މަޖިލީހުގެ ޖަލްސާއެއްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ޓޫރިޒަމް

ޓެކްސްތައް ބޮޑު ކުރަން ވާނީ ފަތުރުވެރިކަމަށް ލޮޅުން ނާންނަ ގޮތަށް: މުހައްމަދު އައްބާސް

ރިސޯޓުތަކުން ބޮލަކަަށް 500 ޑޮލަރު ބެންކަށް މާރު ކުރަން ޖެހޭ ގޮތަށް ހެދުމުން އެކަމާ ވެސް އައްބާސް ކަންބޮޑުވުން ފާޅުކުރެއްވި

ފަތުރުވެރިކަމާ ގުޅުން ހުރި ޓެކްސްތައް ބޮޑު ކުރަން ވާނީ އެ ސިނާއަތަށް ލޮޅުން ނާންނަ ގޮތެއްގެ މަތިން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ރިސޯޓް ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހަމަދުގެ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް މިގޮތަށް ވާހަކަ ދެއްކެވީ، ޓީޖީއެސްޓީ %17 ބޮޑު ކުުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އައްބާސްގެ ވާހަކައިގައި އޭނާ ވިދާޅުވީ، ސަރުކާރުން ހުށަހެޅި އިސްލާހަށް އޭނާ ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް އެކަމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • މި ދުވަސްވަރަކީ، ދުނިޔޭގައި ބޮޑެތި ހަނގުރާމަތަކެއް ކުރަމުންދާ ދުވަސްވަރެއް ކަމުން އޭގެ އަސަރު ރާއްޖޭގެ ޓޫރިޒަމްއަށް ވެސް ކުރާނެ

  • އަވައްޓެރި ލަންކާގެ އިގްތިސާދު ހަމައަކަށް އެޅި، އެ ގައުމުގެ ފަތުރުވެރިކަން ވެސް އަންނަނީ ރަނގަޅުވަމުން

"އަޅުގަނޑުމެންގެ އިގްތިސާދުގެ ބެކްބޯން [މައިބަދަ]އަކީ ފަތުރުވެރިކަން. އަޅުގަނޑުމެން ކުއްލި ކުއްލިއަށް ޓީޖީއެސްޓީއަށް [ނުވަތަ] ގްރީން ޓެކްސް [ނުވަތަ] އެއާޕޯޓު ޓެކްސްއަށް މި ގެނެވޭ ބަދަލުތައް އެއްކޮށްލާއިރު، ބޮލަކަށް ވަރަށް ބޮޑު އަދަދެއް މި ޖެހެނީ. މިއީ، މިވަގުތައް އެންމެ މުހިންމު ކަމެއްތޯ ނުވަތަ ނޫންތޯ ކޮންމެހެން ވެސް ވިސްނާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

13 ޖެނުއަރީ 2023: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފަތުރުވެރިން ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) 

އައްބާސް ވިދާޅުވި ގޮތުގައި ޓެކްސްއަށް މި ގެންނަ ބަދަލުން އެންމެ ބޮޑު އަސަރެއް ކުރާނެ ބަޔަކީ މެދު ފަންތި އަދި ކުދި ފަންތީގެ ވިޔަފާރިތަކަށެވެ. އެގޮތުން، ގެސްޓު ހައުސް ވިޔަފާރި ކުރައްވާ ބޭފުޅުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވާ ނަމަ، މި ހަނގުރާމަތަކާ ގުޅިގެން ނ. ފޮއްދޫގައި ސާއްބަ ޓްރެވަލްސް އެންޑް ޓުއާސްއިން ހިންގާ ގެސްޓުހައުސްތަކަށް ގެސްޓަކު ނާންނަތާ ހަތަރު މަސް ދުވަސް ވެއްޖެ. އެކަމަކު މީގެ ކުރީގެ ހަތަރު އަހަރުތަކުގައި ފުލުފުލުން 33 އެނދު ފުލްވަންދެން ގެސްޓުން އައިސް ތިބި،" އަމިއްލަ ވިޔަފާރީގެ ވާހަކަ ދައްކަވަމުން ފޮއްދޫ ވެސް ހިމެނޭ، ވެލިދޫ ދާއިރާގެ މެންބަރު އައްބާސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަތުމަށްޓަކައި ޓެކްސްގެ ނިޒާމަށް ބަދަލު ގެނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާކަން ފާހާގަކުރައްވައި އޭނާ ވިދާޅުވީ، މިފަދަ ބަދަލުތައް ގެންނަ އިރު ފޮރިން އިންވެސްޓްމަންޓަކުގެ އިތުބާރު ވެސް ލިބޭނެ ގޮތަށް ވިސްނަން ޖެހޭ ކަމަށެވެ. 

"ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ރައްޔިތުންގެ އަނގަޔާއި އަތާ ދިމާ ކުރުމަށް، ބޭނުންވާ އަސާސީ ހިދުމަތަައް ދިނުމަށް ޓެކްސް ބޮޑުނުކޮށް ވާން ނެތިއްޔާ އެއީ ކުރަން ޖެހޭ ކަމެއް. އެކަމަށް އަޅުގަނޑު ތާއީދު،"އައްބާސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ޓެކްސް ބޮޑު ކުރާއިރު، ފަތުވެރިކަމަށް ލޮޅުންނާރާނެ ގޮތަކަށް އެބަ ޖެހޭ މިކަން ކުރަން. އަވައްޓެރި ގައުމުތަކުން މީީގެ ފައިދާ ނަންގަވާނެކަން ވިސްނަވަން ވާނެ. އެ ބޭފުޅުން ފާޑުފާޑުގެ ޕެކޭޖްތަކާ އެއްޗިސް ދެއްވާނެ."

'ބައެއް ރިސޯޓުތަކުން މުސާރަ އާއި ސާވިސް ޗާޖް ރުފިޔާއާއިން ދޭން ނިންމައިފި'

މިފަހުން ސަރުކާރުން ވަނީ ފަތުރިކަމުގެ ހިދުމަތް ދޭ ތަންތަނުން 500 ޑޮލަރު ބެންކަށް މާރު ކުރަން ޖެހޭގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.

އެކަމާ ވެސް ކަންބޮޑުވެވަޑައިގެން އައްބާސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުމުގެ ސަބަބުން ބައެއް ރިސޯޓުތަކުން މީގެ ކުރިން ޑޮލަރުން ދެމުން އައި މުސާރަ އާއި ސާވިސް ޗާޖް ރުފިޔާއިން ދޭ ގޮތަށް އޮތީ ނިންމާފަ އެވެ.

"އެ ވިޔަފާރިއެއްގެ ނަން ހިމާޔަތް ކުރުމައްޓަކައި އެ ރިސޯޓެއް ނަން ނުދެންނެވޭނެ. ބައެއް ރިސޯޓުތަކުގެ ސްޓާފުންނަށް ޑޮލަރުން ދެމުން އައި މުސާރަ އާއި ސާވިސް ޗާޖް ރުފިޔާއަށް ދޭން ބަދަލު ކުރި ހިތާމަވެރި ހަބަރު ވެސް މިހާރު ބައެއް ރިސޯޓުތަކުގައި ތިބި ސްޓާފުންނަށް އެތަންތަނުގެ އެޗްއާރުން އަންގާފައިވޭ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކުން 12 އަހަރު ކުޑަކުދިން ގެންނަނީ ހިލޭ ކެއުމާއި ހިލޭ ދޭ ޕެކޭޖްތަކެއްގެ ދަށުން ކަމަށެވެ. އަދި ބައެއް ގެސްޓުހަސްތަކުން ވެސް އެކަން ކުރަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ، ގިނަ އާއިލާތައް، ގިނަ ފަތުވެރިން ގެނެސް އެތަންތަން ފުރާލުން. އެހެން ނަމަވެސް ޓެކްސްއަށް [އަދި ބޮލަކަށް ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް] މިކަހަލަ ބަދަލުތަކެއް އަންނަ ކަމުގައިވާ ނަމަ، އޭގެ އަސަރު ފަތުރުވެރިކަމަށް ކޮށްފާނެކަން ވިސްނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - މުވައްޒަފުންނަށް ސާވިސް ޗާޖް ރުފިޔާއިން ދޭން ބައެއް ރިސޯޓުތަކުން ނިންމިކަމަށް އައްބާސް ވިދާޅުވި ނަމަވެސް ގާނޫނުގައިވާ ގޮތުން އެއީ ޑޮލަރުން ދޭން ޖެހޭ އެއްޗެެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް