ޑޮލަރުގެ 'އަޅުވެތިކަން' ނައްތާލުމުގެ އުނދަގޫ ދަތުރުގެ ފެށުން
މުހިންމު ނުކުތާތައް
އެމްއެމްއޭއިން ގަބޫލުކުރަނީ އާ ފިޔަވަޅުތަކާ އެކު ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު މަތިވާނެ ކަމަށް
ޓޫރިޒަމްގެ މުޅި އާމްދަނީ ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމާ މެދު އިންޑަސްޓްރީގައި އޮތީ ހިތްހަމަނުޖެހުން
މިއީ އެއްވެސް މީހަކަށް 'އެންމެ ޕާފެކްޓް ޖަވާބު' ދެވޭނެ ހާލަތެއް ނޫން
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން އެމްޑީޕީގެ ސަރުކާރުން ވެސް އޮތީ ކަރުދާހަށް ކަންކަން ތިލަކޮށްފަ އެވެ. ނަމަވެސް އަމަލީ ގޮތުން ކަމެއް ނުކުރެވުނެވެ. ޑޮލަރުގެ ހާލަތު ދަށްވެ ރަސްމީ ރިޒާވް ވެސް 'ހުސްވާ' ހިސާބަށް މި ދިއައީ މިހާރުގެ ސަރުކާރުގެ ވެރިކަން ހަމަ ފެށުނު ތަނާ އެވެ. އެހެންވެ ލޯ ހުޅުވައިގެންނާއި ލޯ މަރާލައިގެން ނަމަވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރެވެ. އެންމެ ފަހުން މި އޮތީ އެކަމަށް ފައި ނަގައިފަ އެވެ.
ހިޔާލުތައް ތަފާތެވެ. އާންމު މީހާއަށް ވިސްނެނީ ޓޫރިޒަމްގެ މަހުޖަހުން 'ފެލައިގެން' ވިޔަސް ޑޮލަރުގެ ކަޅު ބާޒާރުގެ ނުފޫޒު ކަނޑުވާލަން ޖެހޭނެ ކަމަށެވެ. އިގުތިސާދީ މާހިރުން ގަބޫލުކުރަނީ ސަރުކާރުގެ ބައެއް ފިޔަވަޅުތައް ރަނގަޅު ކަމަށާއި އަނެއް ބައި ފިޔަވަޅުތައް، އިގުތިސާދުގެ ހަގީގަތްތަކާ ދުރު ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ ބައެއް ފިޔަވަޅުތައް ވަރަށް ރަނގަޅު ކަމަށް،" ކުރީ ސަރުކާރުގެ މާލީ ކަންކަމުގައި އިސް ދައުރެއް އަދާކުރެއްވި އެކަމަކު މިވަގުތު ނަން ޖަހައިގެން ވާހަކަ ދައްކަވަން އުޒުރު ދެއްކެވި އިގުތިސާދީ ތަޖުރިބާކާރަކު 'ދައުރު'އަށް ވިދާޅުވި އެވެ.
"މިސާލަކަށް ރިސޯޓަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން 500 ޑޮލަރު މާރުކުރުން. އެއީ ފަސޭހައިން ބެލޭނެ ކަމެއް. ތަންފީޒުކުރަން ވެސް ފަސޭހަވާނެ."
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި ހިޔާލު ތަފާތުވުމަކަށް އޮންނާނީ 500 ޑޮލަރު ބޮޑުތޯ ނުވަތަ ނޫންތޯ އެވެ. އެއީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ހައްލުކުރެވިދާނެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން ނިންމާފައި އޮތީ ދެ ވަނަ ދައުރެއް ލިބުނު ނަމަ ރިސޯޓްތަކުގައި ޓޫރިސްޓުން ހޭދަކުރާ ފައިސާގެ ވަކި ޕަސެންޓެއް ނަގާށެވެ. އެކަމަކު ކުރިން ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވީ ވަކި ޕަސެންޓެއް ނަގާ ނަމަ އެކަން ތަންފީޒުކުރަން އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ބޮލަކަށް ސީދާ ވަކި އަދަދެއް ކަނޑައެޅުމުން އެކަން ކުރަން މާ ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
ޑޮލަރުގެ ކަޅު ބާޒާރު އުފެދިފައި ވަނީ ރާއްޖޭގެ އެކި ކަންކަމަށް ބޭނުންވާ ވަރަށް 'ހަމަ އަގުގައި' ޑޮލަރު ގަންނަން ނުލިބޭތީ އެވެ. ކަޅު ބާޒާރުގެ އަގުގައި ކިިތައްމެ ގިނައެއްކޮށް ވެސް ޑޮލަރު ލިބެ އެވެ. އެހެންކަމުން ކަޅު ބާޒާރަށް ޑޮލަރު ވައްދާ މީހުންގެ އަތުގައި ޑޮލަރު އެބަ ހުރިކަން އެނގެ އެވެ.
ޑޮލަރު މައްސަލައިގެ ކަވަރޭޖް
ކަޅު ބާޒާރު ނައްތާލެވޭނީ، އިގުތިސާދީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބޭންކިން ނިޒާމުން ހަމަ އަގުގައި ޑޮލަރު ލިބޭނެ ގޮތެއް ވެގެންނެވެ. އެކަމަކު މިއީ ރާއްޖޭގައި މިހާތަނަށް ވީ ކަމެއް ނޫނެވެ. ރާއްޖެއަށް މުދާ އެތެރެކުރާ މީހުން އަބަދުވެސް އުޅެން ޖެހެނީ ބޭންކުން ބޭރުގަ އެވެ.
"ކޮންމެ ބަޔަކު ވެސް ކުޑަ ގުރުބާނީއެއް އެބަ ވާން ޖެހޭ،" މިއީ ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ތަޖުރިބާކާރެއްގެ ވިސްނުމެވެ.
އެ ބަހުގެ މާނައަކީ މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު، ޑޮލަރު ގެންގުޅޭ ވިޔަފާރިވެރިން ވެސް އެމީހުންގެ ފައިދާއިން ގައުމަށް އެއްޗެއް ގުރުބާންކުރުމެވެ. ކަޅު ބާޒާރުން ލިބޭ ފައިދާއަށް ވުރެ މުޅި މައްސަލަ ހަމަޔަކަށް އަޅުވަން އެހީތެރިވެދިނުމެވެ.
ރަސްމީ ނިޒާމުގެ ތެރެއަށް ވައްދާ ޑޮލަރުގެ މިންވަރު ގިނަކުރަން ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން އަޅާއިރު އަނެއްކޮޅުން ސަރުކާރުން ވެސް ބައެއް ކަންކަން ގުރުބާންކުރަން ޖެހޭ ކަމަށް، އިގުތިސާދީ ބައެއް ތަޖުރިބާކާރުން ދެކެ އެވެ. އެ ގުރުބާނީ އަންނާނީ މިހާރު ކުރާ ހަރަދުތައް ކުޑަކޮށްގެންނެވެ. އޭގެ ތެރޭގައި ސިޔާސީ ވަޒީފާތަކަށް ކުރާ ހަރަދާއި ސަރުކާރުގެ ކުންފުނިތަކަށް ސަރުކާރުން ދޭ މާލީ އެހީތެރިކަން ވެސް ހިމެނެ އެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) މި ފަހުން 'ދައުރު'ގެ 'މޫސާ ލަތީފް' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޔާސީ މީހުންނަށް 'އިތުރަށް މަހަކު 100 މިލިއަން ރުފިޔާ މިހާރު ވެސް ހޭދަކުރާ' ކަމަށެވެ.
'މި އަހަރު ނިމޭއިރު ސިޔާސީ މުވައްޒަފުންނަށް އިތުރަށް ކުރަން ޖެހޭ އަދަދު 1 ބިލިއަނުގައި އުޅޭނީ،" ޒިޔާދު ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަދި ޕީޕީއެމްގެ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ހަމައެކަނި މަނިޓަރީ ޕޮލިސީއެއް ދަމަހައްޓައިގެން ޑޮލަރުގެ މައްސަލަ އެއްކޮށް ހައްލުނުވާނެ ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ ހޭދަ ވެސް ކުޑަވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި މަނިޓަރީ ޕޮލިސީ، ފޮރިން އެކްސްޗޭންޖަށް އަޅުގަނޑުމެން މިކުރާ ކަމަކުން ބަދަލުތަކެއް އެއްކޮށް ނާންނާނެ. ފިސްކަލް ސިޔާސަތުތަކަށް ސަރުކާރުން ރާވާފައި ހުރި ކަންތައް، ހާއްސަކޮށް ސަބްސިޑީ ޓާގެޓް ކުރުމާއި އާސަންދަ ރިފޯމާއި ސަރުކާރު ކުންފުނިތަކަށް ގެނެވޭ ރިފޯމާއި ސަރުކާރުގެ ހަރަދު ވެސް ލިބޭ އާމްދަނީއާ އެއްވަރަށް ހިފެހެއްޓުމާ އަދި ދަރަނި ވެސް ސަސްޓެއިނެބަލްކޮށް ހިފެހެއްޓުމަކީ މި މައްސަލަ ޖުމްލަކޮށް ހައްލުވެގެންދާނެ ކަމެއް،" ޑޮލަރާ ގުޅޭ ގަވާއިދަށް އެމްއެމްއޭއިން ގެނައި އިސްލާހުތަކަށް ފަހު ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވަނީ އާ ފިޔަވަޅުތަކާ އެކު ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު މައްޗަށް ދާނެ ކަމަށެެވެ.
