ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މިއީ ރާއްޖޭގެ އެންެމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޗަމްޕާ ދެބެންނާ އެކު: ހުޝާމަދު ނުކޮށް، ކަން އޮތް ގޮތަށް
މުހިންމު ނުކުތާތައް
ޗަމްޕާ އަފީފް ގޮވާލެެއްވީ ސަރުކާރަށް ލިބެން ހުރި އެކަމަކު ނުލިވާ ފައިސާ ހޯދުމަށާއި ނުހެދި ހުރި ރަށްތައް ނިންމައި މާކެޓަށް ނެރުމަށް
ލިބޭ އާމްދަނީއެއް ވިއްޔާ އަލުން އިންވެސްޓްކޮށް ޓޫރިޒަމް ފުޅާކުރަން އަބަދުވެސް މަސައްކަތްކުރައްވާ
ހުދު ގަމީހެއްގައި ސޯޓުބުރިއެއް ލައްވައިގެން އިންނެވިޔަސް ހަގީގަތުގައި 'އަޅުގަނޑު މިހުރީ ދަރާފައި' ކަމަށް މުހައްމަދު މޫސާ ވިދާޅުވި
"ކަލް ކިޔާ ހޯ ކިސްނޭ ޖާނާ؟"
ފަތުރުވެރިކަމުގެ ސަރަހައްދީ ޝަރަފުވެރި އެވޯޑެއް ހިއްޕަވައިގެން ހުންނެވި އިރު މުސްތަގްބަލާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލުކުރުމުން މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ މިހެންނެވެ.
އެއީ ކިޝޯރު ކުމާރުގެ މަޝްހޫރު ހިންދީ ލަވަ 'ޒިންދަގީ އެކް ސަފަރު އެކު ސުހާނާ'ގެ ޅެމުން ތަންކޮޅެކެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށުމުގެ އެއް އަހަރު ކުރިން ނުކުތް ލަވަޔަކުން މުހައްމަދު މޫސާ އެ ވިދާޅުވީ ކަން އޮތް ގޮތެވެ. ފަތުރުވެރިކަމުގައި ވިޔަސް އެހެން ކަމެއްގައި ވިޔަސް މާދަމާ ވާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟
އަމިއްލަ ރިސޯޓް މީރު މޯލްޑިވްސްގެ 'ކަކުނި ބާ'ގެ ހިތްފަސޭހަ ޑެކު މަތީގައި އިންނަވައިގެން ކިތަންމެ އިރެއް ވަންދެން ވާހަކަދައްކަން ވެސް މުހައްމަދު މޫސާ ހުންނެވީ ތައްޔާރަށެވެ. ކަނުލާ އަޑުއައްސަވަން އެކަމަކު ވަރަށް ބަސްމަދުކޮށް ޖެހިގެން އިންނެވީ ކޮއްކޮ، ހުސައިން އަފީފު (ޗަމްޕާ އަފީފު) އެވެ. ނަމަވެސް ނޫސްވެރިންނަށް ލިބުނީ 10 ވަރަކަށް މިނެޓެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ވެސް ލައްކަ ވާހަކަ ވިދާޅުވި އެވެ.
ނޫސްވެރިންގެ ކުރިމަތީގައި ދެ ބޭފުޅުން ތިއްބެވީ އިއްޔެ ލިބިވަޑައިގެންނެވި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑް އެރުވުމުގެ ހަފުލާއަށް ފަހު އެވެ.
ފަތުރުވެރިކަމާ ނުލައި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ އާއި ކްރައުން ގުރޫޕުގެ ޗެއާމަން އަފީފުގެ ވާހަކަ ފުރިހަމައެއް ނުވާނެ އެވެ. ހަމަ އެ ގޮތަށް އެ ދެ ބޭފުޅުންނާ ނުލައި ދިވެހި ފަތުރުވެރިކަމުގެ ވާހަކަ ވެސް ފުރިހަމައެއް ނުވެ އެވެ. މިއީ މިކަމުގެ ބާނީންގެ ގޮތުގައި ބަލާ ވަރުގަދަ ޝަހުސިއްޔަތުތަކުގެ ތެރެއިން ދެ ބޭފުޅުންނެވެ. އެހެންވެ މުސްތަގުބަލު އޮތް ގޮތް ނޭނގުނަސް، ފަތުރުވެރިކަމުގެ ސިނާއަތް ބޮޑު ބަދަލެއްގެ ތުންފަތްމަތީގައި އޮތްއިރު މި ދެ ބޭފުޅުންގެ ހިޔާލު ހުރި ގޮތް ބަލައިލުން މުހިންމުވެ އެވެ.
