ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިންތަކެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޓީޖީއެސްޓީ ބޮޑުކޮށްގެން ރައްޔިތުންނަށް އަސަރެއް ނުކުރާނެ: ސަރުކާރު މެންބަރުން
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންނަށް ދަތިނުވާނެހެން ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ އިސްލާހުގައި ވަނީ:
-
ޓީޖީއެސްޓީ %16 އިން %17އަށް ބޮޑުކުރަން
-
އެ ބަދަލު ގެންނަނީ އަންނަ ޖޫން އިން ފެށިގެން
ބުނީ ކީކޭ؟ - އެ އިސްލާހަށް ބަހުސް ކުރައްވަމުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރުމަކީ ރައްޔިތުންނަށް އޭގެ ދައްޗެއް ފޯރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޓެކްސް ނަގަނީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން އެންމެ ބޮޑު ނަފާއެއް ލިބޭ މީހުންގެ ފަރާތުންކަން ފާހަގަކުރައްވައި އައިފާން ވިދާޅުވީ ޓެކްސް ރޭޓު އެންމެ ޕަސެންޓެއް ބޮޑުކުރުމަކުން އެ ވިޔަފާރިތަކަށް ލިބޭ މަންފާ ކުޑަ ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަކުން އެންމެ ބޮޑު މަންފާއެއް ލިބޭ ފަރާތްތަކުގެ އަތުން %1ގެ ޓެކްސްއެއް އިތުރު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޮޑު އަދަދެއް ނޫން. މިއީ އެއްވެސް ހާލެއްގައި ބޮޑު އަދަދެއް ނޫން. ނޫނީ އެއްވެސް ހާލެއްގައި މީގެ ސަބަބުން އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތް ނޫނީ އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަކުން ނަފާ ހޯދަމުންދާ ފަރާތްތަކުގެ އަތުން ލިބޭ މަންފާއެއް ނޫނީ އެ ބޭފުޅުންނަށް ލިބޭ މަންފާއެއް ވެސް މީގެ ސަބަބުންނެއް ކުޑައެއް ވެސް ނުވޭ، ނޫނީ އުނިވެގެން ވެސް ނުދޭ. ދަތިތަކެއް ވެސް ނުވޭ،" އައިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޖީއެސްޓީ ނަގައިގެން ރައްޔިތުންނަށް ދަތިވާ ކަމަށް އިދިކޮޅުން ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. ސަރުކާރުން ކުރާ މަސައްކަތަކީ ގައުމުގައި ހުރި ގުދުރަތީ ވަސީލަތްތަކުން ބޮޑެތި މަންފާ ހޯދާ މީހުންގެ އަތުން އާންމު ރައްޔިތުންނަށް ހައްގުވާ މިންވަރެއް ހޯދުމުގެ މަސައްކަތް ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ މިވަގުތު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންނަށް އެއްވެސް ބުރައެއް ނުޖައްސައި އާމްދަނީ އިތުރު ކުރުމަށް ކަމަށާއި، ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޓޫރިޒަމުން ނަގާ ޓެކްސް އިން އެންމެ %1 އިތުރުކޮށް އާމްދަނީ އިތުރު ކުރުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދިޔަ މިދިޔަ ސަރުކާރުން ވެސް މި ގާނޫނު އިސްލާހުކޮށް ބަދަލުތައް ގެނެވުނު. [ޓެކްސް] ޕަސެންޓު އިތުރުކުރެވިގެންދިޔަ، އާމްދަނީ އިތުރުކުރެވިގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑު ހިތާމަޔާ އެކު ފާހަގަކޮށްލަން ބޭނުން ލިބުނު ހުރިހާ އާމްދަނީ އެއްވެސް ބޭކާރު ގޮތުގައި ހަރަދު ކުރެވިގެން ދިޔައީ."
ޝުޖާއު އިތުރަށް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ނުހެދި ހުރި ރިސޯޓުތައް ވެސް ދެމެހެއްޓެނިވި ގޮތެއްގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
"ފަތުރުވެރިކަމުގެ ދާއިރާ އިން އިތުރަށް އިންވެސްޓު ކުރުމަކީ މިވަގުތަށް އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. ހަމައެކަނި މާކެޓަށް ރިސޯޓުތަކެއް ހުޅުވާލާފައި ހަދާށޭ ބުނީމާ ފައިސާ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ހޯދޭނެ ގޮތެއް މިހާރަކު ނެތް. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އިިވެމުންދަނީ ފަތުރުވެރިކަމުގެ ދާއިރާ މާކެޓު ކުރަން ވެސް ފައިސާ ބޭނުންވާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގައި ފައިސާ ނެތިގެން މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދެވޭ ކަމަށާއި ރައީސްގެ ވިސްނުންފުޅަކީ ރައްޔިތުންގެ ޖީބަށް ބާރުނުވާ ގޮތަށް ދައުލަތުގެ އާމްދަނީ އިތުރު ކުރުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"ޖީއެސްޓީ އިތުރުނުކޮށް ޓީޖީއެސްޓީއަށް އެންމެ ޕަސެންޓެއް އިތުރުކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ދައުލަތުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުގެ އޮތީ،" އޭނާ ވިދާޅުވި އެވެ.
"މި އިސްލާހު ވެގެންދާނީ ޓޫރިޒަމް ދާއިރާ އިން ނެގޭ ޓެކްސްތައް، ތަރުތީބުވެފައިވާ، މަތީ ފެންވަރުގެ ހިދުމަތްތަކަށް ނުވަތަ ބައިނަލްއަގުވާމީ ފަތުރުވެރިންނަށް އަސަރު ކުރާ މުހިއްމު އަސާސްތަކެއް ކަމުގައި ގަބޫލުކުރަން،" ޝުޖާއު ވިދާޅުވި އެވެ.
ގާނޫނަށް އިސްލާހު ހުށަހެޅީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް އިތުރު ކުރުމަށް ކަމަށާއި އޭގެ ފައިދާ އަކީ އާމްދަނީ ހޯދައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވައި ތިމާވެށި ހިމާޔަތްކުރުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ގައުމުގައި ހުރި ކަންތައް ރީސްޓްރަކްޗާކޮށް ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ.
"މި އިސްލާހުގެ އަމާޒަކީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ވޯކްފޯސް އަލުން ތަމްރީނު ކުރުމާއި ޒިޔާރަތްކުރާ ފަތުރުވެރިން އަލުން އަނބުރާ ރާއްޖެ އަށް އައުމަށް ޝައުގުވެރިކަން އިތުރު ކުރުން،" އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި - ޓީޖީއެސްޓީ %17އަށް ބޮޑުކުރުމުގެ އިތުރުން ގްރީން ޓެކްސް ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ.
ގްރީން ޓެކްސް ބޮޑުކުރަން ނިންމާފައިވަނީ:
-
ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
-
ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުކުރުން
-
ގްރީން ޓެކްސް ބޮޑުކުރަން ހުށަހަޅަނީ އަންނަ ޖެނުއަރީން ފެށިގެން