ޓޫރިޒަމްގެ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކަކަށް؟
އިގުތިސާދީ ބައެއް ވިސްނުންތެރިންގެ ނަޒަރުގައި ވެސް މިއީ ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ރީތިކަން ވިއްކައިގެން ލިބޭ އާމްދަނީގެ ބޮޑު ބައެއް ރާއްޖެއަށް ނުވަދެ، ބޭރުގެ ބޭންކްތަކުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
ރާއްޖޭގެ އިގުތިސާދީ މައްސަލަތަކާ މެދު ލިއުއްވާ އަދި ޕްރޮގްރާމްތައް ހުށައަޅުއްވާ އިބްރާހިމް އާތިފް ޝުކޫރު ވިދާޅުވީ އެމްއެމްއޭއިން މިހާރު އެ ކުރިއަށް ދަނީ އަސްލު 'ހިނގަން ޖެހޭ މަގުން' ކަމަށެވެ. އެހެންވެ ޓޫރިޒަމްގެ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ޖެހޭ ޖެހުމަށް އޭނާ ތާއީދުކުރައްވަ އެވެ.
"ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެ ގައުމެއްގެ ވެށީގައި އުފައްދާ، އެ ގައުމެއްގެ އިގުތިސާދުގައި ކުރާ ވިޔަފާރިއަކުން ލިބޭ އާމްދަނީ ވައްދަން ޖެހޭނީ އެ ގައުުމުގެ އިގުތިސާދަށް، އެ ގައުމެއްގެ ބޭންކިން ސިސްޓަމަށް،" އާތިފް ވިދާޅުވި އެވެ.
"[މިސާލަކަށް] ސިލޯންގެ ކުންފުނިތަކުން ވެސް ޖެހޭނީ ސިލޯނުގައި އުފައްދާ އެއްޗެހި ސިލޯނުގެ ބޭންކިން ސިސްޓަމަށް ވައްދަން. ދެން ޖެހޭނީ ބޭރުގެ އެހެން ކޮންމެވެސް ތަނެއްގައި ކުންފުންޏެއް އުފައްދައިގެން ބައެއް ގެންގޮސް އެކަހަލަ ގޮތެއް ހަދަން."
ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް މިހާ ގިނަ ދުވަހު އޮތް އޮތުމުގެ ސަބަބަކީ ވެސް ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރިން ލިބޭ އާމްދަނީގެ ބޮޑު ބައެއް ބޭރަށް ދިއުމެވެ. ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު މިހާރު ދަނީ ކުރިއަށް ވުރެ ވެސް މަދުވަމުން ކަމަށް، އެމްއެމްއޭގެ އެންމެ ފަހުގެ ހިސާބުތަކުން އެނގެ އެވެ.
އެކަމަކު ޓޫރިޒަމްގެ ވިޔަފާރީގެ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން މަޖުބޫރުކުރުމާ މެދު އިގުތިސާދީ އަދި މާލީ ބައެއް ތަޖުރިބާކަރުން އެހާ ގަޔައެއް ނުވެ އެވެ. އެއީ އެ އިންޑަސްޓްރީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުން ބޮޑު މައްސަލައެއް ވެސް މެ އެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވީ ރިސޯޓްތައް ހަދަން ނަގާ ބޮޑެތި ލޯނުތައް ބޭރުން ހޯދަނީ ބޭރުގެ ބޭންކްތަކަށް އާމްދަނީ ވައްދަން މަޖުބޫރުކޮށްފައި ކަމަށެވެ.
"މިއީ އޯޕަން މާކެޓެއްގައި ހިންގާ ވިޔަފާރި. އޯޕަން މޭކެޓްގައި ވިޔަފާރިވެރިޔާގެ އިހުތިޔާރަށް ދޫކުރާ ކަންކަން ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ މަޓީގެ ހިތްހަމަނުޖެހުން އިއްޔެ ނެރުނު ކުރު ބަޔާނުން އެނގެ އެވެ. އެ ބަޔާނުގައި ބުނި ގޮތުގައި އެމްއެމްއޭގެ ގަވާއިދުތަކަށް ގެންނަ ބަދަލުތަކުގައި ހިމެނި ކަންކަމާ މެދު މަޓީއަށް އެއްބަހެއް ނުވެވެ އެވެ. އޭގެ އިތުރުން މަޓީގެ އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭއިން އަޅާލައިފައި ނުވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެހެންކަމުން އިންޑަސްޓްރީގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ވެސް، އެމްއެމްއޭގެ މިހާރުގެ ބައެއް އުސޫލުތަކާ ދެކޮޅެވެ.