އަންނަން އުޅޭ ބަދަލުތައް ކުރުކޮށް
ސަރުކާރުން އުޅެނީ ޖެނުއަރީ 2025އިން ފެށިގެން ރިސޯޓުތަކާއި ސިޓީ ހޮޓާ އަދި 50އަށް ވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓުހައުސްތަކުން ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރާށެވެ. އޭގެ ފަހުން ޖޫން 2025އިން ފެށިގެން ޓީޖީއެސްޓީ %17 ބޮޑުކުރާނެ އެވެ.
އޭގެ ކުރިން ނިންމި އަދި އެހެން ކަމެއް އެބަ އޮތެވެ. ޑޮލަރުގެ ދަތިކަން އިތުރުވެ ރާއްޖޭގެ ރަސްމީ ރިޒާވަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ ހައްލެއްގެ ގޮތުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ވަކި ރޭޓުތަކެއް ކަނޑައަޅައިގެން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ވަނީ ގަވާއިދެއް ފާސްކޮށްފަ އެވެ.
ރިސޯޓުތަކަށް ދާ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރެވެ. ގެސްޓުހައުސްއެއް ނަމަ ފަތުރުވެރިއަކަށް 25 ޑޮލަރުގެ މަގުންނެވެ.
'ފަތުރުވެރިކަން ކިޔަވައިގެން ތިބި މީހުންގެ ފަހަތުގައި'
ފަތުރުވެރިކަން އިތުރަށް ވަރުގަދަކުރާނެ ގޮތާ މެދު މުހައްމަދު މޫސާ ވިދާޅުވީ އެކަމަށް ހިޔާލެއް ދެއްވަން "ލާހިކެއް ނޫން" ކަމަށެވެ. ދެއްވި ކުރު ޖަވާބުގައި ވިދާޅުވީ މިހެންނެވެ:
"މީގެ ގާތްގަނޑަކަށް 40 ވަރަކަށް، 30 ވަރަކަށް އަހަރު ކުރި ނަމަ [އަޅުގަނޑުމެންގެ ގައިގައި ހަކަތަ ހުރިއިރު] އަޅުގަނޑުމެންނަށް ތި ހުރިހާ ހިޔާލުތަކެއް ދެވުނީސް. އެހެން ނަމަވެސް މިހާރު ލާހިކެއް ނޫން ތިކަހަލަ އެއްވެސް ހިޔާލެއް ދޭކަށް."
"އަޅުގަނޑުމެން މި ތިބީ ނުކިޔަވާ. މިހާރު ތިއްބެވި ބޭފުޅުން ތިއްބެވީ ކިޔަވައިގެން. އެ ބޭފުޅުންގެ ހިޔާލުތަކަށް އަޅުގަނޑުމެން ތާއީދުކުރާނީ."
ކައިރީގައި އިންނެވި އަފީފުގެ ނަޒަރުގައި ފަތުރުވެރިކަން ވަރުގަދަކުރަން ކުރަންވީ ކަމަކީ ދައުލަތަށް ލިބެން ޖެހޭ އެކަމަކު ނުލިބި ހުރި ފައިސާ ހޯދުމެވެ.
"އަޅުގަނޑަށް ހީވަނީ ކުރަންވީ އެންމެ ބޮޑު ކަމަކީ ދަރާތިބި އެންމެންގެ ލާރި ހޯދުންހެން. އިންޑަސްޓްރީއަށް ނުދައްކާ ހުރި ލާރިތަކާއި ޓެކްސްތައް. ނުހެދި ހުރި ހުރިހާ ރަށްތައް ހަދަންވީ. ހަދައިގެން އެތަނުން ވެސް އާމްދަނީ ލިބޭނެ ގޮތް ހަދަންވީ،" އަފީފު ވިދާޅުވި އެވެ.
