގައުމުތަކުގައި އޮންނަ "ސެލްފް ރެގިއުލޭޓަރީ" ނިޒާމަށް ނުފެތޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން، ބިލު ހުށަހެޅުއްވި މެންބަރަކީ އެއްވެސް ވަރަކަށް މީޑިއާގެ ބެކްގްރައުންޑެއް ނެތް މެންބަރަކަށް ވާތީ، ބިލު އައި ގޮތާ މެދު ގިނަ ސުވާލުތަކާއި ކަންބޮޑުވުންތައް އެބަހުރި ކަމަށް ނާއިފު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކެމްޕެއިނުން އެދެނީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން މި ބިލު ބަލައިގަންނަން ވޯޓު ނުދެއްވައި ބޭރުކޮށްލަން،" އޭނާ ވިދާޅުވި އެވެ.
"މި ބިލު ބަލައިގަތުން ވާނީ ރާއްޖޭގައި މި އޮތް މިނިވަން ނޫސްވެރިކަމަށް އަންނާނެ ވަރަށް ބޮޑު ރެޑް ފްލެގެއް."
ނާއިފު ގޮވައިލެއްވީ ސަރުކާރުން ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އާ ބިލެއް ގެނައުމަށެވެ.
މީޑީއާ ކައުންސިލްގެ ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު މޫސާ ރަޝީދު ވިދާޅުވީ ގާތްގަނޑަކަށް 70 ސަފުހާގެ ބިލުގައި މުޅިން ވެސް ހުރީ ގޯސް ކަންކަން ކަމަށެވެ. ބިލު ބަލައިގަނެ އިސްލާހުތައް ގެންނަން މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް ބޭނުންވޭ، މިހާރު އޮތް ރެގިއުލޭޓަރީ ނިޒާމަށް ހައްލެއް ލިބޭނެ ގާނޫނީ އޮނިގަނޑެއް. އެކަމަކު މިހާރު ހުށަހެޅިފައި އޮތް ބިލަކުން ނުލިބޭ އެެއްވެސް ހައްލެއް. އިތުރަށް ކަންކަން ގޯސްވާ ގޮތަށް އޮތީ،" މޫސަ ވިދާޅުވި އެވެ.
'ދަ މިރާ'ގެ އެޑިޓަރު ޝިފްޒާން އަހުމަދު ރަޝީދު ވެސް ވިދާޅުވީ ގާނޫނުއަސާސީން ނޫސްވެރިކަމުގެ ހައްގު ކަށަވަރުކޮށްދީފައި އޮންނަ އިރު، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެެއްވެސް ހައްގެެއް ހަނިކުރެވޭނީ މިނިވަން އެހެން ޑިމޮކްރެސީތަކުގައި ވެސް ހަނިކޮށްފައި އޮންނަ ވަރަށް ކަމަށެވެ.
"ޑިމޮކްރެޓިކް އުސޫލުތަައް ގެންގުޅޭ ގިނަ ގައުމުތަކުގައި މީޑިއާތައް ރެގިއުލޭޓު ކުރުމަށް ގެންގުޅޭ އުސޫލުތަކާ ވެސް ހިލާފަށް އޮތް ބިލެއް،" ޝިފްޒާން ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އައްޒަ މުހައްމަދު ވިދާޅުވީ މިފަދަ ބިލެއްގެ ސަބަބުން އޭގެ އަސަރުކުރާނީ ހަމައެކަނި ނޫސްވެރިންނަށް ނޫން ކަމަށެވެ.
މައުލޫމާތު ލިބުން ފަދަ މަދަނީ އަދި ސިޔާސީ ހައްގުތައް އާންމުންނަށް ކަށަވަރުކުރުމުގައި އެންމެ މުހިންމު ދައުރެއް އޮންނަނީ ނޫސްވެރިންނަށް ކަމަށްވާތީ، މިނިވަން ނޫސްވެރިކަމަށް އެއްވެސް ހުރަހެއް އެޅޭނެ މިފަދަ ބިލެއް މަޖިލީހަށް ބަލައިގަނެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފަހުން މީޑިއާތައް ސަރުކާރުން ކޮންޓްރޯލް ކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ ސިޔާސަތަކީ އެއީ ނަމަ، އެއްވެސް ހާލަތެއްގައި ބިލު ތަޅުމަށް ބަލައިގަނެގެން ނުވާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގެ ބައިވެރިން ވިދާޅުވި އެވެ.
ކޮމެންޓް