ދަައުލަތުގެ ޓެކްސް އިދާރާ މީރާއިން މީހަކު ހިދުމަތް ހޯދަނީ: ޓެކްސްތައް ބޮޑުކުރުމުން 3 ބިލިއަން ރުފިޔާއާ ކައިރި ކުރާ ވަރަށް އިތުރު އާމްދަނީ ލިބޭނެ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޓެކްސް

ޓެކްސްތައް ބޮޑުކުރުމުން 3 ބިލިއަނެއްހާ ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފި

ޓީޖީއެސްޓީ ހިމެނޭ ގޮތުން ޓޫރިޒަމާ ގުޅުންހުރި ތިން ޓެކްސް ބޮޑުކުރުމުން އިތުރުވާ އާމްދަނީ ލިބެން ފަށާނީ އަންނަ އަހަރުން ފެށިގެން
14 އޮކްޓޯބަރު 2024
3

ޓީޖީއެސްޓީ ހިމެނޭ ގޮތުން ޓޫރިޒަމާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅާ ބިލްތައް ފާސްވެ އަމަލުކުރަން ފެށުމުން ސަރުކާރަށް އާމްދަނީގެ ގޮތުގައި އިތުރަށް 2.8 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކޮށްފި އެވެ. 

ވީ ކިހިނެއް؟ - މިއަދު ރައްޔިތުންގެ މަޖިލިސް އަލުން ފަށާއިރު ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ: 

  • ޓީޖީއެސްޓީ: %16 އިން %17އަށް ބޮޑުކުރަން

  • ގެސްޓްހައުސްތަކުން ގްރީންޓެކްސް: 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރަން

  • ރިސޯޓްތަކާއި ސިޓީ ހޮޓާތަކުން: 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރަން 

އެއާޕޯޓް ޓެކްސްތައް ބޮޑުކުރަން ހުށަހަޅާފައިވާ ގޮތަކީ: 

  • އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން 

  • އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ އަތުން ނަގާ ފީ ބޮޑެއް ނުކުރާނެ 

  • ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން 

  • ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން 

  • ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން 

ތަފްސީލް - މާލީ ވުޒާރާއިން ފޯރުކޮށްދިން މައުލޫމާތުތަކުގައި ބުނެފައިވަނީ އަލަށް ބޮޑުކުރާ ޓެކްސްތަކާ އެކު ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ %3އާ އެއްވަރުގެ އިތުރު އާމްދަނީއެއް އަންނަ އަހަރުން ފެށިގެން ދައުލަތަށް ލިބެން ފަށާނެ ކަމަށެވެ. އެގޮތުން: 

  • ޑިސެމްބަރު 1 އިން އެއާޕޯޓް ޓެކްސްތައް ބޮޑުކޮށްގެން 1.6 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ

  • ޖެނުއަރީ 1 އިން ފެށިގެން ގްރީން ޓެކްސް ބޮޑުކުރުމުން 963.6 މިލިއަން ރުފިޔާ ލިބޭނެ

  • ޖޫން 1 އިން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރުމުން 201.9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ

މިއީ ޖުމްލަ 2.8 ބިލިއަން ރުފިޔާގެ އިތުރު އާމްދަނީއެކެވެ. ބޮޑު ކުރާ ޓެކްސްތަކުން އިތުރު އާމްދަނީ ލިބެން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ. 

އެނގުން މުހިންމު - ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ހަތް މަސް ދުވަސް ތެރޭ ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި 19.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. 

ކޮމެންޓް (3)

ހެހެހެހެ

14 އޮކްޓޯބަރު 2024
ހާހެއް ނުވެއޭވެސް ބުނި. ފައިސާ ލިބޭނެ ކަމަށް ގްރީން ލައިޓް އޭ ވެސް ކީ. ބަންކަރުން އެތައް ލައްކަ ޑޮލަރެއް ވަންނާނެއޭ ވެސް ކިޔާ. އެހެންވީމަ މިޤައުމު މިހާރު ތަރައްޤީވެފައި މިއޮތީ. އެމް.އެމް.އޭ ހިސާބުތައް އޮޅިފައި ހެން ހީވަނީ.
1 0

މުއުމިން

14 އޮކްޓޯބަރު 2024
މިއުޅެނީ ދައްކަން ޖެހޭ ޓެކްސް މަދުވެގެނެއް ނޫން. ތި ޓެކްސް ދައްކާ ބައެއް ނޫޅޭ. ކިތަން ގާނޫނެއް ގަވާއީދެއް ހެދިޔަސް އެންފޯސް ނުކުރެވެންޏާ ތީގެ ބޭނުމެއް ނެތް. މިހާރު މިތަން މިދަނީ ލޯލެސް ތަނަކަށް ވެފަ.
1 0

ބޮޱުކުރިވަރަކަށް

14 އޮކްޓޯބަރު 2024
ބޮޱުކުރިވަރަކަށް ގިނަ މީހުން މަހުޖަނުންނަށް ވާނެކަމީ ޝައްކެއްއޮތްކަމެއްނޫން. މިއަދު ސްކޫލް ނިންމާފަ ވަޒީފާއަށް ނިކުންނަ 20 އަހަރުގެ ޒުވާނާވެސް ފުރަތަމަ ކުރާސުވާލަކީ ތިމަންނައަށް މިޱީލުން ލިބޭނީ ކިތައް% ތޯއެވެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް