އއ. އުކުޅަހުގައި ދެ ފަތުރުވެރިއަކު ހިނގާފައި ދަނީ
ޓީޖީއެސްޓީ %17އަށް ބޮޑުކޮށް ގްރީން ޓެކްސް ދެެގުނަ ކުރަނީ
ޓޫރިސްޓުން އަތުން ނަގާ ޓީޖީއެސްޓީ %17އަށް ބޮޑުކޮށް، ގްރީން ޓެކްސް ދެ ގުނަ ކުރަން ސަރުކާރުން ރައްޔިތުން މަޖިލީހަށް މާދަމާ އިސްލާހު ހުށަހަޅަން ނިންމައިފި އެވެ.
ތަފްސީލް - ޗުއްޓީއަށް ފަހު މާދަމާ ފަށާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުން ފަރާތުން ހުށަހަޅަން ތައްޔާރުކޮށްފައިވާ ޓެކްސް ގާނޫނުގެ އިސްލާހުތަކުގައިވާ ގޮތުގައި:
-
ޓީޖީއެސްޓީ ބޮޑުކުރަނީ %16 އިން %17އަށް
-
އެ ބަދަލު ގެންނަނީ އަންނަ އަހަރުގެ ޖޫން 1 އިން ފެށިގެން
ގްރީން ޓެކްސް ބޮޑުކުރަން ނިންމާފައިވަނީ:
-
ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
-
ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުކުރުން
-
ގްރީން ޓެކްސް ބޮޑުކުރަން ހުށަހަޅަނީ ޖެނުއަރީ 1އިން ފެށިގެން
މީގެ އިތުރަށް، ދެ އަހަރުގެ ކުޑަކުދިންގެ އަތުން މިހާރު ގްރީން ޓެކްސް ނެގި ނަމަވެސް އެ އުމުރުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ހުއްޓާލަން ވެސް ގާނޫނަށް ހުށަހަޅާ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
ބުނީ ކީކޭ؟ - ޓޫރިޒަމާ ގުޅޭ ޓެކްސްތައް ބޮޑުކުރަން ގާނޫނަށް ބަދަލު ގެންނަ ސަބަބެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާ ބިލްގައި ސަރުކާރުން ބުނެފައި ވަނީ ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމެވެ. އަދި ހީނަރުވެފައިވާ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަކީ ވެސް އަމާޒެއް ކަމަށް ބުނެފައިވެ އެވެ.
އެނގުން މުހިންމު - އެންމެ ފަހުން ޓީޖީއެސްޓީ ރޭޓް ބޮޑުކޮށްފައި ވަނީ 1 ޖެނުއަރީ 2023 އިން ފެށިގެންނެވެ. ރޭޓް އޭރު ބޮޑުކުރި އިރު ހުރީ %12ގަ އެވެ.