ފައިސާއާ ނުލައި ވައުދުތައް ސަތޭކައިން؛ ދެން ގެންނަނީ ބަދަލު
އަފީފުގެ ޖަވާބަށް އެއްޗެއް އިތުރުކުރައްވައި މުހައްމަދު މޫސާ ވިދާޅުވީ އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާގެ އޮތް ސުވާލަކީ އެ ހުރިހާ ފައިސާ ކުއްލިއަކަށް ހޯދާނީ ކިހިނެއްތޯ އެވެ؟
އޭނާ ވިދާޅުވި ގޮތުގައި އެކަން އެ ގޮތަށް އޮތުމަކީ ސަރުކާރަށް ބުރައެކެވެ. އަނެއްކޮޅުން ދެން ހުރީ ސައްތައިން ވެފައި ހުރި ވައުދުތަކެވެ.
"އެތައް ވައުދެއް ހުންނާނެ ކޮންމެ ބަޔަކު ވެސް ވަޑައިގަންނަވާއިރު. ސަތޭކައެއްހާ ވައުދު އޮންނާނެ. ކޮންމެ ގޮތެއްވިޔަސް އޮންނާނީ އިރާދަކުރައްވައިފިއްޔާއޭ ވިދާޅުވެފައި. އެ ހުރިހާ ކަންތައްތަކަކީ ވެސް އަހަރެމެން ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތައް،" މުހައްމަދު މޫސާ ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ޖީބުގައި ލާރިއެއް ނުހުންނާނެ [ވައުދުވާއިރު]. އެ ބޭފުޅުން ޖެހޭނެ ލޯނާ އޭތިމީތި ނަގަން. ލޯނު ނެގިޔަސް އެއްޗެހި ގޮވާނެ. އެކަމަކު ރައްޔިތުންނަށް [ނޭނގި ނަމަވެސް] ބުނެވޭނީ ނަގާށޭ. އެހެންވެގެން ނަގަނީ. އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅީ އެކަން ކުރައްވައިފިއްޔާއޭ."
ބޮޑު ސުވާލު: ބަދަލާ އެކު ދެން ވާނީ ކިހިނެއް؟
އަންނަން އޮތް ބޮޑު ބަދަލާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. ނޭނގެނީ ދެން ވާނެ ގޮތެކެވެ.
ޓެކްސް ބޮޑުކުރުމާއި ޑޮލަރު މާރުކުރަންޖެހޭ ގަވާއިދާ ބެހޭގޮތުން ދެކެވޭ ވާހަކަތައް
މުހައްމަދު މޫސާ ވިދާޅުވި ގޮތުގައި ދެތިން ދުވަސް ނުވަތަ ފަސް ދުވަހަށް ތިން ހަތަރު ކުދިން ގޮވައިގެން ބައެއް ރިސޯޓުތަކަށް ފަތުރުވެރިން އާދެ އެވެ. އެހެންވީމާ ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވިދާނެ ކަމެކެވެ. މައްސަލައަކީ އެއީއެއް ނޫނެވެ. މައްސަލައަކީ ގެސްޓުހައުސްތަކުން މާރުކުރަން ކަނޑައެޅި ރޭޓެވެ. އެއީ ރިސޯޓުތަކަށް ވުރެ ކުޑަކޮށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުންނެވެ. އެހެންކަމުން ރިސޯޓުތަކުގެ ބަދަލުގައި ދެން ގިނަ ފަތުރުވެރިން ދާނީ، އޭނާ ވިދާޅުވި ގޮތުގައި، ގެސްޓުހައުސްތަކަށެވެ.
އެހެން ވާނެ ސަބަބަކީ، އޭނާގެ ނަޒަރުގައި، ގެސްޓުހައުސްއެއް ވިޔަސް ރިސޯޓެއް ވިޔަސް، ފަތުރުވެރިޔާއަށް އެ އާދެވެނީ ރާއްޖެއަށް ވުމެވެ. ހިދުމަތުގެ ފެންވަރުގައި ފަރަގެއް ހުރި ނަމަވެސް، ހަމަ މި ދޮންވެލި ގޮނޑުދޮށާއި ނޫ ވިލުތަކާއި މޫދު ކުޅިވަރުތަކާއި ބައެއް އެހެން ކަންކަން ރިސޯޓުތަކަށް ނުގޮސް، ގެސްޓުހައުސްތަކަށް ގޮސްގެން ވެސް ތަޖުރިބާ ކުރެވޭނެ އެވެ.
"އަނެއްކާ އެ ތަނުން [ގެސްޓުހައުސްތަކުން] ގެސްޓަކަށް މި ނަގަނީ، ގްރީން ޓެކުހަށް ވެސް ތިން ޑޮލަރު. ހަމަ ގެސްޓެއް މި އަންނަނީ. އަނެއް ތަނަށް ވެސް ހަމަ ގެސްޓެއް، އެއް ގައުމަކަށް [މި އަންނަނީ]،" އޭނާ ވިދާޅުވި އެވެ.
ގެސްޓުހައުސްތަކަށް އޮތް ލުޔާ މެދު މުހައްމަދު މޫސާ ފާހަގަކުރެއްވި އަނެއް ކަންބޮޑުވުމަކީ ބައެއް ތަންތަން ހިންގުން ރިސޯޓުތަކެކޭ ވެސް އެއްފަދައިން ބޭރު ވިޔަފާރިވެރިންގެ އަތުގައި އޮތުމެވެ.
"ކުރީގެ ސަރުކާރަކުން ވިދާޅުވި ގެސްޓުހައުސްތައް ކުއްޔަށް ދެވިދާނޭ. އެހެންވެ ގިނައިން މިހާރު އެ ތިބީ، ގާތްގަނޑަކަށް %70–80 ބޭރު މީހުން. އެ ތަންތަން ހިންގަން ތިބި ދިވެހިން އެ ތަންތަން ކުއްޔަށް ދީފައި ލަންކާ އާއި އެކި ތަންތަނުގައި އަރާމުގައި ދިރިއުޅެމުން އެ ދަނީ،" ކަންބޮޑުވުން ހިއްސާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ސިނާއަތަށް އަންނަ ބަދަލުތަކާ އެކު މުހައްމަދު މޫސާ ލަފާކުރައްވާ ގޮތުން މި ސިނާއަތް ވަރަށް ބޮޑަށް ގެސްޓުހައުސްތަކަށް ފުރޮޅޭނެ އެވެ. މިހާރު ވެސް އެ ބަދަލު ފެންނަމުން ދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުރިން އެ ބޭފުޅުންގެ ރިސޯޓުތަކަށް ޗައިނާގެ ސަރަހައްދަކުން އައި ފަތުރުވެރިން ވެސް މިހާރު ދަނީ ގެސްޓުހައުސްތަކަށް ކަމަށެވެ. ސަބަބަކީ އެ މީހުންނަށް 'ހިލޭ' ވާ މިންވަރަށް އަގުހެޔޮވުމެވެ.
"އެހެންވީމާ އަޅުގަނޑަށް ހީވަނީ ތަންކޮޅެއް އާމްދަނީ ކުޑަވެދާނެހެން،" މުހައްމަދު މޫސާ ވިދާޅުވި އެވެ.
ދައްޗެއް ނެތް؛ ސަރުކާރަކުން އޮބިނޯންނަވަރެއް ނުކުރާނެ
ކަންބޮޑުވުންތަކަށް ފަހު އޭނާ ވިދާޅުވީ "ސަރުކާރުން އެ ވިސްނަވަނީ އެންމެ ރަނގަޅަށް"ހެން ހީކުރައްވާ ކަމަށެވެ. އަމިއްލައަށް އިންވެސްޓުކުރާ ގޮތާއި ވިޔަފާރި ފުޅާކުރަން އެ ފައިސާ ދައުރުކުރާ ގޮތް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރިސޯޓުތައް މި ހަދަނީ. އަޅުގަނޑުމެން އަތުގައި ލާރި ހުރެގެނެއް ނޫން. އަޅުގަނޑު [މިހިރީ] މުޅިން ދަރަނިވެރިވެފައި، ހުދު ގަމީސް ލާފައި ސޯޓުބުރިއެއް ލައިގެން އިނަސް. ބޭންކް އޮފް މޯލްޑިވްސް، އެޗްއެސްބީސީ ތަންތަން ބަލައިލީމާ އެނގޭނެ،" އޭނާ ވިދާޅުވި އެވެ.
"އެހެން ދަރަނި ނަގައިގެން ރަށެއް ހަދާފައި ލިބޭ އެއްޗަކުން އަނެއް ރަށް ހަދާފައި، ހަމަ އިންވެސްޓްކުރީ ރާއްޖެއަށް. އެހެން ގޮސް ބޭންކަށް ޖަމާކުރަނީ."