މިއީ 'އެންމެ ޕާފެކްޓް ޖަވާބެއް' އޮތް ކަމެއް ނޫން
އާތިފަކީ ރާއްޖޭގެ ދަރަންޏާއި ބޭރު ފައިސާގެ ހާލަތާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އޭނާގެ ނަޒަރުގައި މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާ ނަމަ އެމްއެމްއޭގެ ފިޔަވަޅުތަކަށް ވެސް، އަދި މުޅި މައްސަލައަށް ވެސް، އެއްވެސް މީހަކަށް 'އެންމެ ޕާފެކްޓް ޖަވާބެއް' ދެވޭކަށް ނޯންނާނެ އެވެ.
"ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރާށޭ، އެއީ ރަނގަޅު އަދަދެއްތޯ؟ މިތައް ކޮޓަރި ވީމައޭ މިގޮތަށް ގިންތިކުރާނީ، ނުވަތަ އެ ގިންތިކުރުމަކީ އެންމެ ރަނގަޅު ގިންތިކުރުންތޯ. މި ހުންނަނީ ޕާފެކްޓް ޖަވާބެއް އެއްވެސް މީހަކަށް ދެވޭނެ ކަންކަމެއް ނޫން،" އާތިފް ވިދާޅުވި އެވެ.
ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މިހާރު އޮންނަނީ ޑޮލަރަށް ބިނާވެފަ އެވެ. މިސާލަކަށް ބައެއް ކުންފުނިތަކުން ޑިމާންޑްކުރަނީ ޑޮލަރުން ފައިސާ ދައްކާށެވެ. ރިސޯޓްތަކުގެ މުވައްޒަފުން ބާރު އަޅަނީ ޑޮލަރުން މުސާރަ ދޭށެވެ. އެހެންކަމުން ރާއްޖޭގައި ވިޔަފާރީގެ މުއާމަލާތް ހިންގަން ޖެހެނީ ދިވެހި ރުފިޔާއިން ކަމަށް ވިޔަސް އަސްލު ނުފޫޒަކީ ޑޮލަރެވެ.
"މި ގޮތަށް ޑޮލަރައިޒްޑް ވެފައި އޮތް އެކޮނޮމީއެއްގައި ކުއްލިއަކަށް [ކަންކަން] ހަމަޔަކަށް ނޭޅޭނެ،" އާތިފް ވިދާޅުވި އެވެ.
"އެމްއެމްއޭއިން އެކުރީ ކުރަން ޖެހޭ ކަމެއް. ހިނގަން ޖެހިފައި އޮތް މަގަކުން ހިނގަން ފަށާފައި އެ އޮތީ. އެޅި ފިޔަވަޅުތަކަކީ އެންމެ ރަނގަޅަށް މަޝްވަރާކޮށްގެން އެޅި ފިޔަވަޅުތަކެއްތޯ ޔަގީނެއް ނޫން."
ދެން އޭނާ ވިދާޅުވީ މިހެންނެވެ:
"އެންމެ ރަނގަޅު ގޮތް އެނގޭ މީހަކު މި ދުނިޔެމައްޗަކު ނޫޅޭނެ."
މިއީ އުނދަގޫ ދަތުރެކެވެ. ހަލާކެއްގެ ތެރެއިން ރަނގަޅެއް ފެނޭތޯ ފެށި ދަތުރެކެވެ. ހިތްހަމަނުޖެހުންތައް ހުންނާނެ އެވެ. ހުރަސްތައް ދިމާވާނެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ ހިމާޔަތާއި އެ އިންޑަސްޓްރީއަށް ވެސް ނޭވާލެވިގެން މި ދަތުރުގައި ބައިވެރިވެވޭނެ ގޮތްތައް ވެސް ފަހިވާން ޖެހޭނެ އެވެ.
އެންމެ ރަނގަޅު ޖަވާބާއި އެންމެ ރަނގަޅު ގޮތް ނުފެނުނު ނަމަވެސް މައްސަލައަށް ހައްލެއް ލިބޭތޯ އުޅުމަކީ، އެއް ތަޖުރިބާކާރު ވިދާޅުވި ގޮތުގައި، ގައުމުގެ ހައްގުގައި އެންމެން ވެސް ނަގަން ޖެހިފައި އޮތް ޒިންމާއެކެވެ.
އެކަމަށް ފުރަތަމަ އެއްބަސްވަމާ ހިނގާށެވެ.
ކޮމެންޓް (3)
މުހައްމަދު
ކަށަވަރު
ދެޓް