އަމިއްލަ ފައިސާ ރާއްޖޭގައި ދައުރުކޮށްގެން އިތުރު ރިސޯޓެއް ހެދޭތޯ ބެއްލެވި ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި، އެއީ ބޭރުގެ އިންވެސްޓަރުން އަމަލުކުރާނެ ގޮތެއް ނޫނެވެ. އެ މީހުން ރިސޯޓު ހަދަނީ ބޭރުން ފައިސާ ގެނެސް، އަދި 15 މިލިއަނަށް 20 މިލިއަނަށް ފަޅު ގަނެގެންނެވެ. އެހެންކަމުން ދައްކަން ޖެހޭ ޓެކުހެއް ދެއްކުމަށް ފަހު އިންވެސްޓުކުރި ފައިސާ ބޭރަށް ވެސް ގެންދާނެ އެވެ. އެ މީހުން ރާއްޖެއަށް އިންވެސްޓުކުރިއިރު ކަން ހުރި ގޮތާއި މިހާރު ކަންހުރި ގޮތް ބަދަލުވުމަކީ އޭނާ ވިދާޅުވި ގޮތުގައި އުނދަގޫވާނެ ސަބަބެކެވެ.
"ފަހަރެއްގައި އެ މީހުންނަށް ތަންކޮޅެއް އުނދަގޫވެދާނެ ކަންނޭނގެ. އަޅުގަނޑުމެން ދިވެހިންނަކަށް ނޫން، އަޅުގަނޑުމެން ހަމަ ރާއްޖޭގައި ގެންގުޅެނީ ހުރިހާ ލާރިއެއް... އަޅުގަނޑުމެންނަކަށް ހަމަ އެއްވެސް ކަހަލަ ދައްޗެއް ނެތް. ސަރުކާރަކުން ނުނަންގަވާނެ އަޅުގަނޑުމެންނަށް އޮބިނޯންނަ ވަރަކަށް،" އޭނާ ވިދާޅުވި އެވެ.
މި ވާހަކަ ދެއްކީމާ ގޮވަނީ އެއްޗެހި؛ ހުޝާމަދު ކުރުމަށް ވުރެ ރަނގަޅީ އެ ގޮތް
ޓޫރިޒަމުން ލިބިވަޑައިގަންނަވާ އާމްދަނީ އަނެއްކާވެސް ރާއްޖެއަށް އިންވެސްޓުކުރައްވާކަން ތަކުރާރުކުރައްވައި، މުހައްމަދު މޫސާ ވިދާޅުވީ ބޭރުން ލޯނު ނަންގަވާފައި ހުއްޓަސް އެ ހުރިހާ މައުލޫމާތަކާއި ބޭރަށް ފައިސާ ފޮނުވާ އަދަދާއި ލޯނުތަކުގެ ހުރިހާ މައުލޫމާތެއް ދިވެހި ބޭންކުތަކަށް އެނގޭނެ ކަމަށެވެ.
"އެކަމަކު ބައެއް ބޭފުޅުން ހިތްހަމަނުޖެހިގެން ފެމުނު މިޔަރަށް ގޮވާ، މަހުޖަނުންނަށް ގޮވާ، ވަރަށް އެއްޗެހި ގޮވާނެ ރިސޯޓު އޯނަރުންނާ ދިމާލަށް،" އޭނާ ވިދާޅުވި އެވެ.
"އެކަހަލަ އެއްޗެހި ގޮވުމަކީ އަޅުގަނޑު އުފާވާ ކަމެއް. އެއީ މާ ބޮޑަށް އަޅުގަނޑަށް ހައްގު ސަނާ ކިޔާ ތައުރީފުކުރަން ފެށީމާ އަޅުގަނޑަށް [އަޅުގަނޑު] އޮޅިދާނެ. އެއީ ވެރިންނަށް ވެސް ވާ ގޮތަކީ. އެ ބޭފުޅުން ހާދަ މޮޅުފުޅު، ދޮންފުޅު ކިޔަން ފަށައިފިއްޔާ ވެރިންނަށް ވެސް އޮޅޭ. ހުޝާމަދު ކުރަން ފަށައިފިއްޔާ."
"އެހެންވީމާ އަޅުގަނޑަށް ރަނގަޅީ ގިނައިން އެއްޗެހި ކީމާ."
ކޮމެންޓް (6)
ކޮސް
ހިލޭރިއަސް
ައަލިބެ
ޙަސަން
ހިމާރުލްގައުމު
އޯނަރ އެއް